ކުޅިވަރު

ފުޓްސަލް އޭޝިޔަން ކަޕް ކޮލިފައިންގ: މިޔަންމާ އަތުން ރާއްޖެ ބަލި!

ފުޓްސަލް އޭޝިޔަން ކަޕް ކޮލިފައިންގ: މިޔަންމާ އަތުން ރާއްޖެ ބަލި!

އޭ.އެފް.ސީ. ފުޓްސަލް އޭޝިޔަން ކަޕް ކޮލިފައިންގގައި މިޔަންމާ އަތުން ރާއްޖެ ބަލިވުން. ފޮޓޯ: އޭޝިޔަން ފުޓްބޯލް.

farudhun logo

ފަރުދުން

23 ސެޕްޓެމްބަރު 2025، 03:17

23 ސެޕްޓެމްބަރު 2025، 03:17

އޭ.އެފް.ސީ. ފުޓްސަލް އޭޝިޔަން ކަޕް ކޮލިފައިންގގައި ވާދަކުރި ރާއްޖޭގެ ޤައުމީ ޓީމު މިޔަންމާއާ ދެކޮޅަށް ކުޅުނު މެޗުން 7-3 ގެ ނަތީޖާއަކުން ބަލިވެއްޖެއެވެ.

ރާއްޖެ ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވާ އިރު، ޤައުމީ ޓީމަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އެއްވެސް ވަރަކަށް އިންޑޯގައި ފަރިތަކުރުމުގެ ފުރުޞަތު ނުލިބި ކޮލިފައިންގ މެޗުތަކަށް ނުކުންނަށް ޖެހުމެވެ. ނަމަވެސް، ފުޓްސަލް އޭޝިޔަން ކަޕް ކޮލިފައިންގގައި ރާއްޖެއިން މިޔަންމާއާ ދެކޮޅަށް ކުޅުނު ފަހު މެޗުގައި، ރާއްޖޭގެ ކުޅުންތެރީން ވަނީ އަފްޣާނިސްތާނާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗަށް ވުރެ ރަނގަޅު ކުޅުމެއް ދައްކާފައެވެ.

މިޔަންމާގެ ގޯލަށް ޙަމަލަދީ، ރާއްޖެއިން ތިން ލަނޑު ކާމިޔާބު ކޮށްފައިވާ އިރު، ފުރަތަމަ ލަނޑު ޖަހައިދިނީ އިޝާން އިބްރާހީމް (ސައްޓު)އެވެ. މިއީ ޓީމުގެ ކެޕްޓަން މުޙައްމަދު ޢިމްރާންގެ އެސިސްޓަކުން ދެވަނަ ހާފްގެ ކުރީކޮޅު އިޝާން ކާމިޔާބުކޮށްދިން ލަނޑެކެވެ. ރާއްޖޭގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޢަލީ ޙާފިޡް ދިން ޕާހަކުން، ޢަލީ ޝިޔާހެވެ. އަދި ރާއްޖޭގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ޙުޛައިފަތު ރަޝީދު (ހުޒޭ) އެވެ.

އޭ.އެފް.ސީ. ފުޓްސަލް އޭޝިޔަން ކަޕް ކޮލިފައިންގގައި ރާއްޖެ ފުރަތަމަ ނުކުތީ އަފްޣާނިސްތާނާ ދެކޮޅަށެވެ. އަފްޣާނިސްތާނުން ވަނީ 10-1 ގެ ނަތީޖާއަކުން ރާއްޖޭގެ ޤައުމީ ޓީމު ބަލިކޮށްފައެވެ.

ރާއްޖޭގެ ޤައުމީ ޓީމުން މި ދެ ޤައުމާ ވެސް ކުރިމަތިލީ، މިއީ ވަރުގަދަ ޓީމުތަކެއްކަން ދަނެތިބެ ކަމަށް، ޓީމުގެ ކުޅުންތެރީން ވަނީ ބުނެފައެވެ. އެހެން ނަމަވެސް، ފުރަތަމަ މެޗުގެ ތަޖުރިބާގެ އަލީގައި ދެވަނަ މެޗުގައި ކުޅުން ރަނގަޅުކޮށް، މިޔަންމާއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖެއިން ވަނީ ނިސްބަތުން ރަނގަޅު ކުރިއެރުމެއް ދައްކާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން