Ads by Stelco

ޚަބަރު

އެންސްޕާއިން މިދިޔަ މަހު އެހީގެ ގޮތުގައި 57 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

އެންސްޕާއިން މިދިޔަ މަހު އެހީގެ ގޮތުގައި 57 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

ސަރުކާރުން ކުރިއަށް ގެންދާ "ޙާލު ކިހިނެއް" ޕްރޮގްރާމުގެ ތެރެއިން.

farudhun logo

ފަރުދުން

21 ސެޕްޓެމްބަރު 2025، 03:35

21 ސެޕްޓެމްބަރު 2025، 03:35

ރައްޔިތުންގެ އިޖުތިމާޢީ ރައްކައުތެރިކަން ކަށަވަރުކުރުމަށް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި 57 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެ އޭޖެންސީގެ ތަފާސްޙިސާބުތަކުން ދައްކައިފިއެވެ. ރައްޔިތުންގެ ތެރެއިން ނާޒުކު ޙާލަތްތަކުގައި ތިބި ފަރާތްތަކަށް ރައްކައުތެރި، ދުޅަހެޔޮ ދިރިއުޅުމެއް ކަށަވަރުކޮށްދިނުމަށް އެކި ގޮތްގޮތުން ސަރުކާރުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ރައްޔިތުންގެ އިޖުތިމާޢީ ރައްކައުތެރިކަން ކަށަވަރުކުރުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) މެދުވެރިކޮށް، އެހީތެރިކަން ބޭނުންވާ ޢާއިލާތަކަށް މާލީ އަދި އެނޫން ވެސް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އަންނަނީ މެދުނުކެނޑި ކުރަމުންނެވެ. މިގޮތުން، މިދިޔަ އޯގަސްޓް މަހު އެހީތެރިކަން ބޭނުންވާ ޢާއިލާތަކަށާއި ކުޑަކުދީންނަށް އެންސްޕާއިން ވަނީ ޖުމުލަ 57،773،000 (ފަންސާސް ހަތް މިލިޔަން ހަތްލައްކަ ހަތްދިހަ ތިންހާސް)އަށް ވުރެ ގިނަ ރުފިޔާ އެހީގެ ގޮތުގައި ޚަރަދުކޮށްފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ 14،492 (ސާދަހާސް ހަތަރުސަތޭކަ ނުވަދިހަ ދެ) މީހަކަށް މާލީ އެހީގެ ގޮތުގައި އެންސްޕާއިން ވަނީ 52،764،000 (ފަންސާސް ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހަތަރުހާސް) ރުފިޔާ ހޭދަކޮށްފައެވެ. މިދިޔަ މަހު އަލަށް މިދަފްތަރުގައި 125 މީހަކު ރަޖިސްޓްރީކޮށްފައިވެއެވެ. މިވަޤުތު ޖުމުލަ 14،673 (ސާދަހާސް ހަސަތޭކަ ހަތްދިހަ ތިން) މީހަކު އެދަފްތަރުގައި ރަޖިސްޓްރީކޮށްފައިވެއެވެ.

ފަޤީރު ޙާލުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ގޮތުގައި މިދިޔަ މަހު އެންސްޕާއިން 25،720 (ފަންސަވީސްހާސް ހަތްސަތޭކަ ވިހި) ރުފިޔާ ދޫކުރިއެވެ. އަލަށް 4 މީހަކަށް މިއެހީ ފޯރުކޮށްދީފައިވާ އިރު، ޖުމުލަ 700 މީހަކަށް ކާބޯތަކެތި ގަތުމަށް ވަނީ އެހީފޯރުކޮށްދީފައެވެ.

މައިންބަފައިންގެ އެހީތެރިކަމެއް ނެތި، ފަޤީރު ޙާލުގައި، އެހެނިހެން ބެލެނިވެރީންގެ ގާތުގައި ދިރިއުޅޭ ކުޑަކުދީންނަށާއި، އެކުދީން ބަލަހައްޓާ ބެލެނިވެރި ފަރާތްތަކަށް ދެވޭ މާލީ އެހީގެ ގޮތުގައި މިދިޔަ މަހު 178،000 (އެއްލައްކަ ހަތްދިހަ އަށްހާސް)އަށް ވުރެ ގިނަ ރުފިޔާ ވަނީ ފޯރުކޮށްދީފައެވެ. 97 ބެލެނިވެރިއަކަށް މިއެހީ ފޯރުކޮށްދީފައިވާ އިރު، މާލީ ގޮތުން މިއެހީތެރިކަން 130 ކުޑަކުއްޖަކަށް ދަނީ ފޯރުކޮށްދެމުންނެވެ.

ފަޤީރު ޙާލުގައި އެކަނި ދަރީން ބަލަހައްޓާ މައިން ނުވަތަ ބަފައިންގެ ގިންތިއަށް ބަލައިލާ އިރު، އެފަދަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ގޮތުގައި މިދިޔަ މަހުގެ ތެރޭގައި 4،905،000 (ހަތަރުމިލިއަން ނުވަލައްކަ ފަސްހާސް) ރުފިޔާ ވަނީ ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި މާލީ އެހީ ލިބޭ މައިން ނުވަތަ ބަފައިންގެ ޢަދަދު 2870އަށް އަރާ އިރު، 4901 ކުޑަކުއްޖަކަށް މިއެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. މިދިޔަ މަހު އަލަށް މިފަދަ 30 މައިން ނުވަތަ ބަފައިން ރަޖިސްޓްރީކޮށްފައިވާ އިރު، 69 ކުޑަކުއްޖަކު ވަނީ އަލަށް ރަޖިސްޓްރީކޮށްފައެވެ.

ނާޒުކު ޙާލަތުގައި ތިބި ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އިޖުތިމާޢީ ރައްކައުތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އެންސްޕާއިން މިކަމުގައި ޢާއިލާތަކަށް ފޯރުކޮށްދޭ މާލީ އެހީތެރިކަމަކީ، އެފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވުމަށް މަގު ފަހިކޮށްދޭ ވަސީލަތެކެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން