ދުނިޔެ
މަތިންދާބޯޓުގެ ލޭންޑިންގ ގިޔަރު ތެރޭގައި ފިލައި އޮވެ، ކުޑަކުއްޖަކު ދަތުރުކޮށްފި!

ކަމް އެއަރ މަތިންދާބޯޓެއް.

ފަރުދުން
23 ސެޕްޓެމްބަރު 2025، 02:33
23 ސެޕްޓެމްބަރު 2025، 02:33
މަތިންދާބޯޓެއްގެ ލޭންޑިންގ ގިޔަރު ތެރޭގައި ފިލައި އޮވެ، އަފްޣާނިސްތާނުގެ އުތުރުގައި އޮންނަ ކުންދުޒް ސިޓީއަށް ނިސްބަތްވާ ޢުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު މި ދިޔަ އާދީއްތަ ދުވަހު ދަތުރުކޮށްފިއެވެ.
އިދާރީ ބޭފުޅުން ހާމަކުރައްވާ ގޮތުގައި، އަފްޣާނިސްތާނުގެ ކާބުލުން އިންޑިޔާގެ ދިއްލީއަށް ދަތުރުކުރި "ކަމް އެއަރ" މަތިންދާބޯޓެއް ދިއްލީއަށް ޖެއްސި ފަހުން، ދިއްލީ ބައިނަލްއަޤްވާމީ ވައިގެބަނދަރު ތެރޭގައި އެ ކުއްޖާ ޙަރަކާތްތެރިވެ އުޅެނިކޮށް ފެނުނެވެ. އެ ކުއްޖާ ޑީޓެއިންކޮށް، ދިއްލީ އެއަރޕޯޓުގެ ސެކިޔުރިޓީން އޭނާއާ އެތައް ގަޑިއިރެއް ވަންދެން ސުވާލުކުރިއެވެ. އެއަށް ފަހު އަނބުރާ ކާބުލަށް، ހަމަ އެ ބޯޓުގައި ފޮނުވާލިއެވެ. އެ ކުޑަކުއްޖާ ބުނީ، އޭނާ ލޭންޑިންގ ގިޔަރު ތެރޭގައި ފިލައި އޮވެ ދަތުރުކުރީ، ފުޟޫލު (ކިޔުރިއޮސިޓީ)ގެ ސަބަބުން ކަމަށެވެ.
އިންޑިޔަން ސެންޓްރަލް އިންޑަސްޓްރިޔަލް ސެކިޔުރިޓީ ފޯސް (ސީ.އައި.އެސް.އެފް.)ގެ ތަރުޖަމާނު މަޢޫލޫމާތު ދެއްވި ގޮތުގައި، އެ ކުއްޖާ ދަތުރުކުތި ފްލައިޓަކީ "ކަމް އެއަރލައިންސް"ގެ ފްލައިޓް RQ-4401އެވެ. އެ ފްލައިޓް ދިއްލީއަށް ޖައްސާފައިވަނީ މި ދިޔަ އާދީއްތަ ދުވަހު ހެނދުނު 11:10ގައެވެ.
އިންޑީޔާގެ ފުލުހުން އެ ކުއްޖާއާ ސުވާލުކުރުމުން އެ ކުއްޖާ ބުނީ، އޭނާ ފިލައި އޮތީ ލޭންޑިންގ ގިޔަރ ކޮމްޕާޓްމެންޓްގެ ރިޔަރ ސެންޓްރަލް ބައިގެ ތެރޭގައި ކަމަށެވެ. އެ ތަން ބަލައި ފާސްކުރި އިރު، ރަތް ކުލައިގެ ކުޑަ އޯޑިޔޯ ސްޕީކަރެއް ވެސް އެ ތަނުން ވަނީ ފެނިފައެވެ.
"އިންޑިޔަން އެކްސްޕްރެސް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ކުއްޖާ ބޭނުންވީ އަފްޣާނިސްތާނުން އީރާނަށް ދަތުރުކުރާށެވެ. ނަމަވެސް، އޭނާއަށް އޮޅިގެން، އިންޑިޔާގެ ދިއްލީއަށް ދާ ފްލައިޓަކަށް އެރުނީއެވެ. އެ ނޫހުން ޝާއިޢުކޮށްފައިވާ ގޮތުގައި، އެ ކުއްޖާ އަފްޣާނިސްތާނުގެ ކާބުލް އެއަރޕޯޓަށް ވަގަށް ވަދެ، ފަސިންޖަރުންތަކެއްގެ ފަހަތުން އަޅުވައިލިއެވެ. އެ މީހުން ފަހަތުން މަތިންދާބޯޓު ކައިރިއަށް ގޮސް، ބޯޓުގެ ރިޔަރ ވީލް ވެލް އެތެރޭގައި ފިލައި އޮތެވެ. ރިޔަރ ވީލް ވެލް އަކީ، ބޯޓު ތެރޭގައި ލޭންޑިންގ ގިޔަރު ރައްކައުކޮށްފައި ހުންނަ ތަނަށް ކިޔާ ނަމެވެ. އެ ކުއްޖާ އެތަނު ތެރޭގައި އޮތީ، ހަމަ އެކަނި އޭނާގެ ލައުޑްސްޕީކަރު ހިފައިގެންނެވެ.
މަތިންދާބޯޓުތަކުގައި ފިލައިގެން ދަތުރުކުރުމަކީ ދޭތެރެ ދޭތެރެއިން ދުނިޔޭގެ އެކި ޤައުމުތަކުގައި ހިނގަމުން އަންނަ ކަމެކެވެ. ނަމަވެސް، މަތިންދާބޯޓުގެ ނުރައްކައުތެރި ތަންތަނަށް ވަދެ އޮވެ، އެއިން ގިނަ މީހުން ދިރިހުރި ޙާލުގައި ބޯޓުން ފޭބޭ ގޮތެއް ނުވެއެވެ. ވީމާ، އަފްޣާނިސްތާނުގެ ކުއްޖާ މި ކުރި ޢަމަލަކީ، ދުނިޔޭގެ އެކި ނޫސްތަކުގެ ސުރުޚީތަކުގައި ފަވާލެވިގެންދިޔަ ވާހަކައެކެވެ.