ޚަބަރު
ބަންދުގައި ހުއްޓާ ފިޓުޖެހުނު މީހާގެ އެޕާޓްމެންޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިއްޖެ
ފުލުހުންގެ ހެޑްކުއަރޓާސް. ފޮޓޯ:މިހާރު
މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން ފިޓުޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ މީހެއްގެ އެޕާޓްމެންޓުން، ކެނަބިސް ކަމަށް ޝައްކުކުރެވޭ 303 ގުރާމަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި އެ ތަކެތި ވިޔަފާރިކުރަން ގެންގުޅޭ އާލާތްތައް ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ އުމުރުން 39 އަހަރުގެ ފިރިހެނެކެވެ. އޭނާގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ގެންގުޅުމާއި، ބޭނުންކުރުމުގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރުމުގެ ތުހުމަތެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާ ދިރިއުޅޭ އެޕާޓްމެންޓު ބަލައިފާސްކުރިއިރު އެތަނުގެ ކަނާތްފަރާތު ދެވަނަ ކޮޓަރިން ކެނަބިސް ކަމަށް ބެލެވޭ 303.72 ގުރާމުގެ ތަކެތި ވަނީ ފެނިފައެވެ. މީގެ އިތުރުން މަސްތުވާތަކެތި ބަންދުކޮށް ބާޒާރަށް ނެރުމަށް ބޭނުންކުރާ ފިލްމު ހުސްކުރި ދަޅުތަކާއި، ސެލޯފިން ރޯލުތަކުގެ އިތުރުން ޑިޖިޓަލް ކައްޓާއެއް އެ ކޮޓަރިން ފެނިފައިވެއެވެ. އަދި އެ ގޭގެ ސިޓިންރޫމު ތެރެއިން ވެސް މަސްތުވާތަކެތި ކިރުމަށް ބޭނުންކުރާ ޑިޖިޓަލް ކައްޓާއަކާއި ފިލްމު ހުސްކުރި ދަޅުތަކެއް ވަނީ ފެނިފައެވެ.
ފުލުހުންގެ ބަންދުގައި ހުއްޓާ ފިޓުޖެހުމާ ގުޅިގެން އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާތީ، ކޯޓުން ފުރަތަމަ އޭނާގެ ބަންދާމެދު ގޮތެއް ނިންމީ ޣައިރު ހާޒިރުގައެވެ. އެގޮތުން 15 ދުވަހުގެ މުއްދަތެއް ޖެހުމަށްފަހު، ފަނޑިޔާރުންގެ ކުރިމައްޗަށް ހާޒިރުކުރެވޭ ފަދަ ހާލަތަކަށް އޭނާގެ ސިއްހީ ހާލަތު ބަދަލުވާތާ 24 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހާޒިރުކުރުމަށް އަމުރުކުރިއެވެ.
އޭގެ ފަހުން، ކުށް ކުރިކަމަށް ތުހުމަތުކުރެވޭ އެކަށީގެންވާ ހެކި ހުރި ކަމަށް ބަލައި ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފައެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 30 ވާ ހޯމަ ދުވަހަށެވެ.