Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ރަކީދޫގައި އޭ.ޓީ.އެމް.ގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ، ރަކީދޫގައި އޭ.ޓީ.އެމް.ގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ، ރަކީދޫގައި އޭ.ޓީ.އެމް.ގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވަނީ. ފޮޓޯ: ރައީސް އޮފީސް.

farudhun logo

ފަރުދުން

20 ސެޕްޓެމްބަރު 2025، 11:56

20 ސެޕްޓެމްބަރު 2025، 11:56

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފެލިދެއަތޮޅު ރަކީދޫގައި ބޭންކް އޮފް މޯލްޑިވްސް އޭ.ޓީ.އެމް.ގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ރަކީދޫގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވީ، އެ މަނިކުފާނު ފެލިދެއަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި ހަތަރު އަތޮޅަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ރަކީދުއަކީ ފެލިދެއަތޮޅުން އެ މަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވާ ފަހު ރަށް ކަން ފާހަގަކުރެވެއެވެ.

ރަކީދޫގައި އޭ.ޓީ.އެމް.ގެ ޚިދުމަތް ފަށްޓަވައިދެއްވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ބޭންކު ކާޑެއް ރަށު ކައުންސިލާ ޙަވާލުކޮށްދެއްވާފައެވެ.

ރަކީދޫގައި ޤާއިމްކޮށްފައިވާ ބީ.އެމް.އެލް. އޭ.ޓީ.އެމް.އިން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑި އިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް.)އިން މަޢުލޫމާތު ދެއެވެ.

ރަކީދޫގައި އޭޓީއެމްގެ ޚިދުމަތް ފެށުމާއެކު، ވ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި މި ވަނީ އޭ.ޓީ.އެމް.ގެ ޚިދުމަތް ޤާއިމުކުރެވިފައެވެ. އަތޮޅުތެރޭގެ ރަށްރަށުގައި އޭ.ޓީ.އެމް.ގެ ޚިދުމަތް ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން، މިހައިތަނަށް 12 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އެ ޚިދުމަތް ޤާއިމުކޮށްފައިވެއެވެ. އެންމެ ފަހުން އޭ.ޓީ.އެމް.ގެ ޚިދުމަތް ޤާއިމުކޮށް ނިންމާފައިވަނީ ހުވަދުއަތޮޅު ދެބުރީގައެވެ.

އިޤުތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން މުޅި ރާއްޖޭގައި އޭ.ޓީ.އެމް. ބެހެއްޓުމުގެ މަޝްރޫޢު ބޭންކް އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދާއިރު، ބޭންކުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް މިމަޝްރޫޢު އެއްކޮށް ނިންމާލުމެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާ އެކު، 20 އަތޮޅުގައި 42 ބްރާންޗް، 163 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 222 އޭޓީއެމްގެ އިތުރުން، އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާ އެކު ބޭންކް އޮފް މޯލްޑިވްސްގެ ލަނޑުދަނޑިއަކީ ޢާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް ލުއިފަސޭހަކަން ފޯރުކޮށްދިނުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން