ޚަބަރު
ކެޔޮދޫ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ ބިންގައު އަޅައިފި

ވަރީޒު އާދަމް ޝަރީފް ޢުމަރު، ކެޔޮދޫ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ ބިންގައު އަޅުއްވައިދެއްވަނީ. ފޮޓޯ: ރައީސް އޮފީސް.

ފަރުދުން
20 ސެޕްޓެމްބަރު 2025، 10:51
20 ސެޕްޓެމްބަރު 2025، 10:51
ފެލިދެއަތޮޅު ކެޔޮދޫގައި ބިނާކުރާ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ ބިންގައު އަޅައިފިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ކެޔޮދޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ކައުންސިލް ޢިމާރާތުގެ ބިންގައު އެޅުމަށް، ރައީސުލްޖުމްހޫރިއްޔާގެ ޙުޟޫރުގައި އެ ރަށުގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ކެޔޮދޫ ކައުންސިލް ޢިމާރާތުގެ ބިންގައު އަޅުއްވައިދެއްވީ، ސިޓީތަކާއި، އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ. އަރިހުގައި އެ ރަށުގެ ކައުންސިލްގެ ރައީސް، އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް (އާރް.ސީ.ސީ.)ގެ އިސްވެރީން ބައިވެރިވެވަޑައިގެންނެވިއެވެ.
ކެޔޮދޫ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ މަސައްކަތަކީ، ބައުވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތަކުގެ ޢިމާރާތްތައް އައުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގެ 5 އަހަރުގެ ތެރޭގައި، 100އަށް ވުރެ ގިނަ ރަށުގެ ކައުންސިލް އިދާރާގެ އައު ޢިމާރާތްތައް ތަރައްޤީކުރުމެވެ.
އަތޮޅުތެރޭގެ 55 ކައުންސިލްގެ އައު ޢިމާރާތް އެޅުމުގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކުރިއަށް ގެންދިއުމަށް އާރް.ސީ.ސީ.އާ ވަނީ ޙަވާލުކުރެވިފައެވެ. 631 މިލިޔަން ރުފިޔާގެ މި މަޝްރޫޢު ނިމޭއިރު، ކައުންސިލް އިދާރާގެ ގޮވެތީގެ ވަށާފާރު ރާނައި، އޮފީހަށް ބޭނުންވާ ފަރުނީޗަރު ވެސް ލެވިފައި ހުންނާނެ ކަމަށް ސިޓީތަކާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.