Ads by Farudhun

ޚަބަރު

މަރުގެ އަދަބު ތަންފީޒު ނުކުރެވުނީ ކުރީގެ ވެރިންގެ ފިނޑިވީމަ: ޝުޖާއު

މަރުގެ އަދަބު ތަންފީޒު ނުކުރެވުނީ ކުރީގެ ވެރިންގެ ފިނޑިވީމަ: ޝުޖާއު

ރައްޔިތުންގެން މަޖިލީހުގެ ބާރަށު މެމްބަރު އިބުރާހިމް ޝުޖާއު - ފޮޓޯ: ޕީއެސްއެމް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

16 ނޮވެމްބަރު 2026، 10:26

16 ނޮވެމްބަރު 2026، 10:26

މަރުގެ އަދަބު ތަންފީޒު ނުކުރެވުނީ ކުރީގައި ރާއްޖޭގައި ވެރިކަންކުރި ވެރިންގެ ފިނޑިކަމުންކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.

މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒު ކުރުމުގެ ބިލަށް ބަހުސް ކުރައްވަމުން ޝުޖާއު ވިދާޅުވީ، ދިވެހިރާއްޖޭގައި މީގެކުރިން ވެރިކަން ކުރެއްވި ބޭފުޅުންގެ ކިބައިގައި ހުރި ފިނޑިކަމެއްގެ ސަބަބުންނާއި، ޤާނޫނުއަސާސީ އައުމަށްފަހު ވެސް އިސްލާމީ ޝަރީޢަތުގެ ހަމަތަކާ އެއްގޮތަށް ވެރިކަން ނުހިންގުމުގެ ނަތީޖާއެއްގެ ގޮތުން، މަގުމަތީގައި މީހުން މެރުން އާންމުވެ ގައުމުގެ ސުލްހަމަސަލަސްކަން ގެއްލިގެން ދިޔަ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ، މަރުގެ އަދަބު ކަނޑައެޅުމާއި އެ އަދަބު ތަންފީޒުކުރުމާ ގުޅޭ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުން މެންބަރު ޝުޖާއު ވިދާޅުވީ، ޒުވާނުންގެ މެދުގައި ބަދަލުހިފުމުގެ ރޫހު އަށަގަނެ، އެކަކު އަނެކަކަށް ތޫނު ހަތިޔާރުން ހަމަލާދީ ލޭއޮހޮރުވުންތައް ހިންގަން މެދުވެރިވި މައިގަނޑު ސަބަބަކީ އޭރު ތިއްބެވި ވެރިންގެ ފިނޑިކަން ކަމަށެވެ. އަދި އެފަދަ ބިރުވެރި ހާލަތްތަކާ ގައުމަށް ކުރިމަތިލާން ޖެހެނީ މާތް ﷲ އަންގަވާފައިވާ ހުކުމްފުޅުތަކާ އެއްގޮތަށް ކަންކަން ތަންފީޒު ނުކުރާތީ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ބޭރުގެ އެހީއާއި ގުޅުންތަކަށް އިޝާރާތްކުރައްވަމުން ޝުޖާއު ވިދާޅުވީ، ބޭރު ދުނިޔޭގެ ވަކި ގައުމަކުން ލިބޭ އެހީއެއް ކެނޑިދާނެތީ ނުވަތަ ބޭރުގެ ފިއްތުންތަކަށް ބިރުން އިސްލާމްދީނުގެ ހުކުމްތައް ގާއިމުނުކޮށް ފަސްޖެހޭނަމަ، ދިވެހިންނަށް މާތް ﷲ ދެއްވާފައިވާ އަމާންކަމުގެ ނިއުމަތް ބީވެގެން ހިނގައިދާނެ ކަމަށެވެ. އަދި 2013 އިން 2018 އަށް އަދި 2019 އިން 2023 އަށް ރާއްޖޭގައި މަރުގެ މައްސަލަތައް އިންތިހާއަށް އިތުރުވެގެން ދިޔައީ ﷲގެ ހުކުމްތައް ތަންފީޒު ނުކުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް، ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި މަރުގެ ހުކުމް ތަންފީޒުކުރުމަށްޓަކައި އެންމެހައި އިދާރީ ތައްޔާރީތައް ފުރިހަމަކުރި ނަމަވެސް، އޭރުގެ ވެރިންގެ ފިނޑިކަމުން އެކަން ތަންފީޒުކުރަން ނުކެރުނު ކަމަށް ޝުޖާއު ތުހުމަތުކުރެއްވިއެވެ.

"ގައުމުގެ ހަގީގަތަކީ މިއީ. ޕީއެންސީގެ ފުރަތަމަ ވެރިކަމުގައި ވެސް މިކަން އޮތީ މިހެން. އެކަމާ ހިތާމަކުރަން. އެ ދުވަސްވަރު އަޑުއިވިގެންދިޔައީ މަރުގެ އަދަބު ތަންފީޒުކުރާ ތަންވެސް ތައްޔާރުކޮށް، އިންޖެކްޝަންވެސް ހޯދި ވާހަކަ. އެހެންނަމަވެސް ތަންފީޒެއް ނުކުރެވުނު. ވެރިންގެ ފިނޑިކަމުން،"

ޝުޖާއު ވިދާޅުވިއެވެ.

މެންބަރު ޝުޖާއު ވިދާޅުވި ގޮތުގައި، މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ހަރުދަނާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކިބައިގައި އިސްލާމީ ހަމަތައް ގާއިމުކުރުމަށް ހުރި ކެރުންތެރިކަމާއި ސާބިތުކަން ހާމަވާ ކަމެކެވެ. މި ސަރުކާރުން ގާނޫނުގެ ވެރިކަން ނަގަހައްޓަން ފެށުމާއެކު، މިއަދު މުޅި ރާއްޖޭގެ މަގުތަކަށް އަމާންކަން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދުގެ އުފާވެރި ހަބަރަކީ އެ ޒުވާނާ ގާނޫނު އަޑުއަހައިފި، ވަލިއްޔުލްއަމުރުގެ އަޑުއައްސަވައި އެ ޒުވާނާ މިއަދު މާލޭގެ މަގުމަތީގައި އަމާންކަމާއެކީ އަނބިދަރިންނާއެކު ސައިކަލް ދުއްވާ. އެކަކު އަނެކަކަށް އޮތް މައްސަލަ ހައްލުވެއްޖެ. މައްސަލަޖެހިފައި ތިބި ޒުވާނުން އެކުގައި ކޮފީތަކުގައި އެބައުޅޭ. އެކުގައި މިސްކިތަށް އަރާ މަންޒަރު އެބަފެނޭ. މީ ގާނޫނު ތަންފީޒުކުރީމަ، ގާނޫނީ ވެރިކަމެއް ހިންގީމާ ގައުމަށް އައި އަމާންކަން،"

ޝުޖާއު ވިދާޅުވިއެވެ.

މަރުގެ އަދަބު ތަންފީޒުކުރުމުގެ ޝަރުއީ އިޖުރާއާތުތަކަށް އަލިއަޅުއްވާލައްވަމުން ޝުޖާއު ވިދާޅުވީ، މަރުގެ ހުކުމް ކަނޑައަޅައި ތަންފީޒުކުރެވޭނީ ޝަރުއީ އެންމެހައި މިންގަނޑުތަކުން ކުށް ސާބިތުވެ، އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަގީންވުމުން ކަމަށެވެ. އަދި ހުކުމް ތަންފީޒުކުރުމުގެ މަރުހަލާގައި ވެސް ވާރިސުންގެ ތެރެއިން އެކަކު ނަމަވެސް މާފުދީފި ހާލަތެއްގައި، މަރުގެ އަދަބު ތަންފީޒު ނުކުރެވޭނެ އުސޫލުތައް ކަނޑައެޅިފައި އޮންނަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، އަދަބު ތަންފީޒުކުރާނެ ގޮތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ބައެއް ބޭރު ގައުމުތަކުގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދިނުމުގައި، އެކަށީގެންވާ ގޮތެއްގައި މަރުނުވެ އެތައް ވޭނެއް އުފުލަންޖެހޭ ހާލަތްތައް މެދުވެރިވާ ކަމަށެވެ. އެހެންކަމުން، ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމުގައި ދަންޖެއްސުމުގެ އުސޫލު އިހުތިޔާރުކުރެވިފައިވަނީ މިފަދަ ކަންކަމަށް ރިއާޔަތްކުރުމަށްފަހު ކަމަށް އޭނާ ބަޔާންކުރެއްވިއެވެ.

Ads by Ministry of Arts, Culture and Heritage

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450