ޚަބަރު
ބީ.އެމް.އެލް.އަށް ޔުއާން އެކައުންޓުތައް ތަޢާރަފުކޮށްފި!

ބީ.އެމް.އެލް.އަށް ޔުއާން އެކައުންޓުތައް ތަޢާރަފުކުރަން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ބޭންކް އޮފް މޯލްޑިވްސް.

ފަރުދުން
22 ސެޕްޓެމްބަރު 2025، 04:45
22 ސެޕްޓެމްބަރު 2025، 04:45
ދިވެހި އިޤުތިޞާދު ފުޅާކުރުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް.)ގައި ޗައިނީޒް ޔުއާން އެކައުންޓު ހުޅުވޭ ގޮތް ފުރަތަމަ ފަހަރަށް ހަމަޖައްސައި، އެ ޤައުމުގެ ފައިސާ ބޭނުންކޮށްގެން ވިޔަފާރި ކުރެވޭނެ ފަސޭހަ އިންތިޡާމުތަކެއް އެ ބޭންކުން އަދު ތަޢާރަފުކޮށްފިއެވެ.
ބީ.އެމް.އެލް.ގެ ޔުއާން އެކައުންޓުތައް ތަޢާރަފުކުރުމަށް މި އަދު ބޭއްވި ރަސްމިއްޔާތުގައި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންގްވާއާއި، ބީ.އެމް.އެލް.ގެ ޗެއަރޕަރސަން ޢަލީ ޙަބީބާއި، އެ ބޭންކުގެ ސީ.އީ.އޯ. އަދި އެމް.ޑީ. މުޙައްމަދު ޝަރީފުގެ އިތުރުން، ބޭންކުގެ އެހެނިހެން އިސްވެރީން ބައިވެރިވެވަޑައިގަތެވެ.
ޔުއާން އެކައުންޓްގެ ޚިދުމަތް އިފްފިތާޙުކުރަން އަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ބީ.އެމް.އެލް.ގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީ.އީ.އޯ. މުޙައްމަދު ޝަރީފު ވިދާޅުވީ، އެ ބޭންކުގެ ކޮންމެ ކަސްޓަމަރަކަށް ވެސް މިހާރު އެ ކަސްޓަމަރެއްގެ ބީ.އެމް.އެލް. ވިސާ ނުވަތަ މާސްޓަރ ކާޑު، ޗައިނާގެ ވީޗެޓް ޕޭއާ ލިންކު ކުރެވޭނެ ކަަމަށެވެ. އެއީ ވިސާ ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު ވެސް ހިމެނޭ ގޮތަށެވެ.
އިންޓަރނެޓް އަދި މޯބައިލް ބޭންކު މެދުވެރިކޮށް ޗައިނީޒް ޔުއާން ކަރަންޓް އެކައުންޓު ހުޅުވުމުގެ ފުރުޞަތު ފަރުދުންނާއި ވިޔަފާރިތަކަށް ހުޅުވައިލުމުގެ އިތުރަށް، ޔުއާން މެދުވެރިކޮށް ބައިނަލްއަޤްވާމީ ޓްރާންސްފަރ ނުވަތަ ޓީ.ޓީ. ހެދުމުގެ ޚިދުމަތް ވެސް ބީ.އެމް.އެލް.އިން ތަޢާރަފުކޮށްފައިވެއެވެ. ހަމަ އެހެންމެ، ޓީ.ޓީ. މެދުވެރިކޮށް ޔުއާންއިން ފައިސާ ލިބިގަނެވޭނެ ޚިދުމަތް ވެސް ތަޢާރަފުކޮށްފައިވެއެވެ.
މީގެ އިތުރުން، މުދާ އެތެރެކުރާ ފަރާތްތަކަށާއި ބޭރުކުރާ ފަރާތްތަކަށް ޗައިނީޒް ޔުއާންއިން އެލް.ސީ. ނުވަތަަ ލެޓަރ އޮފް ކްރެޑިޓް ތައްޔާރުކުރެވޭނެއެވެ. މި ކަމުގެ ސަބަބުން ޗައިނާ ވިޔަފާރިތަކާ އެކު ފައިސާގެ މުޢާމަލާތްތައް ކުރުމަށް ވަރަށް ބޮޑަށް ފަހިވެގެންދާނެއެވެ.
މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް ޕޭމަންޓް ޕްލެޓްފޯމްގައި ދިވެހީންނަށް ފަސޭހައިން ފައިސާގެ މުޢާމަލާތް ކުރުމަށް ހުޅުވިގެންދާ ފުރުޞަތެއް. މީގެ އިތުރުން، ކަސްޓަމަރުންނަށް ޔޫ.އެސް.ޑީ. ޑެބިޓް، ޔޫ.އެސް.ޑީ. ކްރެޑިޓް އަދި ޓްރެވަލް ކާޑުތައް ވެސް ވީޗެޓް ޕޭއަށް އެޑްކުރެވޭނެ.
ބީ.އެމް.އެލް.އިން ބުނެފައިވެއެވެ.
މި ޚިދުމަތްތަކުގެ ސަބަބުން، އަޅުގަނޑުމެންގެ ވިޔަފާރި މުޖުތަމަޢަށް ހަރުދަނާކަމާ އެކު ވިޔަފާރިކުރެވި، އަދި ފަރުދުންނަށް މިހައިތަނަށް ނުލިބޭ ވަރުގެ ފަސޭހަތަކެއް ލިބިގެންދާނެ. މިއީ އައު އީޖާދީ ޙައްލުތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ރަމްޒެއް.
ބީ.އެމް.އެލް.ގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވި ގޮތުގައި، ބީ.އެމް.އެލް.އިން މިއަދު ތަޢާރަފުކުރި ޚިދުމަތްތަކާ ހަމައިން މި ކަން ނިމުނީއެއް ނޫނެވެ. އަންނަ ޖަނަވަރީ މަހު، ޔުއާން އެކައުންޓްތަކަށް ޔޫނިއަން ޕޭ ޑެބި ޓްކާޑާއި ކްރެޑިޓް ކާޑު ވެސް ތަޢާރަފު ކުރާނެ ކަމަށް ޝަރީފު މަޢުލޫމާތު ދެއްވިއެވެ. ޔޫނިއަން ޕޭ ކާޑަކީ ދުނިޔޭގެ 180އަށް ވުރެ ގިނަ ޤައުމުގައި ބަލައިގަންނަ، ގްލޯބަލް ޕޭމަންޓް ނެޓްވޯކްގައި ބޭނުންކުރެވޭ ކާޑެކެވެ.
ޝަރީފް ވިދާޅުވީ، މިއަދު ބީ.އެމް.އެލް.އިން ތަޢާރަފުކުރި ޚިދުމަތްތަކަކީ، ރާއްޖޭގެ އިޤުތިޞާދީ ދާއިރާ ތަރައްޤީކުރުމުގައި ކުރިއަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް އިޤުތިޞާދާއި ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ އެއް ޕްލެޓްފޯމާ ގުޅުވައިލުމުން، ބީ.އެމް.އެލް.ގެ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބޭނެ ކަން ޝަރީފްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
At an event held today, we launched Chinese Yuan (CNY) accounts for the first time in the Maldives, marking a significant step forward in enhancing trade and financial transactions between the Maldives and China!
— Bank of Maldives (@bankofmaldives) September 22, 2025
This event was attended by Ambassador of the People’s Republic… pic.twitter.com/fojudzVtQ1