ޚަބަރު
މަސްވެރިންގެ ދުވަހުގެ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި
ރާއްޖޭގައި ބާނާފައިވާ މަސް ފޮޓޯ: މަސްވެރިކަމާއި ބެހޭ ވުޒާރާ
މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 05 ޑިސެމްބަރ 2026 ވާ ހޮނިހިރު ދުވަހުއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ޢާންމުކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މުބާރާތަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ. ނަމަވެސް، މާލެ ސިޓީއިން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 20 ޓީމަށެވެ. މުބާރާތާ ގުޅޭ ޢާންމު ޤަވާޢިދު ވެސް އެ ވުޒާރާއިން ވަނީ އިޢުލާނާއެކު ޢާންމުކޮށްފައެވެ.
މުބާރާތުގައި އިނާމުދިނުމަށް ހަމަޖެހިފައި ވަނީ 1، 2 އަދި 3 ވަނައަށްދާ ފަރާތްތަކުގެ އިތުރުން އެންމެ ބަރު މަސް ބާނާ ފަރާތަށެވެ.
ކަނޑައެޅިފައިވާ ފައިސާގެ އިނާމު:
- 1 ވަނަ ޓީމް: 50,000 ގެ ފައިސާގެ އިނާމު
- 2 ވަނަ ޓީމް: 35,000 ގެ ފައިސާގެ އިނާމު
- 3 ވަނަ ޓީމް: 25,000 ގެ ފައިސާގެ އިނާމު
- ބަރުމަސް ބޭނި ފަރާތް: 7,000 ގެ ފައިސާގެ އިނާމު
މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، ކަނޑައެޅިފައިވާ އޮންލައިން ފޯމު މެދުވެރިކޮށް 23 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ފޯމު ހުށަހަޅަންޖެހެއެވެ.
އަދި މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެ ވުޒާރާގެ ފޯނު ނަންބަރު 3339225 ނުވަތަ 7951395 އަށް ގުޅުމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.