ކުޅިވަރު

ކީޕަރު އިފްރާޙަށް ސްޓްރޯކެއް ޖެހިއްޖެ، އައި.ސީ.ޔޫ.ގައި ފަރުވާދެނީ!

ކީޕަރު އިފްރާޙަށް ސްޓްރޯކެއް ޖެހިއްޖެ، އައި.ސީ.ޔޫ.ގައި ފަރުވާދެނީ!

އިބްރާހީމް އިފްރާޙް ޢަރީފް (އިފްރާ). ފޮޓޯ: މިހާރު

farudhun logo

ފަރުދުން

23 ސެޕްޓެމްބަރު 2025، 02:58

23 ސެޕްޓެމްބަރު 2025، 02:58

ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުގައި ކުރިން ކީޕަރުކަން ކޮށްފައިވާ އިބްރާހީމް އިފްރާޙް ޢަރީފް (އިފްރާ)އަށް ސްޓްރޯކެއް ޖެހިގެން، އޭ.ޑީ.ކޭ. ހޮސްޕިޓަލުގެ އިންޓެންސިވެ ކެއަރ ޔުނިޓް (އައި.ސީ.ޔޫ.)ގައި ފަރުވާދޭން ފަށައިފިއެވެ.

ޢުމުރުން 36 އަހަރުގެ އިފުރާޙަށް އިއްޔެ ޖެހުނު ސްޓްރޯކުގެ ސަބަބުން، ސިކުނޑިއަށް ލެއި އެޅިފައިވާ ކަމަށް ޢާއިލާ މެންބަރަކު ވަނީ ޙިއްޞާކޮށްފައެވެ. މި ލެއިތައް ނެގުމަށް އިއްޔެ ވަނީ އޮޕަރޭޝަނެއް ވެސް ކުރިއަށް ގެންގޮސްފައެވެ. ސަރޖަރީއަށް ފަހުގައި ވެސް، އިފްރާޙަށް އިތުރަށް ފަރުވާދެމުން އަންނަ ކަމަށް މީޑިޔާތަކަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

އިފްރާޙަކީ، ރާއްޖެއިން 2008ވަނަ އަހަރު ސާފް  ޗެމްޕިއަންޝިޕް ތަށި ހޯދި އިރު، ޤައުމީ ޓީމުގައި ހިމެނުނު ބަދަލު ކީޕަރެކެވެ. އޭނާއަކީ އެ ދުވަސްވަރު ރާއްޖޭގެ ފުރަތަމަ ޑިވިޝަނުން ފާހަގަކުރެވުނު އެންމެ މޮޅު ކީޕަރުންގެ ތެރޭގައި ހިމެނުނު ހުޝިޔާރު ކީޕަރެއްމެއެވެ. ނަމަވެސް، އޭނާއަށް ލިބުނު އަނިޔާގެ ސަބަބުން، ކުޅުމާ ދުރަށް ޖެހުނު ފަހުން، ބޮޑު މުބާރާތެއްގައި އޭނާ ފެނިފައެއް ނުވެއެވެ.

އިފްރާޙް އެންމެ ފަހުން ކުޅުނީ މީގެ 6 އަހަރު ދުވަސް ކުރިން، ޓީ.ސީ. ސްޕޯޓްސް ކުލަބަށެވެ. އިފްރާޙަކީ ކްލަބް ވެލެންސިޔާއިން ފުޓްބޯޅައިގެ ތެރެއަށް ނުކުމެ، ފަހުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި، ނިއު ރޭޑިއަންޓާއި ވިކްޓްރީ އަދި ބީ.ޖީ.އަށް ވެސް ކުޅެފައިވާ ކީޕަރެކެވެ. އޭނާ އެންމެ ފާހަގަކޮށްލެވުނީ، މާޒިޔާއަށް ކުޅުނު ދުވަސްވަރުގައެވެ.

ރާއްޖޭގެ ޢުމުރުފުރާތަކުގެ ގިނަ ޤައުމީ ޓީމުތަކެއްގެ ގޯލު ބެލެހެއްޓި އިފްރާޙް، 19 އަހަރުން ދަށުގެ ޤައުމީ ޓީމުގެ ކެޕްޓަންކަން ވެސް ވަނީ ކޮށްފައެވެ. ގިނަ ކޯޗުންގެ ތަޢުރީފު ލިބުނު ކުޅަދާނަ ކީޕަރެއްގެ ގޮތުގައި ފެނިފައިވާ އިފުރާޙް ވަނީ، ރާއްޖޭގެ 23 އަހަރުން ދަށުގެ ޤައުމީ ޓީމުގައި ހިމެނިގެން، އޭޝިއަން ގޭމްސް، ސައުތު އޭޝިއަން ގޭމްސް، އަދި އޮލިމްޕިކް ކޮލިފައިންގައި ވެސް ރާއްޖެ ތަމްޘީލުކޮށްފައެވެ.

އިފްރާގެ ފުޓްބޯޅަ ކެރިއަރަށް ފަހު، އޭނާ ބޮޑަށް ޙަރަކާތްތެރިވަމުން އައީ ސްޕޯޓްސް ފިޝިންގް ދާއިރާގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން