ޚަބަރު
ސިއްޙީ ވުޒާރާ އާ ޕީއެސްއެމް ގުޅިގެން އުފައްދާ "ހެލްތް ޓޯކް" ޕްރޮގްރާމް އިފްތިތާޙްކޮށްފި

ސިއްޙީ ވުޒާރާ އާ ޕީއެސްއެމް ގުޅިގެން އުފައްދާ "ހެލްތް ޓޯކް" ޕްރޮގްރާމް އިފްތިތާޙްކުރުން. ފޮޓޯ: ޕީއެސްއެމް
ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އާއި ސިއްޙީ ވުޒާރާ ގުޅިގެން އުފައްދާ "ހެލްތް ޓޯކް" ޕްރޮގްރާމް މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.
ޕީއެސްއެމްގެ ޓީވީ ބިލްޑިންގގައި ބޭއްވުނު ރަސްމިއްޔާތުގައި މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ޕީއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ނަސްރީން އަދި ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ.
މި ޕްރޮގްރާމަކީ ސިއްޙީ ރަނގަޅު އާދަތަކަށް އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ސިއްޙަތު ރައްކާތެރިކުރުމަށާއި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް މަގުފަހިކުރުވުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް އުފައްދާ ޕްރޮގްރާމެކެވެ.
"އަޅުގަނޑުމެންގެ ތެރޭގައި މިހާރު ހުރި ބަލިތަކަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާދަކާދަތައް ރަނގަޅުކުރެވިއްޖެނަމަ އޭގެން މާ ރަނގަޅު ނަތީޖާތަކެއް އަޅުގަނޑުމެންނަށް ނެރެވިދާނެ ކަންކަން" ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިއްޙީ ވަޒީރު ފާހަގަކުރެއްވިއެވެ.
ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަސްރީން ވިދާޅުވި ގޮތުގައި މި ޕްރޮގްރާމް ވާނީ އާންމު ޝޯތަކާ ތަފާތު ޕްރޮގްރާމަކަށެވެ. އަދި ރާއްޖޭގެ އެކި ރަށްތަކަށް ގޮސް، އެ ރަށްތަކުގެ ރައްޔިތުންގެ އާދަކާދަތަކާ ގުޅޭގޮތަށް ޕްރޮގްރާމް ބައްޓަންކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ސިއްޙީ ވުޒާރާއާއި ޕީއެސްއެމްއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ޙަމްދާން ނާސިރު އަދި ޕީއެސްއެމްގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަސްރީންއެވެ.