ޚަބަރު
ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީޖީއެސްޓީ ބޮޑުކުރާ ބިލް މަޖިލީހުން ފާސްކޮށްފި!
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށްދިޔަ ވަގުތު. ފޮޓޯ: މަޖިލިސް
ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީޖީއެސްޓީ 17 ޕަސެންޓަށް ބޮޑުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ހުށައެޅުން މިއަދުގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީގެ މެމްބަރު މުޙައްމަދު މުސްޠަފާއެވެ.
މި ބިލް މަޖިލީހުގެ މާލިއްޔަތު އަދި އިޤްތިޞާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ދިރާސާކުރުމަށްފަހު ރިޕޯޓް ވަނީ މުޅި މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހަޅައިފައެވެ.
އެ ކޮމިޓީން ވަނީ މިއަދު އެ ބިލް ފާސްކުރުމަށް ވޯޓަށް އަހައިފައެވެ. އެ ބިލް ފާސްކުރުމަށް ފެންނަ ކަމަށް 68 މެމްބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް ވޯޓުދެއްވައިފައިވަނީ 10 މެމްބަރުންނެވެ.
ޓީޖީއެސްޓީގެ ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުން މިހާރު ޓެކްސްގެ ގޮތުގައި ނަގަމުން އަންނަނީ %16 އެވެ. އިސްލާހުގައިވާ ގޮތުން އެ ޢަދަދު ނަގާނީ އަންނަ އަހަރު މެއި މެހުގެ ނިޔަލަށެވެ. އަދި އެ އަހަރުގެ ޖޫން މަހުން ފެށިގެން ޓީޖީއެސްޓީގެ ގޮތުގައި ނަގަން ފަށާނީ %17 އެވެ.
މި ބިލަށް ގެންނަ އިސްލާޙުތަކާއެކުގައި މީގެކުރިން ހަދާފައި ހުރި ޤަވާއިދުތަކަށް ގެންނަން ޖެހޭ އިސްލާޙުތައް ބިލަށް ޢަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެކުލަވާލައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަން ވާނެ ކަމަށް ބިލްގައިވެއެވެ.
މި ބިލަށް އަމަލު ކުރަން ފަށާނީ ބިލް ފާސްވެ، ތަސްދީޤުކޮށް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރަން ފަށާ ހިސާބުންނެވެ. ބިލަށް ޢަމަލު ކުރަން ފެށުމުން އަންނަ އަހަރު ދައުލަތަށް 201.9 މިލިއަން ރުފިޔާ، 2026 ވަނަ އަހަރު 330.8 މިލިއަން ރުފިޔާ އަދި 2027 ވަނަ އަހަރު 538.4 މިލިއަން ރުފިޔާ ލިބޭނެ ކަމަށް މާލީ ވުޒާރާއިން ވަނީ ލަފާކޮށްފައެވެ.