ދީން

ދެވިހިފާފައިވާ ނުރަނގަޅު އާދަތަކުން ސަލާމަތްވުމަށް އެހީވެދޭ 7 ދުޢާ

ދެވިހިފާފައިވާ ނުރަނގަޅު އާދަތަކުން ސަލާމަތްވުމަށް އެހީވެދޭ 7 ދުޢާ

ދެވިހިފާފައިވާ ނުރަނގަޅު އާދަތަކުން ސަލާމަތްވުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 ސެޕްޓެމްބަރު 2025، 05:24

25 ސެޕްޓެމްބަރު 2025، 05:24

ޙަޤީޤަތަކީ، ދިރިއުޅުމަކީ އަބަދުވެސް އަހަރެމެންގެ އަމާޒުތަކާއި ކުރިމަތިލާންޖެހޭ ދަތިކަންތައްތަކާ ދެމެދު އޮންނަ ހަނގުރާމައެއް ފަދަ ކަމެކެވެ. ބައެއްފަހަރު، އަހަރެމެންނަށް ނިކުންނަން އުނދަގޫ ނުވަތަ ދޫކޮށްލަން އުނދަގޫ ނުބައި އާދަތަކުގެ ތެރޭގައި ތާށިވެއެވެ. މިފަދަ އާދަތަކުގެ ތެރޭގައި މަސްތުވާތަކެއްޗާއި ، ޖުވާ ކުޅުމާއި ، ގޭމްކުޅުމަށް ދެވިހިފުމާއި ، ތިމާގެ އަގުހުރި ވަގުތު ނަގާލާ ފައިދާއެއްނެތް ގެއްލުންވާކޮންމެ ކަމެއްވެސް ހިމެނިދާނެއެވެ. ދެވިހިފާފައިވާ އާދަތަކަކީ (ނުބައި އާދަތަކަށް، މަސްތުވާތަކެއްޗަށް ނުވަތަ ގެއްލުންދެނިވި ޢަމަލުތަކަށް ދެވިހިފާފައިވުން ) ދުޢާއިން އެކަނި އެހީތެރިކަން ލިބޭނެތޯ ސުވާލު އުފެދޭނަމަ ވިސްނާލުން މުހިންމެވެ.

ނަމަވެސް، މުހިންމު ކަމަކީ: އިސްލާމްދީން އަހަރެމެންނަށް ހަނދާންކޮށްދެނީ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތަށް ބަރޯސާވެއްޖެނަމަ، ދުވަހަކުވެސް އެއްވެސް ދަތިކަމެއް ބޮޑު ނުވާނެ ކަމެވެ. އަހަރެމެން އެކަނިވެރިއެއް ނުވާނެކަމެވެ. އަދި ދުޢާގެ ޒަރީޢާއިން އެހީއަށް އެދުމަކީ ބާރާއި ކެތްތެރިކަން ހޯދުމުގެ އެންމެ ވަރުގަދަ އެއް ގޮތެވެ.

ދިރިއުޅުމުގެ ކަންކަމުގެ ކޮންޓްރޯލް އަލުން ހޯދައި، މިފަދަ އާދަތަކުން މިންޖުވުމަށް އެހީތެރިވެދޭނެ ދުޢާތަކާއި ނަސޭހަތްތަކެއްގެ މިވަނީ ތައްޔާރުކޮށްފައެވެ.

1. މަގު ގެއްލިފައިވާކަމުގެ އިޙުސާސް ކުރެވޭނަމަ މަގުދެއްކެވުމަށް އެދި ކުރާ ދުޢާ

ބައެއްފަހަރު ތިބާއަށް ބޭނުންވަނީ ހަމައެކަނި ރަނގަޅު މިސްރާބެކެވެ. ﷲގެ އެހީތެރިކަމަކީ ތާށިވެފައިވާކަމުގެ އިޙުސާސް ކުރެވޭ ހިނދު ލިބޭ އެންމެ މަތީ ދަރަޖައިގެ ގޮތްދައްކާ ވެހިކަލެކެވެ. މި ދުޢާއަކީ ކީރިތި ޤުރުއާނުން ނަގާފައިވާ، ސީދާ މަގު ދައްކަވާތޯ އެދި ކުރާ ދުޢާއެކެވެ.

"ތިމަންމެންނަށް ސީދާވެގެންވާ މަގު ދައްކަވާނދޭވެ!"— (ސޫރަތުލް ފާތިޙާ، 1:6)

ޢަރަބި:ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ

މި ދުޢާ ގިނަގިނައިން ކުރާށެވެ. ކޮންމެ ނަމާދެއްގައި، ކޮންމެ ހިމޭން ވަގުތެއްގައި – މިއީ: "އޭ ﷲ! މިކަމުން އަޅުގަނޑަށް ނެރެދެއްވާނެ ރަނގަޅު މަގެއް ދައްކަވާށި!" މިހެން ތިބާ ދަންނަވާނެ ގޮތެވެ.

2. އަމިއްލަ ނަފްސު ކޮންޓްރޯލްކުރުމަށް އަދި ބާރުލިބުމަށް އެދި ކުރާ ދުޢާ

ދެވިހިފާފައިވާ އާދަތަކުން ސަލާމަތްވުމަށް ކެތްތެރިކަމާއި އަމިއްލަ ނަފްސު ކޮންޓްރޯލްކުރުން ހިމެނެއެވެ. ތިބާގެ ބާރުދެރަވާހެން ހީވާހިނދު މި ދުޢާ ކުރުމަކީ މުހިންމު ކަމެކެވެ.

"އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅުގަނޑުމެންގެ މައްޗަށް ކެތްތެރިކަން ވާރޭފަދައިން ވެއްސަވާނދޭވެ! އަދި އަޅުގަނޑުމެންގެ ފައިތިލަ ސާބިތުކުރައްވާނދޭވެ! އަދި ކާފިރުބަޔެއްގެ މައްޗަށް އަޅުގަނޑުމެންނަށް ނަޞްރަދެއްވާނދޭވެ!"— (ސޫރަތުލް ބަޤަރާ، 2:250)

ޢަރަބި: رَبَّنَآ أَفْرِغْ عَلَيْنَا صَبْرًۭا وَثَبِّتْ أَقْدَامَنَا وَٱنصُرْنَا

މިއީ ތިބާގެ ދަތިކަންތަކުން އަރައިގަތުމަށް ބާރުވެރިކަން ދެއްވުމަށް ﷲއަށް ދަންނަވާ ދެންނެވުމެކެވެ. ތިބާ ހަނދާންކުރަންވީ ކަމަކީ، ތިބާގެ އެންމެ ފަހުގެ ކާމިޔާބީ ލިބެނީ ﷲގެ އެހީތެރިކަމާ އެކުގައެވެ. ދެވިހިފާފައިވާ އާދަތަކުން ތިބާ ނެރުއްވަނީ ﷲއެވެ.

3. ފާފަ ފުއްސެވުމަށް އަދި އަލުން އައު ފެށުމަށް އެދި ކުރާ ދުޢާ

ކުށްކުރެވުމަކީ ވެދާނެ ކަންކަމެވެ، ނަމަވެސް އިސްލާމްދީން އަހަރެމެންނަށް ދަސްކޮށްދެނީ ﷲގެ ރަޙްމަތް ނިމުމެއް ނެތް ކަމެވެ. ތިބާއަށް ކުށެއް ކުރެވިފައިވާނަމަ، މި ދުޢާ ކުރާށެވެ.

"އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން ތިމަންގެ ނަފްސަށް ތިމަން އަނިޔާކޮށްފީމެވެ. ފަހެ، ތިމަންނައަށް ފާފަފުއްސަވާނދޭވެ!"— (ސޫރަތުލް ޤަޞަޞް، 28:16)

ޢަރަބި: رَبِّ إِنِّى ظَلَمْتُ نَفْسِى فَٱغْفِرْ لِى

މި ދުޢާ ކުރު ކަމުގައި ވިޔަސް، އެއީ ބަރު ދުޢާއެކެވެ. މި ދުޢާ އަހަރެމެންނަށް ހަނދާންކޮށްދެނީ ﷲ ތަޢާލާ ހިތުގެ އިޚްލާޞްތެރިކަމާއެކު ދަންނަވާ ތައުބާ ޤަބޫލުކުރައްވާ ކަމެވެ . އަދި ކޮންމެ ދުވަހަކީވެސް އައު ފެށުމެކެވެ.

4. ނުބައި އާދަތައް ރަނގަޅު އާދަތަކަކުން ބަދަލުކުރުމަށް އެދި ކުރާ ދުޢާ

ބައެއްފަހަރު އެއީ ހަމައެކަނި ކަމެއް ހުއްޓާލުންކަމަށް ނުވެދާނެއެވެ . އެއަށްވުރެ ރަނގަޅު ކަންތައްތަކުން އެ ހުސްތަން ފުރުންކަމުގައިވެސް ވެދާނެއެވެ. މިއީ ތިބާގެ ދިރިއުޅުމުގައި ބަދަލުތަކެއް އައުމަށް އެދި ކުރާ ވަރުގަދަ ދުޢާއެކެވެ.

"އަޅުގަނޑުމެންގެ ވެރިރަސްކަލާކޮ! އަޅުގަނޑުމެންނަށް ހަނދާންނައްތާލެވުނު ކަމަކަށް ނުވަތަ ކުށެއްކުރެވުނު ކަމަކަށް އަޅުގަނޑުމެންނަށް ޢުޤޫބާތް ނުދެއްވާނދޭވެ! އަޅުގަނޑުމެންގެ ވެރިރަސްކަލާކޮ! އަޅުގަނޑުމެންގެ ކުރިން އުޅުނު މީސްތަކުންގެ މައްޗަށް ބެއްލެވިފަދަ ބުރައެއް، އަޅުގަނޑުމެންގެ މައްޗަށް ނުބާލުއްވާނދޭވެ! އަޅުގަނޑުމެންގެ ވެރިރަސްކަލާކޮ! އަޅުގަނޑުމެންނަށް ކެތްނުކުރެވޭނެ އެއްވެސް ކަމެއް އަޅުގަނޑުމެންގެ މައްޗަށް ނުޖައްސަވާނދޭވެ! އަދި އަޅުގަނޑުމެންނަށް ޢަފޫކުރައްވާނދޭވެ! އަދި އަޅުގަނޑުމެންނަށް ފާފަފުއްސަވާނދޭވެ! އަދި އަޅުގަނޑުމެންނަށް ރަޙްމަތްލައްވާނދޭވެ! އިބަރަސްކަލާނގެއީ އަޅުގަނޑުމެންގެ ހަމައެކަނި ވަލިއްޔުވަލިއްލާހީއެވެ. ފަހެ، ކާފިރުބަޔެއްގެ މައްޗަށް އަޅުގަނޑުމެންނަށް ނަޞްރަދެއްވާނދޭވެ!"— (ސޫރަތުލް ބަޤަރާ، 2:286)

ޢަރަބި: رَبَّنَا لَا تُؤَاخِذْنَآ إِن نَّسِينَآ أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَآ إِصْرًۭا كَمَا حَمَلْتَهُۥ عَلَى ٱلَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِۦ ۖ وَٱعْفُ عَنَّا وَٱغْفِرْ لَنَا وَٱرْحَمْنَآ ۚ أَنتَ مَوْلَىٰنَا فَٱنصُرْنَا

ބުރަވެފައިވާހެން ހީވާހިނދު މި ދުޢާ ކިޔާށެވެ. މިއީ ތިބާ: "އޭ ﷲ، އަޅުގަނޑުގެ ދަރަޖަ މަތިކުރައްވާށި!" މިހެން ދަންނަވާ ގޮތެވެ.

5. ފިތުނައިން ރައްކާތެރިކަން ހޯދުމަށް ކުރާ ދުޢާ

ފިތުނައަކީ ޙަޤީޤަތެކެވެ.އަދި އެއީ ކުއްލިއަކަށްވެސް ފާޅުވެދާނެ ކަމެކެވެ. ސުންނަތުން ނަގާފައިވާ މި ދުޢާއަކީ، ތިބާ ރައްކާތެރިކޮށްދެއްވުމަށް ﷲއަށް ދަންނަވާނެ މުހިންމު ދުޢާއެކެވެ.

"އޭ ﷲ! ޙަރާމް ކަންތައްތަކުން ދުރުހެލިކުރައްވައި، ޙަލާލު ކަންތައްތަކުން ތިމަންނައަށް ފުއްދަވާށި! އަދި އިބަރަސްކަލާނގެ ފަޟްލުވަންތަކަމުން ތިމަންނައަށް ފުދޭވަރަށް ދެއްވާށި! އެހެން އެއްވެސް ފަރާތެއްގެ އެހީތެރިކަމަށް ބޭނުން ނުވާނެ ގޮތަށެވެ!"— (ތިރުމިޛީ، ޙަދީޘް 3563)

ޢަރަބި: اللَّهُمَّ اكْفِنِي بِحَلَالِكَ عَنْ حَرَامِكَ وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ

މިއީ ﷲ ތިބާއަށް ދެއްވާނެ ކަންތައްތައް، ތިބާ ބަލިކޮށްލާ ކަންތައްތަކަށްވުރެ މާ ރަނގަޅުކަމުގެ ހަނދާންކޮށްދިނުމެކެވެ.

6. ހިތް ސާފުކޮށް، ރޫޙާނީ ސާފުކަމަށް އެދި ކުރާ ދުޢާ

ދެވިހިފާފައިވާ އާދަތަކުން ރަނގަޅުވުމަކީ ހިތް ސާފުކުރުމާއި ނިޔަތްތައް އާކުރުމެވެ. މި ދުޢާއަކީ އެފަދަ ރޫޙާނީ ސާފުކަމެއް ހޯދުމަށް އެކަށީގެންވާ ދުޢާއެކެވެ.

"އޭ ﷲ! ހަމަކަށަވަރުން ތިމަން އިބަރަސްކަލާނގެ ރައްކާތެރިކަމަށް އެދެމެވެ. ނަރަކައިގެ ފިތުނައިންނާއި ނަރަކައިގެ ޢަޒާބުންނާއި، ޤަބުރުގެ ފިތުނައިންނާއި ޤަބުރުގެ ޢަޒާބުންނާއި، މުއްސަނދިކަމުގެ ފިތުނައިގެ ނުބައިކަމުންނާއި، ފަޤީރުކަމުގެ ފިތުނައިގެ ނުބައިކަމުންނެވެ. އޭ ﷲ! ހަމަކަށަވަރުން ތިމަން އިބަރަސްކަލާނގެ ރައްކާތެރިކަމަށް އެދެމެވެ. ދައްޖާލުގެ ފިތުނައިގެ ނުބައިކަމުންނެވެ. އޭ ﷲ! ތިމަންގެ ހިތް ގަނޑުފެނުން ދޮވެ ސާފުކުރައްވާށި! އަދި ހަޑިނަޖިހުން ހުދު ހެދުމެއް ސާފުކުރާ ފަދައިން ތިމަންގެ ހިތް ހުރިހާ ފާފަތަކުން ސާފުކުރައްވާށި! އަދި އިރުމަތީ މީހުންނާއި ހުޅަނގު މީހުން ދުރުކުރެއްވި ފަދައިން، ތިމަންނައާ ތިމަންގެ ފާފަތަކާ ދެމެދު ދުރުކުރައްވާށި! އޭ ﷲ! ހަމަކަށަވަރުން ތިމަން އިބަރަސްކަލާނގެ ރައްކާތެރިކަމަށް އެދެމެވެ. ކަންނެތްކަމުންނާއި، ފާފަކުރުމުންނާއި، ދަރަނިވެރިވުމުންނެވެ."— (ޞަޙީޙުލް ބުޚާރީ، ޙަދީޘް 6377)

ޢަރަބި: اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ فِتْنَةِ النَّارِ وَعَذَابِ النَّارِ، وَفِتْنَةِ الْقَبْرِ وَعَذَابِ الْقَبْرِ، وَشَرِّ فِتْنَةِ الْغِنَى، وَشَرِّ فِتْنَةِ الْفَقْرِ، اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ، اللَّهُمَّ اغْسِلْ قَلْبِي بِمَاءِ الثَّلْجِ وَالْبَرَدِ، وَنَقِّ قَلْبِي مِنَ الْخَطَايَا، كَمَا نَقَّيْتَ الثَّوْبَ الأَبْيَضَ مِنَ الدَّنَسِ، وَبَاعِدْ بَيْنِي وَبَيْنَ خَطَايَاىَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ، اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْكَسَلِ وَالْمَأْثَمِ وَالْمَغْرَمِ

މި ދުޢާ ތިބާގެ ކޮންމެ ދުވަހެއްގެ ރޫޙާނީ ކަންކަމުގެ ތެރޭގައި ހިމަނާށެވެ.

7. އުއްމީދު ރަނގަޅުކުރުމަށް އެދި ކުރާ ދުޢާ

ދަތި އުނދަގޫތަކުގެ ތެރޭގައި އުއްމީދު ދުރުހެލިވާހެން ހީވެދާނެއެވެ. ނަމަވެސް ﷲ ތަޢާލާ އަހަރެމެންނަށް އެއިލާހުގެ ރަޙްމަތުން އުއްމީދު ކަނޑާނުލުމަށް ވަޙީކުރައްވައެވެ. މިއީ ކީރިތި ޤުރުއާނުން ނަގާފައިވާ ހިތްވަރުދޭ ހަނދާންކޮށްދިނުމެކެވެ.

"ކަލޭގެފާނު ވިދާޅުވާށެވެ! އޭ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! އެބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ޙައްދުފަހަނަޅާފައިވާ މީހުންނޭވެ! ﷲގެ ރަޙްމަތުން ތިޔަބައިމީހުން އުއްމީދު ކަނޑާނުލާށެވެ! ހަމަކަށަވަރުން ﷲ އެންމެހާ ފާފަތައް ފުއްސަވާނެތެވެ. ހަމަކަށަވަރުން އެއިލާހީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ އިލާހެވެ."— (ސޫރަތުއް ޒުމަރު، 39:53

ޢަރަބި: قُلْ يَـٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ ۚ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا ۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ

ދެވިހިފާފައިވާ އާދަތަކުން މިންޖުވުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާގެ އެހީތެރިއަކަށް ވެއްޖެނަމަ، އެކަން %100  ޙާޞިލްކުރެވޭނެއެވެ. މި ދުޢާތަކަކީ ތިބާއަށް ރޫޙާނީ އެހީވާ ކަންކަމެވެ. ނަމަވެސް ހަނދާންކުރާށެވެ: މި ދުޢާތަކުން އެންމެ ބޮޑު ނަތީޖާއެއް ލިބެނީ ބުރަ މަސައްކަތަކާ އެކުގައެވެ.ރަނގަޅު އެކުވެރިންނާ އެކުވެ، ބޭނުންފުޅުވެއްޖެނަމަ ފަންނީ އެހީތެރިކަމަށް އެދެވިދާނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާގެ މަސައްކަތްތައް ދެކެވަޑައިގަންނަވާނެކަމަށާއި، ތިބާގެ ކެތްތެރިކަމަށް ޘަވާބު ދެއްވާނެކަމަށް އީމާންވާށެވެ.

                    

                    

މި ލިޔުން ކިޔާލުމުން