ޚަބަރު
ރައީސް، ކެޔޮދޫ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ މެދު މަޝްވަރާކުރައްވައިފި

ރައީސް، ކެޔޮދޫ ކައުންސިލުގެ އިސްވެރީންނާއި، އެ ރަށުގެ މުއައްސަސާތަކުގެ އިސްވެރީންނާ ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް.

ފަރުދުން
20 ސެޕްޓެމްބަރު 2025، 10:52
20 ސެޕްޓެމްބަރު 2025، 10:52
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ރަށުގެ އެހެނިހެން ބައެއް މުއައްސަސާތަކުގެ އިސްވެރީންނާ ބައްދަލުކުރައްވައި، އެ ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު، ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލު އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ފާހަގަކުރައްވާފައެވެ. މި ގޮތުން، ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަން ޙައްލުކުރުމަށް، ބިން ހިއްކުމުގެ މަޝްރޫޢެއް ފެށުމުގެ މުހިންމުކަމާއި، ޞިއްޙީ މަރުކަޒަށް މުވައްޡަފުން ލިބުމުގެ ދަތިކަން ކައުންސިލުގެ އިސްވެރީން ފާހަގަކުރެއްވިއެވެ. އަދި ރަށުގެ އިޤުތިޞާދީ ކުރިއެރުމަށް، ކައިރީގައިވާ ފަޅު ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް ކައުންސިލުން ރައީސް އަރިހުގައި ދެންނެވިއެވެ.
މީގެ އިތުރުން، އެ ރަށު މަދަރުސާގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ވެސް ކައުންސިލްގެ ފަރާތުން އެދުނެވެ. އަދި ކައުންސިލުން ވަނީ، އެރަށަކީ ލޯކަލް ޓުވަރިޒަމް ވަރަށް ބޮޑަށް ކުރިއަރާފައިވާ ރަށަކަށްވުމުން، ޑޮލަރު އޭ.ޓީ.އެމް.އެއް ރަށުގައި ހުރުމަކީ މުހިންމު ކަމެއް ކަމަށް ދަންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރީން މެދުވެރިކުރައްވައި، އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ، ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިhttps://t.co/pLUF6APILb#RayyithunGaathah #VMFThVisit pic.twitter.com/Xw6bLltvoo
— The President's Office (@presidencymv) September 20, 2025