ޚަބަރު
ކެޔޮދޫ ބިން ހިއްކުމާއި ޑޮލަރު އޭ.ޓީ.އެމް.ގެ ޚިދުމަތް އަންނަ އަހަރު ފަށާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ، ކެޔޮދޫ ރައްޔިތުންނާ މުޚާޠަބުކުރައްވާ ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް.

ފަރުދުން
20 ސެޕްޓެމްބަރު 2025، 11:22
20 ސެޕްޓެމްބަރު 2025، 11:22
އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، ވ. ކެޔޮދޫގެ ބިން ހިއްކުމުގެ މަސައްކަތް ހިންގަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ކެޔޮދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ކެޔޮދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތަރައްޤީގެ ޢަމަލީ ޞިފަ ކެޔޮދުއަށް ގެންނަވާނެ ކަމަށެވެ. ރައީސް ވިދާޅުވީ، މި ދަތުރުފުޅުގައި އަލަށް ސޮއިކުރެވުނު މަޝްރޫޢުތަކަކީ ރަށުގެ ތަރައްޤީއާއި ރަށުގެ ކުރިމަގަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ މަޝްރޫޢުތަކެއް ކަމަށެވެ. އެ ގޮތުން، ސްކޫލްގެ އައު ޢިމާރާތާއި، ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންގޮސް، ރަށުގެ ރައްޔިތުންނަށް އެ ކަމުގެ ލުއިފަސޭހަ ލިބިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ޞިއްޙީ މަރުކަޒުގައި ލެބޯރެޓަރީއާއި އެހެނިހެން މުހިންމު ފެސިލިޓީ ޤާއިމުކުރާނެ. އަދި ސްކޫލް މަސައްކަތަކީ ވެސް ރަށުގެ ކުރިމަގަށް ވަރަށް މުހިންމު މަސައްކަތެއް
ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކެޔޮދޫ ރައްޔިތުންނަށް އެ މަނިކުފާނު ވެވަޑައިގެންފައިވާ އެންމެ ބޮޑު ވަޢުދަކީ ބިން ހިއްކުން ކަމަށެވެ. އަދި މިއީ ރަށުގެ ކުރިމަގާ ގުޅިފައިވާ އެންމެ ބޮޑު މަސައްކަތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މި އަހަރަށް އިސްކަންދީގެން ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތްތަކެއް ފަށާފަވާއިރު، 2026ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެންމެ އިސްކަން ދެއްވާނީ ކެޔޮދޫގެ ބިން ހިއްކުމުގެ މަސައްކަތަށް ފެށްޓެވުމަށް ކަމަށެވެ.
އަހަރުގެ އެންމެ ކުރީކޮޅު ރަށުގައި 12 ހެކްޓަރުގެ ބިން އިތުރުކުރުމުގެ މަސައްކަތް ފަށާނަން. ބިމުގެ ދަތިކަމުގެ ސަބަބުން އެހެނިހެން ކުރިއެރުން ހޯދުމަށް ދަތިވޭ. ލޯކަލް ޓުއަރިޒަމްގެ އިތުރު އެކި ފުރުޞަތުތައް މި މަޝްރޫޢާއެކު ހުޅުވޭނެ.
ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފަތުރުވެރިކަމަށް ސަރުކާރުން ފަހިކޮށްދޭ ލޯނު ސްކީމްތަކުގެ ލުއިފަސޭހަކަން ވެސް ރަށްރަށަށް ހޯއްދަވައިދެއްވަމުންދާ ކަމަށެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު އެ ރަށުގައި ޑޮލަރު އޭ.ޓީ.އެމް.ގެ ޚިދުމަތް ވެސް ފަށްޓަވއިދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. 18 ގެސްޓްހައުސް ހިންގަމުން އަންނަ، ފަތުރުވެރިކަން ކުރިއަރަމުން އަންނަ ކެޔޮދޫގައި، ޑޮލަރު އޭ.ޓީ.އެމް.އެއް ޤާއިމުކުރުމަކީ އެ ރަށުގެ ފަތުރުވެރިކަމަށް މުހިންމު ވަސީލަތެއް ކަމަށް ކައުންސިލްގެ ފަރާތުން ރައީސަށް ވަނީ ދަންނަވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ކެޔޮދޫ ސްކޫލްގެ ކަރަންޓު މައްސަލަ ޙައްލުކޮށްދިނުމާއި، އަދި ސްކޫލްތައް އޭ.ސީ.ކުރުމުގެ މަޝްރޫޢުގައި ހިމަނައިގެން، ކެޔޮދޫ ސްކޫލް ކްލާސްރޫމްތަކާއި ސްޓާފް ރޫމްތައް އޭ.ސީ. ކުރައްވާނެ ކަމަށެވެ. އަދި ދެވަނަ މަރުޙަލާގައި ސްކޫލްތަކުގެ ހޯލުތައް ކޫލް ސްކޫލް މަޝްރޫޢުގައި ހިމެނިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ފުޓުބޯޅަ ދަނޑު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢެއް ހިންގެވުމުގެ އިތުރުން، ކުޅިވަރު ފެސިލިޓީތައް ތަރައްޤީކޮށްދެއްވާނެ ކަމަށެވެ. އަދި ރަށުގެ ތަރއްޤީއަށް މުހިންމު މަޝްރޫޢުތަކާ އެކު އަނެއްކާ ވެސް ރަށުގެ ރައްޔިތުންނާ ބައްދަލުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޖުމުލަ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކެޔޮދޫގެ ތަރައްޤީއަށް އެ މަނިކުފާނު ވެވަޑައިގެންފައިވާ ހުރިހައި ވަޢުދެއް ފުއްދަވައިދެއްވާނެ ކަމަށެވެ.