Ads by Stelco

ޚަބަރު

ފުލިދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރައީސް މުޢިއްޒު ފަށްޓަވައިދެއްވައިފި

ފުލިދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރައީސް މުޢިއްޒު ފަށްޓަވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފުލިދޫ އޭޓީއެމް ޙިދުމަތް ފައްޓަވައިދެއްވުން ފޮޓޯ:ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ސެޕްޓެމްބަރު 2025، 04:20

19 ސެޕްޓެމްބަރު 2025، 04:20

ފެލިދެއަތޮޅު ފުލިދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފަށްޓަވައިދެއްވައިފިއެވެ. މި ޚިދުމަތް ފަށްޓަވައިދެއްވީ، އެމަނިކުފާނު މިހާރު ފެލިދެއަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ބޭންކު ކާޑެއް ފުލިދޫ ކައުންސިލާއި ހަވާލުކުރައްވާފައެވެ.

ފުލިދޫގައި ޤާއިމްކުރެވުނު މި އޭޓީއެމުން ރަށުގެ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރކުރުމުގެ ޚިދުމަތްތައް ލިބޭނެކަމަށް ބީއެމްއެލުން ވިދާޅުވެއެވެ. މި ޚިދުމަތް ފަށާފައިވަނީ ރައްޔިތުންނަށް މާލީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތް ހެދުމުގެ ގޮތުންނެވެ.

މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުމަށް އިޤްތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން، މިހާތަނަށް 11 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ ބީއެމްއެލް އޭޓީއެމް ޚިދުމަތް ޤާއިމްކޮށްފައެވެ. އެންމެ ފަހުން އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށް ނިންމާފައިވަނީ ގއ، އަދި ގދ އަތޮޅުގައެވެ. މީގެ އިތުރުން، އއ.، ހއ.، ހދ.، ށ.، ދ.، ނ.، މ.، ކ. އަދި ބ. އަތޮޅު ވެސް ހިމެނެއެވެ.

ބީއެމްއެލްގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް މުޅި ރާއްޖޭގައި އޭޓީއެމް ޤާއިމްކުރުމުގެ މަޝްރޫޢު އެއްކޮށް ނިންމާލުމެވެ. މި މަޝްރޫޢުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް މާލީ ބާރުވެރިކަން ލިބި، އެރަށްރަށަށް އިޤްތިޞާދީ ކުރިއެރުން ލިބިގެންދާނެ ކަމަށް ބޭންކުން ވަނީ ވިދާޅުވެފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 163 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 222 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން