ޚަބަރު
ފަސް މިލިއަން ގަސް ޕްރޮގްރާމް: ގއ. ދާންދޫ ހިއްކި ސަރަޙައްދުގައި 3000 ގަސް އިންދައިފި

ދާންދޫ ހިއްކި ސަރަޙައްދުގައި ގަސް އިންދުން--
ދިވެރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ގއ. ދާންދޫ ހިއްކި ސަރަޙައްދުގައި 3،000 ގަސް އިންދައިފި އެވެ.
މި ޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ، އެސްޑީއެމް ވެންޗާސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްވެ، ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއާއި، ކައުންސިލް އަދި މުއައްސަސާތަކާއި ގުޅިގެންނެވެ.
ގަސް އިންދުމުގެ ޕްރޮގްރާމް ދަށުން ދާންދޫގެ ހިއްކި ސަރަޙައްދުގައި މި ހަރަކާތް ހިންގާފައިވަނީ ޤައުމީ ފެންވަރުގައި ހިންގޭ 5 މިލިއަން ގަސް އިންދުމުގެ މަޝްރުޢޫގެ ދަށުން ދާންދޫގެ ރަށު ތިމާވެށި ރައްކާތެރިކޮށް، ގަސްގަހާ ގެހި ގިނަކުރުމުގެ މުހިންމު މަޤްޞަދުގައެވެ. އަދި މި ހަރަކާތުގައި އެސްޑީއެމް ކުންފުނީގެ މުވައްޒަފުންނާއި، ސްކޫލުގެ ކުދިންނާއި، ދާންދޫ ކައުންސިލް އަދި ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.
އެސްޑީއެމް ވެންޗާސް ޕްރައިވެޓް ލިމިޓެޑުން ބުނީ، މި ޙަރަކާތުގެ ދަށުން އިންދިފައިވާ 3،000 ގަހުގެ ސަބަބުން ދާންދޫގެ ހިތްފަސޭހަކަން އިތުރުވެ، އަލަށް ހިއްކި ސަރަޙައްދު އާރޯވެގެން ދާނެކަމަށް ދާންދު ކައުންސިލުން ފާހަގަކުރައްވާފައިވާ ކަމަށެވެ. ހަމަ އެހެންމެ، މިފަދަ ޙަރަކާތްތަކުގެ ސަބަބުން ތިމާވެށި ހިމާޔަތްކުރުމަށް ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުވެ، ގަސް އިންދުމުގެ ސަޤާފަތެއް އުފެދިގެން ދާނެ ކަމަށް އެސްޑީއެމް ކުންފުނިން ވަނީ ބުނެފައެވެ.
މި މަޝްރުޢޫގެ ދަށުން މިހާތަނަށް 76،9439 ގަސް ވަނީ އިންދިފައެވެ. އަދި މި އަހަރުގެ އަމާޒަކީ 1 މިލިއަން ގަސް އިންދާ ހަމަ ކުރުން ކަމަށްވާއިރު، މިކަން ކުރުމަށް މިހާތަނަށް 6.4 މިލިއަނަށްވުރެ ގިނަ އަހުދު ވަނީ ލިބިފައެވެ.