ޚަބަރު
މަރުގެ އަދަބު ތަންފީޒުކުރުމުގެ ބިލަށް އިދިކޮޅު މެންބަރުންގެ ފުރިހަމަ ތާއީދު
ރައްޔިތުންގެ މަޖިލިސް - ފޮޓޯ: ރައީސް އޮފީސް
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން މިހާރު ހުށަހަޅާފައިވާ މަރުގެ އަދަބު ކަނޑައެޅުމާއި އެ އަދަބު ތަންފީޒު ކުރުމާ ބެހޭ ބިލަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މަޖިލިސް މެންބަރުން ވެސް ފުރިހަމައަށް ތާއީދުކުރައްވައި ވާހަކަދައްކަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަހުސްގައި ވާހަކަދައްކަވަމުން އިދިކޮޅު މެންބަރުން ވަނީ އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ މި ހައްދު ރާއްޖޭގައި ގާއިމުކުރުމަށް އެއްބަސްވެވަޑައިގެންފައެވެ. އަދި މިހާތަނަށް އެ އަދަބު ތަންފީޒު ނުވެ އޮތީ ގާނޫނާއި ގަވާއިދު ނެތިގެން ނޫން ކަމަށާއި، ވެރިކަން ކުރެއްވި ބޭފުޅުންނަށް އެކަން ކުރައްވަން ކެރިވަޑައިނުގަތުމުން ކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ.
ބިލަށް ބަހުސްކުރައްވަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވީ، މަރަށް މަރު ހިފުމަކީ މާތްވެގެންވާ އިސްލާމްދީނުގައި ސާފުކޮށް ބަޔާންވެގެންވާ ހައްދެއް ކަމަށެވެ. އަދި އެއީ މަޖިލީހުގައި ވެސް ފާޅުގައި ވާހަކަދެކެވެން ޖެހޭނެ ކަމެއް ކަމަށާއި، ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރަންޖެހޭނެ ކަމަށް އޭނާ ހިތުގެ އަޑިން ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
"މި ބިލަކީ އިސްލާމްދީނުގައި އޮތް ހައްދެއްގެ ވާހަކަ، މިއާ ބެހޭގޮތުން އަޅުގަނޑުމެންނަށް ވާހަކަ ދެއްކޭނެ. މަރުގެ ހުކުމް ތަންފީޒު ކުރަންވާނެ އެނގޭތޯ. އެކަމާ ހިތުގެ އަޑިން އަޅުގަނޑު ގަބޫލުކުރަން އެކަން ކުރަންވާނެކަން."
މުހައްމަދު އިބްރާހިމް ވިދާޅުވިއެވެ.
މީގެއިތުރުން، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ 1954 ވަނަ އަހަރު ކަމަށް ވާއިރު، އޭގެ ފަހުން މިއަދާ ހަމައަށްވެސް އެ ހުކުމް ތަންފީޒު ކުރެވިފައި ނުވާކަން ފާހަގަކުރެއްވިއެވެ. އަދި ކޮންމެ ވެރިކަމެއްގެ ވެސް ދައުރު ނިމެން ގާތްވުމުން މަރުގެ އަދަބު ތަންފީޒުކުރުމުގެ ވާހަކަ ދައްކަވާ ކަމަށާއި، ކުރީގެ އެމްޑީޕީ ސަރުކާރުންވެސް އެކަމަށް ބޭނުންވާ އެންމެހައި ތައްޔާރީތައް ވުމަށްފަހު އަމަލީ ސިފައެއް ނުގެނެވުނު ކަމަށް ވިދާޅުވެ އޭނާ ފާޑުވިދާޅުވިއެވެ.
"އެހެން އެކަންވި ސަބަބު އަޅުގަނޑުމެން ބަލާކަށް ނުޖެހޭނެ. މިއަދު އަޅުގަނޑުމެންނަށް އޮތް ދީނީ ޒިންމާއަކީ އެ މަގާމު، ހައިސިއްޔަތު ނުވަތަ އެބާރު އެމީހެއްގެ މައްޗަށް ލިބޭ ހިސާބުން ފެށިގެން ކީރިތި ގުރުއާނާއި ސުންނަތުން ސާބިތުވާ ކަންކަން ކުރުން. މިއަދު އެކަން ނުކުރެވި މިއޮތީ އެކަމަށް ބޭނުންވާ ގާނޫނާ ގަވައިދާ ނެތިގެންތޯ ސުވާލު އުފައްދަން ޖެހޭ. ހަގީގަތަކީ އެއަށް ބޭނުންވާ ގާނޫނާ ގަވައިދާ އިޖުރާއަތްތައް ނެތިގެން ނޫންކަން އެކަން ނުކުރެވި އޮތީ. ބާރަށު ދާއިރާގެ މެންބަރު ވިދާޅުވި ފަދައިން އެކަން ކުރަން ކެރިވަޑައިނުގަންނަވަނީ،"
މައުރޫފް ވިދާޅުވިއެވެ.
މައުރޫފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ވެރިކަމުގެ ބާރާއި މަގާމު ލިބުމުން ކީރިތި ގުރުއާނާއި މާތް ނަބިއްޔާގެ ސުންނަތުން ސާބިތުވާ ކަންކަން ތަންފީޒުކުރުމަކީ ދީނީ ޒިންމާއެކެވެ. ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ނުވެ އޮތީ އިޖުރާއަތްތަކާއި ގާނޫނުތައް މަދުވެގެން ނޫން ކަމަށާއި، އެއީ ވެރިންނަށް އެކަން ކުރަން ކެރިވަޑައިނުގަތުން ކަމަށް ބާރަށު ދާއިރާގެ މެންބަރު ދެއްކެވި ވާހަކަފުޅަށް ވެސް މައުރޫފް ތާއީދުކުރެއްވިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދައުރުގައި، މީހަކު މެރި ކުށްވެރިއެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމަށްޓަކައި ލީތަލް އިންޖެކްޝަން ރާއްޖެ ގެނެސްފައިވާކަން ވެސް މެންބަރުން ފާހަގަކުރެއްވިއެވެ. ނަމަވެސް އޭރުވެސް އެކަން ތަންފީޒު ކުރެވިފައެއް ނުވެއެވެ. މީގެއިތުރުން، ޝަރުއީ ހުރިހާ މަރުހަލާތަކެއް ނިމި މަރުގެ ހުކުމް ކަށަވަރުވެފައިވާ ކުށްވެރިން ޖަލުގައި އެބަތިބި ކަމަށާއި، އޭގެ ތެރެއިން ބައެއް މީހުން އެމީހުންގެ މައްޗަށް އަދަބު ތަންފީޒުކޮށްދިނުމަށް އަމިއްލައަށް އެދެމުންދާ ކަމަށްވެސް ބަހުސްގައި ފާހަގަކުރެވުނެވެ.
ވޭތުވެދިޔަ ވެރިކަންތަކުގައި މި ފިޔަވަޅު އަޅަން ފަސްޖެހިފައި އޮތް ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާރު ވަނީ މިކަމަށް ހާއްސަ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަށްޓަކައި ބިލެއް މަޖިލީހަށް ހުށަހަޅާފައެވެ. އިސްލާމީ ޝަރީއަތުގައިވާ ހައްދުތައް ގާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަސައްކަތަށް ސަރުކާރު ހިންގާ ޕާޓީގެ އިތުރުން، އިދިކޮޅު މެންބަރުންގެ ފަރާތުންވެސް ބޮޑު ތާއީދެއް ލިބެމުންދާކަން މިއަދުގެ ބަހުސުން ވަނީ ހާމަވެގެން ގޮސްފައެވެ.