ކޮލަމް
ދަރިމައިވުމުގެ ދަތުރު ފެށުމުގެ ކުރިން ޑޮކްޓަރާއި އަދި ބައިވެރިޔާއާ ސުވާލުކުރަންޖެހޭ މުހިންމު ކަންކަން

ދަރިމައިވުމުގެ ދަތުރު ފެށުމުގެ ކުރިން ޑޮކްޓަރާއި އަދި ބައިވެރިޔާއާ ސުވާލުކުރުން
ދަރިމައިވުމުގައި ގޮންޖެހުންތަކާ ކުރިމަތިލާއިރު، ތައްޔާރުވުމާއި މުއާމަލާތްކުރުމަކީ ބޭނުންވާ އެހީތެރިކަން ހޯދުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަންކަމެވެ. މި ލިޔުމުގައި، ޑޮކްޓަރީ ބައްދަލުވުންތަކުގައި އަމިއްލަ ނަފްސަށް ވަކާލާތުކުރުމަށާއި، ދެމަފިރިންގެ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭނެ ބައެއް އަމަލީ ސުވާލުތައް ހިމަނާލެވިފައިވާނެއެވެ.
ޑޮކްޓަރީ ބައްދަލުވުމުގައި އަމިއްލަ ނަފްސަށް ވަކާލާތުކުރުން
ޑޮކްޓަރެއްގެ ގާތަށް ދިއުމަކީ، ޚާއްޞަގޮތެއްގައި ދަރިމައިވުމާ ބެހޭފަދަ އަމިއްލަ ކަމެއްގެ ވާހަކަ ދައްކާއިރު، ބިރުވެރިކަމެއްގެ ގޮތުގައި އިޙްސާސް ކުރެވިދާނެ ކަމެކެވެ. ގިނަ އަންހެން ބޭފުޅުންނަށް ސުވާލުކުރާނެ ގޮތެއް ނުވަތަ އަމިއްލަ ނަފްސަށް އެކަށީގެންވާ ގޮތެއްގައި ވަކާލާތުކުރާނެ ގޮތެއް އެނގިވަޑައިނުގަތުން އެކަށީގެންވެއެވެ. ރަނގަޅު ސުވާލުތަކަކާ އެކު ތައްޔާރުވެފައި ހުރުމަކީ، ބޭނުންވާ މައުލޫމާތާއި ރިފަރަލް ހޯދުމަށް އެހީތެރިވެދޭނެ ކަމެކެވެ. ޑޮކްޓަރީ ބައްދަލުވުމުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް އެހީތެރިވެދޭނެ މުހިންމު ސުވާލުތަކެއް ތިރީގައި މިވަނީއެވެ.
ފުރަތަމަ އެސެސްމެންޓް ސުވާލުތައް
- "ދެމީހުންގެ ޓެސްޓްގެ ނަތީޖާތަކުގެ މާނައަކީ ކޮބައިތޯ؟"
- "ދެމީހުންނަށްވެސް ފުރަތަމަ ކުރަން ލަފާދެއްވާނީ ކޮންކަހަލަ ތަފްސީލީ ތަޙުލީލުތަކެއްތޯ؟"
- "ދަރިމައިވުމާ ގުޅޭ ޚިދުމަތްތައް ހޯދުމަށް ސަރުކާރުގެ ހޮސްޕިޓަލްތަކުން މަޑުކުރަންޖެހޭނީ ކިހާ ދުވަހެއްތޯ؟"
އަމިއްލަ ޚާއްޞަ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރުން
- "މައްސަރު ނުވަތަ ޙައިޟުގެ ސައިކަލް ހިނގާގޮތަށް ބަލާއިރު، މިކަމުން ދަރިމައިވުމާ ބެހޭގޮތުން ދައްކައިދޭ ކަންކަން؟"
- "ދެމީހުންގެވެސް ސިއްޙަތު ރަނގަޅުކޮށް، ދަރިމައިވުމުގެ ގާބިލިއްޔަތު އިތުރުކުރުމަށް ކުރެވިދާނެ ކަންކަން ސާފުކޮށްދެއްވަވާނަންތޯ؟
މިކަމުގެ ތެރޭގައި ހަށިގަނޑުގެ ބަރުދަން އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމާއި، ސިއްޙަތަށް ފައިދާހުރި ކާނާ ކެއުމާއި، މަސްތުވާތަކެއްޗާއި ރާ ބުއިންފަދަ ނޭދެވޭ އަމަލުތަކާއި ދުރުވުމާއި ، ކެފެއިން ހުއްޓާލުމާއި، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމާއި، ސްޓްރެސް ކުޑަކުރުން ހިމެނެއެވެ. އަދި ބައެއް ކަހަލަ ސިންތެޓިކް ވަސްދުވާ އެއްޗެހި ބޭނުންކުރުން ހުއްޓާލުން ވެސް ހިމެނިދާނެއެވެ.)"
"ފޯލިކް އެސިޑް ނުވަތަ ވިޓަމިން ޑީ ފަދަ ޚާއްޞަ އެއްވެސް ސަޕްލިމެންޓެއް ބޭނުންކުރަންވީތޯ؟"
"މިވަގުތު ބޭނުންކުރަމުން އަންނަ ބޭހެއް ( ދާއިމީ ބައްޔަކަށް ނުވަތަ ވަގުތީގޮތުން ކާ ބޭހެއް ) ދަރިމައިވުމަށް އަސަރުކުރާނެ ކަމެއްތޯ؟"
އިތުރަށް ކުރިއަށްދާނެ ގޮތްތައް
- "ފުރަތަމަ ކުރެވޭ ތަޙުލީލުތަކުން އެއްވެސް މައްސަލައެއް ފެނިއްޖެނަމަ ކުރިއަށްދާންވީގޮތް؟"
- "ދަރިމައިވުމުގެ ފަރުވާއެއް ބޭނުންވެއްޖެނަމަ، އެފަރުވާއެއް ލިބޭނެ ގޮތްތަކަކީ ކޮބައިތޯ ޑޮކްޓަރު ސާފުކޮށްދެއްވާނެތޯ؟"
- "މި މަރުޙަލާގެ ތެރެއިން ދާއިރު ލިބެން ހުރި އެހީތެރިކަމުގެ ޚިދުމަތްތަކަކީ ކޮބައިތޯ؟"
- "އިތުރު ހޮސްޕިޓަލް ނުވަތަ ޚިދުމަތްދޭ ތަންތަނަށް ރިފަރ ކުރެވޭނެ ގޮތްތަކެއް ހުރިތޯ؟
ފަރުވާ ފެށުމުގެ ކުރިން ދެމަފިރިންގެ މެދުގައި ކުރަންޖެހޭ މަޝްވަރާތައް
ދަރިމައިވުމުގެ ފަރުވާތަކުގެ ސްޓްރެސް، މާލީ ބުރަ، އަދި އުންމީދާއި ނާކާމިޔާބީގެ އިޙްސާސްތަކުގެ ސަބަބުން އެންމެ ވަރުގަދަ ގުޅުންތަކަށްވެސް ގޮންޖެހުންތަކާ ކުރިމަތިވެދާނެއެވެ. ފަރުވާ ފެށުމުގެ ކުރިން ހަޤީޤީ ވާހަކަތައް ދެއްކުމަކީ، އެކަކު އަނެކަކުގެ ނަޒަރިއްޔާތު ދެނެގަތުމަށާއި، މި ދަތުރުގެ ތެރެއިން އެހީތެރިކަމުގެ ބިންގަލެއް ގާއިމުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ތިރީގައި މިވަނީ ދެމަފިރިން ގުޅިގެން މަޝްވަރާކުރުން މުހިންމު ބައެއް ނުކުތާތަކެވެ.
އަޚްލާގީ ހަމަތައް
- "ގޮތް ނިންމުމުގައި ދެފަރާތުގެ އާއިލާގެ ބައިވެރިވުން ބޭނުންވަނީ ކިހާވަރަކަށްތޯ؟"
ޢަމަލީ އަދި މާލީ ކަންކަން
- "ސަރުކާރުގެ އެހީތެރިކަން ނުހޯދާހާލަތެއްގައި، ޕްރައިވެޓް ފަރުވާއަށް ބަޖެޓަކީ ކޮބައިތޯ؟"
- "ފަރުވާއަށްޓަކައި ކިތައް ސައިކަލް (ފަހަރު) މަސައްކަތްކުރަން ތައްޔާރީތޯ؟"
- "ޑޮކްޓަރީ ބައްދަލުވުންތަކަށާއި ފަރުވާގެ ކަންކަމަށް މަސައްކަތުން ވަގުތު ހޯދާނީ ކިހިނެއްތޯ؟"
ޖަޒުބާތީ އަދި ގުޅުމުގެ ސިއްޙަތު
- "ޖަޒުބާތީ ގޮތުން ދިމާވާ ކޮންމެ ކަމެއްގައިވެސް އެކަކު އަނެކަކަށް އެހީތެރިވެ ސަޕޯޓްދޭނީ ކިހިނެއްތޯ؟"
- " ދެމީހުންކުރެ އެކަކަށް ކަމެއް ދަތިވަނީ ކަމަށް ދައްކުވައިދޭނެ ނިޝާންތަކަކީ ކޮބައިތޯ؟"
- "ދަރިމައިވުމުގެ ފަރުވާތަކުގެ ބޭރުން، ދެމީހުންގެ ގުޅުން ބަދަހިކޮށް، ހިތްހަމަޖެހުން ލިބޭނެ ކޮންކަހަލަ ކަންކަމެއްކުރެވިދާނެތޯ؟"
އެހެން މީހުންނާ މުއާމަލާތްކުރުން
- "ދަރިމައިވުމުގެ ދަތުރާއި ފަރުވާތަކާ ބެހޭގޮތުން ކިޔައިދޭނީ ކާކަށްތޯ؟"
- "އާއިލާ މެންބަރުންގެ ސުވާލުތަކާއި ނަސޭހަތްތަކާ މުއާމަލާތްކުރާނީ ކިހިނެއްތޯ؟"
- "އެހެން މީހުންނާ މިކަމާ ބެހޭގޮތުން ވާހަކަ ދެއްކުމުގައި ކަނޑައަޅާނެ ހުދޫދުތަކަކީ ކޮބައިތޯ؟"
- "ސަގާފީ ގޮތުން ނުވަތަ އެހެން މީހުންގެ ފާޑުކިއުން ކުރިމަތިވެއްޖެނަމަ، އެކަކު އަނެކަކަށް އެހީތެރިވެ ސަޕޯޓްދޭނީ ކިހިނެއްތޯ؟"
މި ސުވާލުތަކަކީ ހަމައެކަނި ފެށުމެކެވެ. ޑޮކްޓަރާ ކުރަންވީ އަދި ބައިވެރިޔާއާ މަޝްވަރާކުރަންވީ އިތުރު ގިނަ ސުވާލުތައް ހުންނާނެއެވެ. މި ލިޔުމަކީ، މިފަދަ މަޝްވަރާތައް ފެށުމަށާއި، ދަރިމައިވުމުގެ ދަތުރުގައި އިތުރު ހިތްހަމަޖެހުމެއް ލިބިގަތުމަށް ބާރުއަޅައިދޭނެ މަގެއްގެ ގޮތުގައި ބައްލަވާށެވެ. އަދި ހަނދާންކުރާށެވެ؛ އެހީތެރިކަމަށް އެދުމަކީ ބަލިކަށިކަމެއް ނޫނެވެ، އެއީ ހިތްވަރެވެ. މިފަދަ މަޝްވަރާތަކަކީ ކުރިއަށް އޮތް ކޮންމެ ކަމަކަށްޓަކައިވެސް ދެމަފިރިންގެ ގުޅުން ބަދަހިކޮށްދޭނެ ކަމެކެވެ.