Ads by Stelco

ޚަބަރު

ފެލިދެއަތޮޅު ދަތުރުފުޅު: މިއަދުގެ ފުރަތަމަ މަންޒިލަކަށް ކެޔޮދޫ

ފެލިދެއަތޮޅު ދަތުރުފުޅު: މިއަދުގެ ފުރަތަމަ މަންޒިލަކަށް ކެޔޮދޫ

ރައީސުލްޖުމްހޫރިއްޔާ ވ. ކެޔޮދުއަށް ވަޑައިގަތުން. ފޮޓޯ: ރައީސް އޮފީސް.

farudhun logo

ފަރުދުން

20 ސެޕްޓެމްބަރު 2025، 10:49

20 ސެޕްޓެމްބަރު 2025، 10:49

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ކެޔޮދުއަށް ވަޑައިގެންފިއެވެ. މިއީ އެ މަނިކުފާނުގެ އަދުގެ ފުރަތަމަ މަންޒިލެވެ. އަދި ޖުމުލަ ގޮތެއްގައި އެ މަނިކުފާނު ފެލިދެއަތޮޅުން ވަޑައިގެންނެވި 4 ވަަނަ ރަށެވެ. 

ރައީސުލްޖުމްހޫރިއްޔާ ކެޔޮދުއަށް ވަޑައިގެންނެވުމުން، އެރަށުގެ މުއައްސަސާތަކުގެ އިސްވެރީންނާއި ޢާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެ މަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ކެޔޮދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، އެ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ. އަދި ކެޔޮދޫގައި އަލަށް ޢިމާރަތް ކުރާ ކައުންސިލް އިދާރާގެ ބިންގާ އެޅުން ވެސް ކުރިއަށް ދާނެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރި އަދި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ 31 ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.

‎މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހައި އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރީންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ފަދަ ދަތުރުފުޅުތަކުގެ ބޭނުމަކީ، ރަށްރަށުގައި ހުރި ޢުމްރާނީ، އިޖުތިމާޢީ، އަދި އެ ނޫން ވެސް މައްސަލަތައް ހޯއްދަވައި، ރައްޔިތުންގެ ޝަކުވާތައް ގާތުން އަޑު އައްސަވައި، އެ ކަންކަމަށް ޙައްލު ހޯއްދެވުމަށް މަސައްކަތްކުރެއްވުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން