ޚަބަރު
ދިއްފުށީ ފިޓްނަސް ސެންޓަރުގެ ފައުންޑޭޝަން މަސައްކަތް ބާރަށް ކުރިއަށް
ދިއްފުށީ ފިޓްނަސް ސެންޓަރުގެ މަސައްކަތް
ކ. ދިއްފުށީގައި ތަރައްޤީކުރާ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ފައުންޑޭޝަން ފުޓިންގ އެޅުމުގެ މަސައްކަތްތައް ސައިޓުގައި މިހާރު ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މުޅި ރާއްޖޭގައި ކުރިއަށްގެންދާ ކުޅިވަރުގެ އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ 77 މަޝްރޫޢުގެ ތެރޭގައި ހިމެނޭ އެއް މަޝްރޫޢެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުޢިއްޒާއި ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.
Project Update: Development of Fitness and Recreation Center at K. Dhiffushi Foundation footing installation works are currently ongoing at the project site. Follow more updates at: https://t.co/RjAFCf3rnI #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC https://t.co/epkbC3HITH
— MTCC Plc (@MTCCPlc) October 5, 2026
ޖުމްލަ 4،000 އަކަފޫޓުގެ ޖާގައެއްގައި ބިނާކުރާ މި މަރުކަޒުގެ މަސައްކަތްތަކުގެ ތެރޭގައި ކޮންކްރީޓާއި ރާނައި ސިމެންތި ޖެހުމުގެ އިތުރުން، ދޮރާއި ކުޑަދޮރު ހަރުކުރުމާއި، ފެނާއި ކަރަންޓުގެ ނިޒާމު ޤާއިމުކޮށް އެތެރެއާއި ބޭރުގެ ފިނިޝިންގ މަސައްކަތްތައް ފުރިހަމަކުރުން ހިމެނެއެވެ.
މި މަރުކަޒު ފަރުމާކުރެވިފައިވަނީ ޖިމްގެ އިތުރުން އިންޑޯ ކުޅިވަރުތަކާއި ބޯޑު ގޭމްތައް ކުޅެވޭނެ އިންތިޒާމުތަކާއެކު ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް އެހީތެރިވެދޭނެ ގޮތަށެވެ. މީގެއިތުރުން ދިއްފުށީގެ ތަރައްޤީއަށްޓަކައި 23 ހެކްޓަރުގެ ބިން ހިއްކުމާއި، ސްކޫލް ހޯލާއި، އިންޖީނުގެ އަދި ކުނި މެނޭޖްކުރާ މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތްތައްވެސް އެމްޓީސީސީން އެކުއެކީގައި ކުރިއަށްގެންދެއެވެ.