Ads by Stelco

ޚަބަރު

ހުރިހައި ރަށެއްގައި އޭ.ޓީ.އެމް. ޤާއިމުކުރި 12ވަނަ އަތޮޅަކަށް ފެލިދެއަތޮޅު!

ހުރިހައި ރަށެއްގައި އޭ.ޓީ.އެމް. ޤާއިމުކުރި 12ވަނަ އަތޮޅަކަށް ފެލިދެއަތޮޅު!

ރަކީދޫގައި އޭ.ޓީ.އެމް.ގެ ޚިދުމަތް އިފްތިތާޙުކުރުން. ފޮޓޯ: ރައީސް އޮފީސް.

farudhun logo

ފަރުދުން

20 ސެޕްޓެމްބަރު 2025، 12:24

20 ސެޕްޓެމްބަރު 2025، 12:24

ބޭންކް އޮފް މޯލްޑިވްސްއިން "މުޅި ރާއްޖެއަށް ބީ.އެމް.އެލް. އޭ.ޓީ.އެމް." މަޝްރޫޢުގެ ދަށުން ވ. އަތޮޅުގެ ހުރިހައި ރަށެއްގައި އޭ.ޓީ.އެމް. ޚިދުމަތް ޤާއިމުކޮށްފިއެވެ. މިއާ އެކު، ރާއްޖޭގެ 12 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި މި ވަނީ އޭ.ޓީ.އެމް.ގެ ޚިދުމަތް ޤާއިމުކުރެވިފައެވެ. ރާއްޖޭގައި އާބާދުވެފައިވާ އެންމެހައި ރަށްތަކުގައި އޭ.ޓީ.އެމް.ގެ ޚިދުމަތް ޤާއިމުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

އަތޮޅުތަކުގެ ރައްޔިތުން ބޭންކިންގ ޚިދުމަތް ހޯދަން އެ އަތޮޅުގެ ވެރިރަށް ނުވަތަ އެ ކަމަށް ޚާއްޞަކުރެވިފައިވާ ރަށަކަށް ދިޔުން ވެފައި އޮތީ ބޮޑުވެގެންވާ ތަކުލީފަކަށެވެ. ރައްޔިތުން ދެކެމުން އައި ހުވަފެނަކީ، އަމިއްލަ ރަށުގައި ތިބެގެން ބޭންކިންގ ޚިދުމަތް ފަސޭހަކަމާ އެކު ލިބޭނެ ދުވަހެއް ކުރިމަތިވުމެވެ. ރައްޔިތުންގެ މި ތަކުލީފުތަކަށް ލުއި ހޯއްދަވައިދެއްވާ، އަމިއްލަ ރަށުގައި ތިބެގެން ބޭންކިންގ ޚިދުމަތް ލިބޭ ގޮތް ހައްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މި ވަޢުދުފުޅާ އެއް ގޮތަށް، "މުޅި ރާއްޖޭގައި އޭ.ޓީ.އެމް. ޚިދުމަތް" މި ނަމުގައި މި ދިޔަ އަހަރު ނޮވެންބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ޚާއްޞަ މަޝްރޫޢެއް ފަށްޓާފައެވެ.

ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ރައީސް މި ވަޤުތު ކުރައްވަމުން ގެންދަވާ 8 ދުވަހުގެ ދަތުރުފުޅު އެ މަނިކުފާނު ފަށްޓަވާފައިވަނީ ފެލިދެއަތޮޅުންނެވެ. އެ ގޮތުން، މި އަދު ރަކީދުއަށް ވަޑައިގެން އެ ރަށުގައި ވަނީ އޭ.ޓީ.އެމް.ގެ ޚިދުމަތް ފަށްޓަވައިދެއްވާފައެވެ. މިއާ އެކު، ވ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭ.ޓީ.އެމް.ގެ ޚިދުމަތް މި ވަނީ ޤާއިމުކުރެވިފައެވެ.

ބީ.އެމް.އެލް.ގެ ސީ.އީ.އޯ. އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ފާހަގަކުރެއްވި ގޮތުގައި، މިއިން ކޮންމެ އޭ.ޓީ.އެމް.އަކީ ވެސް އެ ރަށެއްގެ މުޖުތަމަޢެއްގެ މާލީ ބައިވެރިވުން އިތުރުކޮށްދީ، ރަށަށް އިތުރު ތަރައްޤީ ގެނެސްދޭ ކަމެކެވެ.

"މުޅި ރާއްޖެއަށް ބީ.އެމް.އެލް. އޭ.ޓީ.އެމް." މަޝްރޫޢުގެ ދަށުން، މިހާރު އަޅުގަނޑުމެންނަށް 12 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭ.ޓީ.އެމް.ގެ ޚިދުމަތް ޤާއިމުކުރެވިއްޖެ. މިއިން ކޮންމެ އޭ.ޓީ.އެމް.އަކީ ވެސް އެ ރަށެއްގެ މުޖުތަމަޢެއްގެ މާލީ ބައިވެރިވުން އިތުރުކޮށްދޭ ކަމެއް. އަދި މިއީ ފަސޭހަކަމާ އެކު އަސާސީ ބޭންކިންގ ޚިދުމަތަށް ވާޞިލުވުމަށް ހުޅުވޭ ދޮރެއް.

ޝަރީފް ވިދާޅުވިއެވެ.

މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭ.ޓީ.އެމް.ގެ ޚިދުމަތް ޤާއިމްކޮށްފައިވާ އަތޮޅުތަކަކީ: ވ. އަތޮޅު، ގ.އ. އަތޮޅު، ގ.ދ. އަތޮޅު، އ.އ. އަތޮޅު ހ.އ. އަތޮޅު، ހ.ދ. އަތޮޅު، ށ. އަތޮޅު، ދ. އަތޮޅު، ނ. އަތޮޅު. މ. އަތޮޅުގެ އިތުރުން ކ. އަދި ބ. އަތޮޅެވެ. "މުޅި ރާއްޖެއަށް ބީ.އެމް.އެލް. އޭ.ޓީ.އެމް." މަޝްރޫޢުގެ ދަށުން، މި އަދު ފ. ފީއައްޔާއި ބިލެތްފަހީގައި ވެސް އޭ.ޓީ.އެމް.ގެ ޚިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާ އެކު 20 އަތޮޅުގައި 42 ބްރާންޗް، 165 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 225 އޭ.ޓީ.އެމް.ގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތެއް ބީ.އެމް.އެލް.އިން ދަނީ ފޯރުކޮށްދެމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން