ދުނިޔެ

ހިލޭ ކެއުމުގެ ޕްރޮގްރާމް: އިންޑޮނޭޝިޔާގައި 1000 މަދަރުސާ ކުދީން ބަލިވެއްޖެ!

ހިލޭ ކެއުމުގެ ޕްރޮގްރާމް: އިންޑޮނޭޝިޔާގައި 1000 މަދަރުސާ ކުދީން ބަލިވެއްޖެ!

އިންޑޮނޭޝިޔާ ސަރުކާރުން މަދަރުސާ ކުދީންނަށް ފޯރުކޮށްދޭ މެންދުރު ކެއުމުގެ ޕްރޮގްރާމުގެ ސަބަބުން، މި ހަފުތާ ތެރޭގައި 1000އަށް ވުރެ ގިނަ ކުދީން ބަލިވުން.

farudhun logo

ފަރުދުން

25 ސެޕްޓެމްބަރު 2025، 05:07

25 ސެޕްޓެމްބަރު 2025، 05:07

އިންޑޮނޭޝިޔާ ސަރުކާރުން މަދަރުސާ ކުދީންނަށް ފޯރުކޮށްދޭ މެންދުރު ކެއުމުގެ ޕްރޮގްރާމުގެ ސަބަބުން، މި ހަފުތާ ތެރޭގައި 1000އަށް ވުރެ ގިނަ ކުދީން ބަލިވެއްޖެއެވެ. މިއާ އެކު، މި އަހަރުގެ މި ޙިސާބަށް ފުޑް ޕޮއިޒަނިންގ ޖެހުނު ކުދީންގެ ޖުމުލަ ޢަދަދު 6،400އަށް މި ވަނީ އަރާފައެވެ.

އެންމެ ފަހުގެ ފުޑް ޕޮއިޒަނިންގ ޙާދިޘާ ރިޕޯޓުކޮށްފައިވަނީ ހުޅަނގު ޖާވާގެ ޗިޕޮންގކޮރްގައެވެ. އެ ސަރަޙައްދުގެ މަދަރުސާ ކުދީންގެ ފުށުން ފެންނަ ޢަލާމާތްތަކުގެ ތެރޭގައި: ބޯ އެނބުރުމާއި، މޭ ނުބައިކުރުމާއި، ބަނޑުގައި ރިހުން ހިމެނެއެވެ. އަދި ބައެއް ކުދީން ނޭވާ ކުރުވި ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ. ކުދީންނަށް ކާންދެވުނު ކާނާގެ ތެރޭގައި: ކުކުޅާއި، ޓޯފޫއާއި، ތަރުކާރީއާއި މޭވާގެ ބާވަތްތައް ހިމެނެއެވެ. އިދާރީ ބޭފުޅުން ހާމަކުރައްވާ ގޮތުގައި، މި ކަމުގެ ޒިންމާ އުފުލަން ޖެހޭ ފަރާތަކީ އެސް.ޕީ.ޕީ.ޖީ. (ނިޔުޓްރިޝަން ފުލްފިލްމެންޓް ސަރވިސް ޔުނިޓް)އެވެ. ވީމާ، އެ މުއައްސަސާ މިހާރު ވަނީ ސަސްޕެންޑް ކުރެވިފައެވެ.

އިންޑޮނޭޝިޔާގެ ރައީސް ޕްރަބޯވޯ ސުބިޔަންޓޯގެ އިސްނެންގެވުމުގެ ދަށުން އެ ޤައުމުގައި ކުރިއަށް ގެންދާ މަދަރުސާ ކުދީންނަށް މެންދުރު ކެއުން ދިނުމުގެ ޕްރޮގްރާމަކީ، 80 މިލިޔަން ދަރިވަރުންނަށް، ފައިދާހުރި ކާނާ ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ފަށައިގެން ހިންގާ މަޝްރޫޢެކެވެ. މި އަހަރުގެ ޖަނަވަރީ މަހު އިފްތިތާޙުކުރި މި ޕްރޮގްރާމްގެ ދަށުން، އިންޑޮނޭޝިޔާގެ 26 ޕްރޮވިންސުގެ 500،000 (ފަސް ލައްކަ) ކުދީންނަށް މިހާރު ކާނާ ފޯރުކޮށްދޭން ވަނީ ފަށާފައެވެ. ނަމަވެސް، މީގެ ކުރިން ވެސް މި ޕްރޮގްރާމްގެ ތެރެއިން އެކަށީގެންނުވާ ކަންކަން ވަނީ ފެނިފައެވެ. މި ގޮތުން، މުއްދަތު ހަމަވެފައިވާ ތަކެތި ބޭނުންކުރުމާއި، މިޔަރުމަސް ބޭނުންކުރުމުގެ ސަބަބުން މީގެ ކުރިން ވަނީ މި ޕްރޮގްރާމަށް ފާޑުކިޔުންތައް އަމާޒުވެފައެވެ. މި ޕްރޮގްރާމްގެ ޞިއްޙީ ނުރައްކައުތެރިކަމާއި، ޢާންމުންގެ އަޑުއުފުލުމާ އެކުގައި ވެސް، މި ޕްރޮގްރާމް ހުއްޓައިލުމަށް އިންޑޮނޭޝިޔާ ސަރުކާރުން ދެކޮޅު ހަދައެވެ. ޕްރޮގްރާމް މެދުކަނޑާލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް، ވަޒީރު މުހައިމިން އިސްކަންދަރު ކަށަވަރުކޮށްދެއްވިއެވެ. 

އިންޑޮނޭޝިޔާގެ އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ތަޢުލީމީ ދާއިރާގެ ފަރާތްތައް ދަނީ މި ޕްރޮގްރާމްގެ ކަންތައް ފުރިހަމައަށް ތަޙުޤީޤުކުރުމަށް ގޮވައިލަމުންނެވެ. ލަންޗް ޕްރޮގްރާމްގެ ދަށުން ކުދީންނަށް ކާނާ ފޯރުކޮށްދޭން ބޭނުންވާ ފައިސާ އެ ކުދީންގެ ބެލެނިވެރީންނާ ޙަވާލުކުރުމަށް ވެސް ގިނަ ފަރާތްތަކުން ދަނީ އެދެމުންނެވެ. ޖޭ.ޕީ.ޕީ.އައި. (އިންޑޮނޭޝިޔަން އެޑިޔުކޭޝަން މޮނިޓަރިންގ ނެޓްވޯކް)އިން ބުނީ، މިހާރު ކުރިމަތިވެފައިވާ ޙާލަތަކީ "އައުޓްބްރޭކް"އެއް ކަމަށާއި، ވަޤުތުން ވަޤުތަށް ޕްރޮގްރާމް މެދުކަނޑާލަން ޖެހޭ ކަމަށެވެ. މި ޕްރޮގްރާމުގެ އަހަންމިއްޔަތު ޘާބިތުކޮށްދިނުމަށް އިންޑޮނޭޝިޔާ ސަރުކާރުން މަސައްކަތްކުރަމުން ދާ އިރު، ކަމުގެ ޟަރޫރަތެއް ނެތް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނަމުން ގެންދެއެވެ.

އިންޑޮނޭޝިޔާގައި ކިޔަވާ ކުދީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މެންދުރު ކެއުމުގެ ޕްރޮގްރާމްގެ ރައްކައުތެރިކަމާ މެދު އުފެދިފައި ހުރި ޝައްކުތަކުގެ އިތުރުން، އެ ޕްރޮގްރާމުގެ ޚަރަދުބަރަދާ މެދުގައި ވެސް ގިނަ ބަޔަކު ކަންބޮޑުވުން ފައުޅުކުރެއެވެ. ލަންޗް ޕްރޮގްރާމްގެ ހޭދައަށް އިންޑޮނޭޝިޔާ ސަރުކާރުން މި އަހަރު އެކަނި ވެސް 10 ބިލިޔަން ޑޮލަރު ކަނޑައަޅާފައިވެއެވެ. މުޅި ޕްރޮގްރާމްގެ ޖުމުލަ ބަޖެޓަކީ 28 ބިލިޔަން ޑޮލަރު ކަމަށް ބެލެވެއެވެ. މިއާ ޚިލާފަށް، އިންޑިޔާގައި 120 މިލިޔަން ކުދީންނަށް ކާބޯތަކެތި ފޯރުކޮށްދޭން ޚަރަދުކުރަނީ އަހަރަކު އެންމެ 1.5 ބިލިޔަން ޑޮލަރެވެ. އިންޑޮނޭޝިޔާގެ ޤައުމީ އޮޑިޓު ބޯޑުގެ މެންބަރެއް ކަމަށްވާ މުޙައްމަދު ރަފީ ބަކްރީ ވިދާޅުވީ، މިއީ ފަސާދަވެރި އޮފިޝަލުންނަށް ލިބޭ ކޮރަޕްޝަނުގެ ރަނުގެ ފުރުޞަތެއް ކަމަށެވެ. އިންޑޮނޭޝިޔާއަކީ މި ފަދަ ކަންކަމުގައި ފަސާދަވެރިކަން އިންތިހާއަށް ފެތުރިފައިވާ ޤައުމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން