ކޮލަމް
ހަފްތާގެ ދުވަސްތަކަށް ކިޔާ ނަންތަކުގެ މާނަ އެނގޭތަ؟

ހަފްތާގެ ދުވަސްތައް ނިސްބަތްވާ ފަލަކީ ޖިސްމުތައް.
ބަސްމޮށުންތެރިކަމާއި ތާރީޚު ދިރާސާކުރައްވާ ޢިލްމުވެރީން ބަޔާންކުރައްވާފައިވާ ގޮތުގައި، ދުނިޔޭގެ ގިނަ ބަސްބަހުގައި ހަފްތާގެ ދުވަސްތަކަށް ކިޔާ ނަންތައް ނެގިފައިވަނީ ޤަދީމީ ބާބިލުގައި އެދުވަސްތަކަށް ކިޔާ އުޅުނު ފަލަކީ ޖިސްމުތަކުގެ ނަންތަކުންނެވެ. އެޖިސްމުތަކަކީ އުދަރެހުން ހަމަލޮލަށް އެންމެ ފައުޅުކަންބޮޑު ގޮތެއްގައި ފެންނަ ހަތް ޖިސްމެވެ. އެއީ: އިރު، ހަނދު، މިއްރީޚު (mars)، ޢަޠާރިދު (mercury)، މުޝްތަރީ (jupiter)، ޒުހުރަތު (venus)، ޒުޙަލް (saturn) މިއެވެ. އެއަށްފަހު، ރޫމުގެ މީހުން އެޖިސްމުތަކާ ގުޅޭ އެމީހުންގެ ދެވިތަކާއި ކަލާނގެތަކުގެ ނަންތަކުން ދުވަސްތަކަށް ނަންދީ، އެނަންތައް ބޭނުންކުރަން ފެށީއެވެ. ދެން، މިފަލަކީ ނިޡާމުގެ ތެރެއިން ދުވަސްތަކަށް ނަންދިނުން، ދުނިޔޭގެ ގިނަ ބަސްބަހުގެ ތެރެއަށް ވަދެގެން ދިޔައީއެވެ.
މިގޮތުގެ މަތިން، މިފަލަކީ ޖިސްމުތަކާއި، އިހުގެ ދިޔާނަތުތަކާއި އިޢުތިޤާދުތަކުގައި މިޖިސްމުތަކާ ގުޅުވާފައިހުރި ދެވިތަކުގެ ނަންނަމުން، ބހާރަތު (އިންޑިޔާ) ސަރަޙައްދުގައި ވެސް ދުވަސްތަކަށް ނަންދިނެވެ. މިސަރަޙައްދުގެ ގިނަ ބަސްތަކުގެ މަންމަ ކަމުގައި ބެލެވޭ ސަންސްކިރިތު ބަހުގައި މިޖިސްމުތަކުގެ ނަންތަކަކީ:
އިރު: ރަވި، ސޫރްޔަ، އާދީތިޔަ
ހަނދު: ސޯމަ، ޗަންދްރާ
މިއްރީޚު: މަންގަލަ، އަންގާރަކަ
ޢަޠާރިދު: ބުދހަ (ދާލުގައި ހާގެ އަޑު އިތުރުކޮށްފައި)
މުޝްތަރީ: ގުރޫ، ބްރަހަސްޕަތި
ޒުހުރަތު: ޝުކްރާ
ޒުޙަލް: ޝަނީ
ދިވެހި ބަހުގައި ދުވަސްތަކަށް ކިޔާ ނަންތަކާއި އެނަންތަކުގެ މާނަ:
އާދީއްތަ ދުވަސް: "އާދީއްތަ" މިލަފުޡު ނެގިފައިވަނީ ސަންސްކިރިތު "އާދީތިޔަ"އިންނެވެ. "އާދީތިޔަ" އަކީ ސަންސްކިރިތު ބަހުން އިރާ ގުޅިފައިވާ ލަފުޡެކެވެ. މިގޮތުން، ބހާރަތުގެ އިޢުތިޤާދުގައި، "އާދީތިޔަ"އަކީ އިރުގެ ދެވިތަކެކެވެ. މިނަމަކީ އިރަށް ނިސްބަތްކުރެވޭ ނަމަކަށް ވެފައި، އިރަކީ ދިރިހުރުމަށް ބޭނުންވާ ހަކަތައިގެ މައި މަޞްދަރު ކަމަށް ވުމުން، އަދާ ހަމައަށް ވެސް އިންޑިޔާގެ ނުވަތަ ހިންދޫ ދީނުގެ ގިނަ ބަޔަކަށް މިނަމުން ނަންދެއެވެ. ދިވެހި ބައެއް ރަސްރަސްކަލުންގެ ނަމަށް ވެސް "އާދީއްތަ" (އާދީތިޔަ) ލައިފައި ހުރެއެވެ. މިޘާލަކަށް، "ޝްރީ ތިރިބުވަނަ އާދީތިޔަ މާރަސުން"ގެ ވާހަކަ ލޯމާފާނުގައި އޮވެއެވެ. އަދި އައްސުލްޠާން އަޙްމަދު ޝިހާބުއްދީން ސިރީ ލޯކަ އާދީއްތަ މަހާރަދުން ވެސް މިނަމުން ފާހަގަކުރެވެއެވެ. މިއަދު ދިވެހި ބަހުގައި "އާދީއްތަ" އިރުގެ މާނައިގައި ބޭނުންނުކުރިޔަސް، އިހުޒަމާނުގައި އެލަފުޡު އެމާނައިގައި ބޭނުންކޮށްފައިވުމަކީ އެކަށީގެންވާ ކަމެކެވެ. ދިވެހި ބަހާ ނުހަނު އެއްގޮތް ބަހެއް ކަމަށްވާ ސިންގަޅަ ބަހުގައި އާދީއްތަ ދުވަހަށް ކިޔަނީ "އިރިދާ" (މާނައީ: އިރު ދުވަސް) އެވެ. ހިންދީ ބަހުގައި ކިޔަނީ "ރަވިވާރް" އެވެ.
ހޯމަ ދުވަސް: "ހޯމަ" މިލަފުޡު ނެގިފައިވަނީ ސަންސްކިރިތު "ސޯމަ"އިންނެވެ. ޤަދީމީ ހިންދޫ ލިޔެކިޔުންތަކުގައި "ސޯމަ"އަކީ ހަނދުގެ ދެއްވަކަށް ކިޔާ ނަމެކެވެ. ނަމަވެސް، ފަހުން "ސޯމަ" އަކީ ހަނދަށް ކިޔާ ނަމެއްގެ ގޮތުގައި ބޭނުންކުރެވެން ފެށިއެވެ. ވުމާއެކު، ދިވެހި ބަހުގައި "ހޯމަ" ވެސް އެއީ މިމާނައިގައި އިހުގައި ބޭނުންކުރި ލަފުޡަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ސަންސްކިރިތު ބަހުން ހަނދަށް ޢާންމުކޮށް ބޭނުންކުރާ ގޮތަކީ "ޗަންދްރާ"އެވެ. ހިންދީބަހުގައި ބޭނުންކުރަނީ "ޗާންދް" ނުވަތަ "ޗަންދްރާ" ނުވަތަ "ސޯމް"އެވެ. ހިންދީ ބަހުގައި ހޯމަ ދުވަހަށް ކިޔަނީ "ސޯމަވާރް" (ހަނދު ދުވަސް)އެވެ. ސިންގަޅަ ބަހުން ހޯމަ ދުވަހަށް ކިޔާ ނަމަކީ "ސަނދުދާ" (ހަނދު ދުވަސް) އެވެ. މިދުވަހުން ރަމްޒުކޮށްދެނީ އިންސާނުންގެ އިޙުސާސްތަކާއި ޝުޢޫރުތަކެވެ.
އަންގާރަ ދުވަސް: "އަންގާރަ" މިލަފުޡަކީ މިއްރީޚު (mars) އަށް ނިސްބަތްކޮށް ބޭނުންކުރެވުނު ނަމެއް ކަމުގައި ބެލެވެއެވެ. ސިންގަޅަ ބަހުގައި ވެސް މިއްރީޚަށް ކިޔާ ނަމަކީ "އަނގަހަރު" ނުވަތަ "އަނގަހަރުވާ" އެވެ. މިގޮތުގެ މަތިން، ސިންގަޅަބަހުގައި އަންގާރަ ދުވަހަށް ކިޔަނީ "އަނގަހަރުވާދާ" (މިއްރީޚު ދުވަސް) އެވެ. މިނަމުގެ އަޞްލަށް ބަލާއިރު، އެއީ ސަންސްކިރިތު "އަންގާރަކަ" ކަމަށް ޤަބޫލުކުރެވެއެވެ. ސަންސްކިރިތު ބަހުން "އަންގާރަ" މާނައީ "އަލިފާނުން އެނދުން" މިއެވެ. މިއްރީޚަކީ ގަދަ ރަތްކުލައިގެ ގުރަހައަކަށް ވާތީ، ސަންސްކިރިތު ބަހުން އެއަށް "އަންގާރަކަ" ކިޔަނީއެވެ. ނަމަވެސް، ފާހަގަކޮށްލަންޖެހޭ ގޮތުގައި، ސަންސްކިރިތު ބަހުގައި ޢާންމުކޮށް މިއްރީޚަށް ކިޔާ ނަމަކީ އެހެން ނަމެކެވެ. އެއީ، "މަންގަލަ"އެވެ. ހިންދީ ބަހާއި، އިންޑިޔާގެ ގިނަ ބަސްބަހުގައި ވެސް އަންގާރަ ދުވަހަށް ނަންދިނުމުގައި ބޭނުންކޮށްފައި ހުރީ "މަންގަލަ"އެވެ. މިޘާލަކަށް، ހިންދީ ބަހުގައި އަންގާރަ ދުވަހަށް ކިޔަނީ "މަންގަލްވާރް"އެވެ. "އަންގާރަކަ" މިނަމުގެ ބާވަތްތައް ބޭނުންކޮށްފައި ހުރީ ދިވަހި ބަހާއި ސިންގަޅަ ބަހުގައެވެ.
ބުދަ ދުވަސް: "ބުދަ" މިލަފުޡު ނެގިފައިވަނީ ސަންސްކިރިތު "ބުދހަ"އިން ކަމާމެދު ޝައްކެއް ވެސް ނެތެވެ. ހިންދޫ އިޢުތިޤާދުގައި "ބުދހަ" އަކީ ޢަޠާރިދަށް ކިޔާ ނަމެވެ. މިގުރަހައިގެ ދެއްވަކީ ބުއްދީގެ ބާރު ރަމްޒުކޮށްދޭ ދެއްވެއް ކަމަށް އެމީހުން ޤަބޫލުކުރިއެވެ. ވީމާ، މިލަފުޡަކީ "ބުއްދި"އާ ގުޅުން ހުރި ލަފުޡެކެވެ. އިންޑިޔާ ސަބްކޮންޓިނެންޓުގެ ގިނަ ބަސްތަކުގައި ބުދަ ދުވަހަށް ކިޔަނީ "ބުދހަ"އިން ނެގިފައިވާ ނަންނަމެވެ. އަދި ބުއްދިއަށް ވެސް ކިޔަނީ މިއާ އެއްގޮތް ނަންތަކެކެވެ. މިގޮތުން، ސިންގަޅަ ބަހުގައި ބުދަ ދުވަހަށް ބޭނުންކުރަނީ "ބަދާދާ" (ޢަޠާރިދު ދުވަސް) އެވެ. ހިންދީ ބަހުގައި "ބުދހަ"އަށް ޢާންމުކޮށް ބޭނުންކުރަނީ "ބުދހް"އެވެ. މިހުރިހައި ބަސްބަހުގައި ވެސް ބުއްދިއަށް ކިޔަނީ "ބުދްދހި" އެވެ. އިތުރު ނުކުތާއެއްގެ ގޮތުން: ބުދުދީނުގެ މީހުން އަޅުކަންކުރާ ބުއްދާ (ބުދްދހާ)އަކީ ވެސް "ބުއްދި ފުރިހަމަ" ނުވަތަ "ބުއްދި ލިބިގެންވާ" މިމާނަ ދޭހަވާ ނަމެކެވެ. އަދުގެ ދިވެހި ބަހުގައި ޞަނަމަށް (statueއަށް) "ބުދު" ކިޔުމަކީ ވެސް ދިވެހީންގެ ބުދުދީނުގެ މާޟީއާ ގުޅުންހުރި ކަމެއް ކަމަށް ބެލެވެއެވެ.
ބުރާސްފަތި ދުވަސް: "ބުރާސްފަތި" މިނަން ނެގިފައިވަނީ ސަންސްކިރިތު "ބްރަހަސްޕަތި"އިންނެވެ. މިދުވަސް ގުޅިފައިވާ ގުރަހައަކީ މުޝްތަރީ (saturn)އެވެ. މުޝްތަރީއަށް ސަންސްކިރިތު ބަހުގައި ދެނަމެއް ކިޔައެވެ. އެއީ "ގުރޫ" އަދި "ބްރަހަސްޕަތި"އެވެ. މިދެނަމުގެ މާނައަކީ ވެސް "އެދުރު" ނުވަތަ "އުނގަންނައިދޭ"އެވެ. އިހުގެ ޤަބޫލުކުރުމުގައި، މުޝްތަރީއަކީ ޢިލްމު ރަމްޒުކޮށްދޭ ގުރަހައެކެވެ. ހިންދީ ބަހުގައި ސަންސްކިރިތު ދެނަން ވެސް ބޭނުންކުރެއެވެ. މިގޮތުން، ބުރާސްފަތި ދުވަހަށް ހިންދީން "ގުރުވާރް" އަދި "ބްރަހަސްޕަތިވާރް" ކިޔައެވެ. ސިންގަޅަ ބަހުގައި ޢާންމުކޮށް ބޭނުންކުރަނީ "ބްރަހަސްޕަތިންދާ" (މުޝްތަރީ ދުވަސް) އެވެ. ދިވެހި ބަހުގެ ތެރެއަށް ވެސް "ބުރާސްފަތި" ވަނީ މިމާނައިގައި ކަމަށް ބެލެވެއެވެ.
ހުކުރު ދުވަސް: "ހުކުރު" މީގެ އަޞްލަކީ ސަންސްކިރިތު "ޝުކްރަ"އެވެ. އެއީ ޒުހުރަތަށް (venusއަށް) ކިޔާ ނަމެވެ. މިނަމުގެ މާނައިން ރަމްޒުކޮށްދެނީ ޠާހިރުކަމާއި، އަލިގަދަކަމާއި، ލޯތްބެވެ. މިގޮތުގެ މަތިން، ހިންދީ ބަހުގައި ހުކުރު ދުވަހަށް ކިޔަނީ "ޝުކްރަވާރް" (ޒުހުރަތު ދުވަސް) އެވެ. އަދި ސިންގަޅަ ބަހުގައި ކިޔަނީ "ސިކުރާދާ" (ޒުހުރަތު ދުވަސް) އެވެ. ދިވެހި "ހުކުރު" އެއީ ސިންގަޅަ "ސިކުރާ"އާ ގާތް ގުޅުމެއް އޮތް ލަފުޡެއް ކަމަށް ބެލެވެއެވެ.
ހޮނިހިރު ދުވަސް: ސަންސްކިރިތު ބަހުން މިދުވަސް ނިސްބަތް ކުރެވޭ ގުރަހައަކީ ޒުޙަލް (saturn)އެވެ. ޒުޙަލަށް ސަންސްކިރިތު ބަހުން ކިޔަނީ "ޝަނި"އެވެ. ހިންދީ ބަހުގައި ވެސް ހަމަ މިގޮތަށް ބޭނުންކުރެއެވެ. މިގޮތުން، ހިންދީ ބަހުގައި ހޮނިހިރު ދުވަހަށް ކިޔަނީ "ޝަނިވާރް"އެވެ. މިދުވަހުން ރަމްޒުކޮށްދެނީ ޢަދުލުވެރިކަމާއި އިންޞާފުވެރިކަމެވެ. ސިންގަޅަ ބަހުގައި މިދުވަހަށް ކިޔަނީ "ސެނަސުރާދާ" (ޒުޙަލް ދުވަސް)އެވެ. ސިންގަޅަ ބަހުން ޒުޙަލަށް ކިޔަނީ "ސެނަސުރު"އެވެ. މިލަފުޡަކީ ދިވެހި "ހޮނިހިރު"އާ ދާދި ގާތް ލަފުޡެއް ކަން އެނގެއެވެ.
ނޯޓު: މިލިޔުމުގައި ގުރަހަތަކަށް ދިވެހިން ބޭނުންކޮށްފައިވާ ނަންތަކަކީ، ދިވެހިން މިހާރު ޢާންމުކޮށް އެގުރަހަތަކަށް ކިޔާ، ޢަރަބި އަޞްލުގެ ނަންތަކެވެ.