ދީން / ޚަބަރު
މުޖުތަމަޢުގެ ފަސާދަ ވުމަކީ اللهގެ ނިޢުމަތްތައް ހަނދާން ނައްތައިލުމުގެ ނަތީޖާއެއް : ހުކުރު ޚުތުބާ

ރާއްޖޭގެ އިސްލާމީ މަރުކަޒު ފޮޓޯ : އިންޓަނެޓް
މާތް الله ދެއްވި މަތިވެރި ނިޢުމަތްތައް ހަނދާން ނައްތައިލައި، ލިބިފައިވާ ތަނަވަސްކަމަށް ބޮޑާވެ، އެކަލާނގެއަށް އުރެދި ޣާފިލުވުމުން މުޖުތަމަޢުތައް އިޖުތިމާޢީ ގޮތުންނާއި، އަޚުލާޤީ ގޮތުން ފަސާދަވާކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ. "މުޖުތަމަޢު އިސްލާޙުކުރުން، އެންމެންގެ ޒިންމާ" މި މަޢުޟޫއަށް ދެއްވި ޚުތުބާގައި ވަނީ މިފަދަ ނުރަނގަޅު އާދަތަކުން ދުރުހެލިވެ، މުޖުތަމަޢު ބިނާކުރުމަށް ގޮވާލައްވާފައެވެ.
މުސްލިމުންނަކީ އަމާންކަމާއި، ސުލްޙަވެރިކަމާއެކު އުޅެމުންއައި ބައެއްކަން ފާހަގަކުރައްވާ ހުކުރު ޚުތުބާގައި ވިދާޅުވީ، ފަހުގެ ތާރީޚުގައި މުޖުތަމަޢަށް އިޖްތިމާޢީ ގޮތުންނާއި އަޚުލާޤީ ގޮތުން އައިސްފައިވާ ބަދަލުތަކަކީ އެއާމެދު ކޮންމެ މީހަކު ފުންކޮށް ވިސްނައި ފިކުރުކުރަންޖެހޭ ކަމެއް ކަމަށެވެ. މުޖުތަމަޢުގެ މިހާރުގެ ހާލަތަކީ އިންޒާރެއް ކަމަށް ވެސް ޚުތުބާގައި ބަޔާންކުރެއްވިއެވެ.
މުޖުތަމަޢުގައި މިހާރު އާންމުވެފައިވާ ނުރަނގަޅު އާދަތަކުގެ ތެރެއިން އެއްކަމަކީ މައިންބަފައިންނަށް އުރެދުމާއި، އެމީހުންނަށް ނުކިޔަމަންތެރިވުންކަން ފާހަގަކުރައްވާ ޚުތުބާގައި ވަނީ، މައިންބަފައިންނަށް އިޙުސާންތެރިވުމަކީ މާތް الله އިންސާނާއަށް ކުރައްވައިފައިވާ ވަޞިއްޔަތެއްކަން ހަނދާންކޮށްދެއްވާފައެވެ. މަންމައާއި ބައްޕަގެ ރުހުންލިބިއްޖެ ނަމަ، އެ މީހަކަށް މެދުވެރިވާ އެތައް މުޞީބާތަކުން މާތް الله އެ މީހަކު ސަލާމަތްކުރައްވާނެކަމަށާއި، މިކަން މިހެން އޮތް ހިނދު، މައިންބަފައިންނަށް ނިކަމެތިކޮށްހިތައި، އެމީހުން ހިތުގައި ޖައްސުންފަދަ ކަންކަން ކުރުމުގައި ނުބައިކަމުގެ މައްޗަށް ޚުތުބާގައި އަލިއަޅުއްވާލެއްވިއެވެ.
މީގެއިތުރުން ޚުތުބާގައި ފާހަގަކުރެއްވި އެހެން ކަމަކީ މިޒަމާނުގައި ބައެއް މީހުން ނަމާދުކޮށްގެން ފައިބައި މިސްކިތުގެ ދޮރޯށިކައިރީގައި ތިބެ، ޣީބަބުނުމާއި، ނެތިމޮށުމާއި، މީސްތަކުންނަށް ޢައިބުކިއުމާއި، ޖަދަލުކުރުންފަދަ ދީނުގައި ނަހީކުރައްވާފައިވާ އެތަކެއް ފާފަތަކަށް އަރައިގަންނަކަމެވެ. ނަމާދުން ފައިބައިގެން، މުސްލިމު އަޚުންނާ ސަލާމްކުރުމަށްފަހު މަޑުމައިތިރިކަމާ އެކީ ގެއަށް އެނބުރި ދާމީހާގެ މާތްކަމުގެ ބޮޑުކަމާމެދު މާތް ނަބިއްޔާ މުޙައްމަދުގެ ފާނު ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ތިޔަބައިމީހުން އެކަކު އަނެކަކަށް ޙަސަދަވެރިނުވާށެވެ! އެކަކު އަނެކަކު ދެކެ ރުޅިނާންނާށެވެ! އެކަކު އަނެކަކަށް ފުރަގަސްނުދޭށެވެ! اللهގެ އަޅުންގެ ގޮތުގައި، އަޚުންތަކެއްކަމުގައި ތިޔަބައިމީހުން ވާށެވެ! އެއް މުސްލިމަކީ އަނެއް މުސްލިމާގެ އަޚާއެވެ! ފަހެ، އޭނާ އޭނާގެ އަޚާއަށް އަނިޔާވެރިއެއް ނުވާނެއެވެ. އޭނާ، އޭނާގެ އަޚާއަށް ނަޞްރުވެރިވެ އަޅާނުލައި ދޫކޮށެއް ވެސް ނުލާނެއެވެ. އޭނާ، އޭނާގެ އަޚާ ނިކަމެއްޗެއް ވެސް ނުކުރާނެއެވެ. އެއް މުސްލިމެއްގެ ލެއާއި (އެބަހީ: ފުރާނައާއި) މުދަލާއި އަބުރު، އަނެއް މުސްލިމެއްގެ މައްޗަށް ޙަރާމްވެގެންވެއެވެ." މި ހަދީޘް ބަސްފުޅުގެ މައްޗަށް އަލިއަޅުވައިލައްވާ ޚުތުބާގައި ވަނީ މުސްލިމު އަޚުވަންތަކަމުގެ މުހިންމުކަން ބަޔާންކުރައްވާފައެވެ.
މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ވިޔަފާރީގައި ތެދުވެރިވުމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. ވިޔަފާރީގައި މަކަރުހެދުމުގެ ނުބައިކަން ފާހަގަކުރައްވާ ޚުތުބާގައި ވަނީ އެފަދަ ކަންކަމާމެދު ފިކުރުހިންގައި ޢަމަލުތައް ސީދާކޮށް، މުޖުތަމަޢަށް ފައިދާކުރުވަނިވި ރަނގަޅު އާދަތައް އަށަގެންނެވުމަށް ގޮވާލައްވާފައެވެ.