ޚަބަރު
މިއަހަރުގެ ހެލްތު އެކްސްޕޯ އަންނަ ނޮވެމްބަރު މަހު ބާއްވަނީ

މިދިޔަ އަހަރުގެ ހެލްތު އެކްސްޕޯ ގެ ތެރެއިން/ފޮޓޯ: ޞިއްޙީ ވުޒާރާ
މި އަހަރުގެ ހެލްތު އެކްސްޕޯ އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ޞިއްޙީ ވުޒާރާއިން ވިދާޅުވީ، ހެލްތު އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެންބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހާ ހަމައަށް ކަމަށެވެ. ހަމަ އެހެންމެ، އެ ވުޒާރާއިން ވަނީ މި އެކްސްޕޯ އިންތިޒާމުކޮށްދޭނެ ބަޔަކު ހޯދަން މިހާރު އިޢުލާންކޮށްފައެވެ. މި އެކްސްޕޯގައި، 50 ސްޓޯލާއި ކާބޯތަކެތި ވިއްކާ 10 ސްޓޯލް ހުންނާނެކަމަށް ޞިއްޙީ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ. އަދި ލަކީޑްރޯ ހޮވުމާއި ސްޓޭޖް ޝޯއެއް ކުރިއަށްގެންދިއުމަށްވެސް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.
މި އެކްސްޕޯއަކީ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމާއި ޞިއްޙީ ދާއިރާއިން ކުރަމުން އަންނަ މަސައްކަތްތަކާއި ޞިއްޙީ ގޮތުން ދުޅަހެޔޮ އާދަތަކަށް ހޭލުންތެރިކުރުމާ ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ އެކްސްޕޯއެއްކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވިއެވެ. މި އެކްސްޕޯގައި ސިއްޙަތާ ގުޅުންހުރި ގިނަ މުއައްސަސާތަކުން ބައިވެރިވާނެއެވެ. މީގެ ތެރޭގައި އެމްއެފްޑީއޭ، އައިކެއަރ، މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީ، ހުޅުމާލެ ހޮސްޕިޓަލް، އެޗްޕީއޭ އަދި އައިޖީއެމްއެޗްގެ އިތުރުން އެހެނިހެން ސިއްޙީ ޚިދުމަތްދޭ ތަންތަން ހިމެނެއެވެ.
ޞިއްޙީ ވުޒާރާއިން މިދިޔަ އަހަރު ބޭއްވި އެކްސްޕޯއަށް ލިބުނު ތަރުޙީބާއި ބައިވެރިވި މީހުންގެ އަދަދުން ފާހަގަކޮށްލެވޭހާ ބޮޑެވެ. މިކަމުން ރައްޔިތުން ސިއްޙަތަށް ދޭ އަހައްމިއްޔަތުކަން ދައްކުވައިދިނެވެ.