ޚަބަރު
ވ. ފެލިދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ޤާއިމްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: ރައީސް އޮފީސް
ވ. ފެލިދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ޤާއިމްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ފެލިދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ޤާއިމްކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
އެރަށުގެ ފިޓްނަސް ސެންޓަރުގެ ޤާއިމްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި، ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު އޮނަރަބަލް ޢަބްދުﷲ ރާފިޢުއެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި، ދައުލަތުގެ ވަޒީރުންނާއި، ފެލިދޫ ކައުންސިލްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
މި ސަރުކާރުގެ އަމާޒަކީ ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ފިޓްނެސް ސެންޓަރުތައް ހުޅުވުން ކަމަށް ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު މީގެކުރިން ވިދާޅުވެފައި ވެއެވެ. ހަމަ އެހެންމެ، މި ސެންޓަރު ތަކުގައި އިންޑޯ ޖިމަކާއި އެރޮބިކްސް ފަދަ ކަސްރަތުތަކާއި ބޯޑު ގޭމުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށްވެސް ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
ފެލިދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ޤާއިމްކުރުމަކީ، އެރަށުގެ ޒުވާނުން ނުހަނު ބޭނުންވާ ކަމެކެވެ. އަދި މި ސެންޓަރު ޤާއިމްކުރެވިގެންދިޔުމަކީ، ފެލިދޫގެ ތަރައްޤީއަށް އިތުރުވެގެންދާ އައު ބޮޅެއް ވެސް މެއެވެ.