ޚަބަރު
ކެޔޮދޫ ސްކޫލާއި ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް އެމް.ޓީ.ސީ.ސީ.އާ ޙަވާލުކޮށްފި

ކެޔޮދޫ ސްކޫލާއި ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް އެމް.ޓީ.ސީ.ސީ.އާ ޙަވާލުކުރުން. ފޮޓޯ: އެމް.ޓީ.ސީ.ސީ.

ފަރުދުން
20 ސެޕްޓެމްބަރު 2025، 11:42
20 ސެޕްޓެމްބަރު 2025، 11:42
ކެޔޮދޫ ސްކޫލުގެ އައު ޢިމާރާތުގެ މަސައްކަތާއި، އެ ރަށު ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ.)އާ ޙަވާލުކޮށް، މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެލިދެއަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ކެޔޮދުއަށް ވަޑައިގެން ބޭއްވެވި ރަސްމިއްޔާތުގައެވެ.
4 ބުރިއަށް ނެގުމަށް ހަމަޖެހިފައިވާ ކެޔޮދޫ ސްކޫލުގެ އައު ޢިމާރާތް އެޅުމުގެ އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްލަޠީފް މުޙައްމަދެވެ. އެމް.ޓީ.ސީ.ސީ.އިން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.
ކެޔޮދޫ ސްކޫލު އައު ޢިމާރާތް ބިނާކުރުމުގެ މަޝްރޫޢުގެ ދަށުން، 11 ކްލާސްރޫމާއި، 1 ސްޓާފްރޫމާއި، 1 ކޮމްޕިއުޓަރ ލެބާއި، 1 ސައިންސް ލެބް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމް.ޓީ.ސީ.ސީ.އިން މަޢުލޫމާތު ދެއެވެ. މި މަޝްރޫޢު އެމް.ޓީ.ސީ.ސީ.އާ ޙަވާލުކޮށްފައިވަނީ 23.79 މިލިއަން ރުފިޔާއަށް، 360 ދުވަސް ތެރޭ ނިންމުމަށެވެ.
ކެޔޮދޫގައި ތަރައްޤީކުރާ އައު ސްކޫލު ޢިމާރާތާ އެކު، މިހާރު އެ ސްކޫލުގެ ކުދީންނަށް ދިމާވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ލިބި، ކިޔަވާ ކުދީންނަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް އެމް.ޓީ.ސީ.އިން ބުނެއެވެ. އަދި މި ސްކޫލްގައި ޤާއިމުކުރެވޭ ލެބޯރެޓަރީގެ ސަބަބުން ކިޔަވާ ކުދީންނަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
MTCC has signed an agreement with Ministry of Education towards implementation of V. Keyodhoo School Project.
— MTCC Plc (@MTCCPlc) September 20, 2025
State Minister, Dr. Abdul Latheef Mohamed, signed on behalf of Ministry and our Managing Director, (Retd.) DCP Ahmed Saudhee signed on behalf of MTCC. His Excellency… pic.twitter.com/erTvnk6ExS
ކެޔޮދޫގައި ބިނާކުރާ ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތަށް ބަލައިލާ އިރު، މި މަސައްކަތުގެ އެއްބަސްވުމުގައި ސިއްޙީ ވުޒާރާއިން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. އެމް.ޓީ.ސީ.ސީ.އިން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.
މި މަޝްރޫޢުގެ ދަށުން، އައު ޢިމާރާތް ތަރައްޤީކުރާނީ 17,180 އަކަފޫޓުގެ ސަރަޙައްދެއްގައެވެ. މީގެ އިތުރުން ، ބިންގަނޑު ކޮނުމާއި، މޭޝަނަރީ އަދި ކޮންކްރީޓް މަސައްކަތް ކުރުމާއި، ޓައިލްސް ޖެހުމާއި، ދޮރާއި ކުޑަދޮރު ހަރުކުރުމާއި، ދަވާދު ލުމާއި، ދަގަނޑު މަސައްކަތްތަކާއި، ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް މަސައްކަތާއި، ކަރަންޓު ވަޔަރު ކުރުމާއި، މެޑިކަލް ގޭސް ސިސްޓަމެއް ހަރުކުރުމާއި، އެއަރ ކޮންޑިޝަން ސިސްޓަމެއް ހަރުކުރުމާއި، އަލިފާން ނިއްވާ ނިޡާމެއް ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
މި މަޝްރޫޢަކީ 29.89 މިލިއަން ރުފިޔާއަށް، 720 ދުވަސް ތެރޭ ނިންމާ ގޮތަށް އެމް.ޓީ.ސީ.ސީ.އާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
MTCC has signed an agreement with Ministry of Health towards implementation of V. Keyodhoo Health Center Project.
— MTCC Plc (@MTCCPlc) September 20, 2025
Hon. Minister of Health, Abdulla Nazim Ibrahim, signed on behalf of Ministry and our Managing Director, (Retd.) DCP Ahmed Saudhee signed on behalf of MTCC. His… pic.twitter.com/4nkZpMR57O
ކެޔޮދޫ ޞިއްޙީ މަރުކަޒުގެ އަލަށް ހަދާ ޢިމާރާތުގެ މަސައްކަތް ފުރިހަމަވުމާ އެކު، އެ ރަށުން ލިބިގެންދާ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، މުޅި ރަށުގެ އާބާދީއަށް ހެޔޮ ފައިދާތަކެއް ކުރާނެ ކަމަށް ޞިއްޙީ ވުޒާރާއިން ހާމަކުރެއެވެ.
ވޭތުވެ ދިޔަ 44 އަހަރު ތެރޭ އެމް.ޓީ.ސީ.ސީ.އިން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި، ކާމިޔާބުކަމާ އެކު ނިންމައިލައިފައެވެ. 1980 ވަނަ އަހަރު އެމް.ޓީ.ސީ.ސީ. އުފެއްދީއްސުރެ، ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި އެ ކުންފުންޏަކީ ބޮޑު ޙިއްޞާދާރެއް ކަން ފާހަގަކުރެވެއެވެ.