Ads by Stelco

ޚަބަރު

ތ. އަތޮޅުގައި އާރް.ޓީ.އެލް. ޚިދުމަތް ފެށުމަށް ބޭނުންވާ ފެރީތައް ފޮނުވައިފި

ތ. އަތޮޅުގައި އާރް.ޓީ.އެލް. ޚިދުމަތް ފެށުމަށް ބޭނުންވާ ފެރީތައް ފޮނުވައިފި

އާރް.ޓީ.އެލް. ފެރީއެއް. ފޮޓޯ: އެމް.ޓީ.ސީ.ސީ.

farudhun logo

ފަރުދުން

21 ސެޕްޓެމްބަރު 2025، 04:53

21 ސެޕްޓެމްބަރު 2025، 04:53

ތ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް.)ގެ ޚިދުމަތް ފެށުމަށް ބޭނުންވާ ސްޕީޑް ފެރީތައް އެއަތޮޅަށް ފޮނުވައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ.)އިން އަންނަނީ، މިމަހު އެއަތޮޅުގައި ފެރީގެ ޚިދުމަތް ފެށުމުގެ ތައްޔާރީތައް ވަމުންނެވެ.

ރާއްޖޭގެ ރަށްތަށް ދަތުރުފަތުރުގެ ނިޡާމަކުން ގުޅާލުމަށް 2022ވަނަ އަހަރު އެމް.ޓީ.ސީ.ސީ.އާ ޙަވާލުކޮށްގެން ވަނީ މަޝްރޫޢެއް ފަށާފައެވެ. މިމަޝްރޫޢުގެ ދަށުން، ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން، ދަތުރުފަތުރުގެ ޚިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ. މިހައިތަނަށް 11 އަތޮޅެއްގައި މިޚިދުމަތް ފަށާފައިވެއެވެ. އަދި ތ. އަތޮޅުގައި އާރް.ޓީ.އެލް. ޚިދުމަތް ފެށުމަށްޓަކައި މިހާރު އެމް.ޓީ.ސީ.ސީ.އިން އެއަތޮޅަށް ފެރީތައް ވަނީ ފޮނުވާފައެވެ.

ރާއްޖޭގެ 5 އަތޮޅެއްގައި އާރް.ޓީ.އެލް. ޚިދުމަތް ފެށުމަށް، ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް (ޖައިކާ)އާއެކު ވަނީ މަސައްކަތް ފެށުމަށް ނިންމާފައެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ފަރާތުން ކުރިއަށްގެންދާ މިދިރާސާ މިމަހާއި އަންނަ މަހު ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މިދިރާސާގައި މ.، ފ.، ދ.، ތ.، އަދި ލ. އަތޮޅުގެ ރަށްތަކުގައި އާރް.ޓީ.އެލް. ފެރީގެ ޚިދުމަތް ފެށުމާ ގުޅޭގޮތުން މަޢުލޫމާތު އެއްކުރާނެއެވެ.

އިތުރު އަތޮޅުތަކުގައި އާރް.ޓީ.އެލް. ޚިދުމަތް ފެށުމަށްޓަކައި 56 އުޅަނދު ބޭނުންވާތީ، އެއުޅަނދުތައް ބަނުމަށް މަސައްކަތް ޙަވާލުކޮށްފައިވާ ކަމަށް އެމް.ޓީ.ސީ.ސީ.އިން މީގެ ކުރީން ވަނީ ހާމަކޮށްފައެވެ.

އާރް.ޓީ.އެލް. ފެރީގެ ޚިދުމަތަކީ، އަތޮޅުތަކުގެ ރައްޔިތުން ދަތުރުފަތުރުކުރުމުގައި ވަރަށް ބޮޑަށް ބަރޯސާވެފައިވާ ޚިދުމަތެކެވެ. އާރް.ޓީ.އެލް.ގެ ދަށުން އެންމަ ފަހުން ޚިދުމަތް ފަށާފައިވާ އަތޮޅަކީ ބ. އަތޮޅެވެ. ޚިދުމަތް ފެށުމުގެ ކުރީން ކޮންމެ އަތޮޅެއްގައި ވެސް ދަތުރުކުރާ ރޫޓުތަކަށް ޢާންމުން ހޭލުންތެރިކުރުވުމަށް ޚާއްޞަ ޕްރޮގްރާމެއް އެމް.ޓީ.ސީ.ސީ.ގެ ފަރާތުން ކުރިއަށް ގެންދެއެވެ.

އާރް.ޓީ.އެލް. ޚިދުމަތާއެކު އަތޮޅުތަކުގެ ރަށްތަކަށް އިޖުތިމާޢީ އަދި އިޤުތިޞާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް އަންނަމުންދާކަން އެމް.ޓީ.ސީ.ސީ.އިން ފާހަގަކުރެއެވެ. މިގޮތުން، ޞިއްޙީ ޚިދުމަތް ހޯދުމަށް އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލްތަކަށް ދަތުރުކުރުމަށް ވެސް މިޚިދުމަތުގެ ބޭނުން ގިނަ ބަޔަކު ހިފަމުން ދެއެވެ. އާރް.ޓީ.އެލް.ގެ ޚިދުމަތާއެކު އަތޮޅުތަކުގެ ރަށްރަށުގެ ރައްޔިތުންގެ ދަތުރުފަތުރުކުރުމަށް ބޮޑު ބަދަލެއް އައިސްފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން