ޚަބަރު
ވ. ރަކީދޫގައި ފުލުހުންގެ ޑެސްކެއް ޤާއިމުކޮށްފި

ވ. ރަކީދޫގައި ފުލުހުންގެ ޑެސްކެއް ޤާއިމުކުރުން. ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް.

ފަރުދުން
20 ސެޕްޓެމްބަރު 2025، 02:42
20 ސެޕްޓެމްބަރު 2025، 02:42
ވ. ރަކީދުގައި ފުލުހުންގެ ޑެސްކެއް ޤާއިމުކޮށް، ފުލުހުންގެ ޚިދުމަތް އެ ރަށުގައި ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ރަކީދޫގައި ފެށީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ޒިޔާރަތްފުޅުގެ ތެރެއިންނެވެ.
ރަކީދޫގައި ޤާއިމުކުރި ފުލުހުންގެ ޑެސްކް ހުޅުއްވައިދެއްވީ، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، އަދި ރަކީދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ އިސްވެރީންނާއި ރަށުގެ އެކި މުއައްސަސާތަކުގެ ވެރީން ބައިވެރިވެޑައިގެންނެވިއެވެ.
މި ޕޮލިސް ޑެސްކުގެ ސަބަބުން މުޖުތަމަޢަށް ފޯރުކޮށްދޭ ޚިދުމަތްތައް މިހާރަށް ވުރެ ފަސޭހަކޮށްދީ، ރަށުގެ ރައްކައުތެރިކަން އިތުރުވެގެންދާނެ ކަމަށް ފުލުހުންގެ ޚިދުމަތުން ހާމަކުރެއެވެ.
މިއަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވަޢުދުވެވަޑައިގެންފައެވެ. އަމާން މުޖުތަމަޢެއް ކަށަވަރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް މިހާރު ކުރަމުން އަންނައިރު، މީގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ސަރަޙައްދީ ފެންވަރުގައި ތަރައްޤީކުރުމަށް ބޭނުންވާ ޢިމާރާތާއި، އަތޮޅު ފެންވަރުގައި ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށާއި، ރަށްރަށުގައި ފުލުހުންގެ ޚިދުމަތް އަލުން ފެށުމަށާއި ތަރައްްޤީކުރުމަށް ޕޮލިސް ސްޓޭޝަންތައް ޤާއިމުކުރުން ހިމެނެއެވެ. އަދި ޕޮލިސް ޕޯސްޓުތަކާއި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްތައް ތަރައްޤިކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، ފުލުހުންގެ ޚިދުމަތް ޒަމާނާ އެއްގޮތަށް ބައްޓަންކޮށް، ރައްޔިތުންގެ އިތުބާރު ލިބޭ ފަދަ ޚިދުމަތަކަށް ހައްދަވާނެ ކަމުގެ ޔަޤީންކަން ސީޕީ ނަވީން ވަނީ ޢާންމު ރައްޔިތުންނަށް ދެއްވާފައެވެ.