ޚަބަރު
ގްރީން ޓެކްސް ބޮޑުކުރަން ކޮމިޓީއިން ފާސްކޮށްފި!
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ. ފޮޓޯ: މަޖިލިސް
ގްރީން ޓެކްސް ބޮޑުކުރަން ހުށައެޅި ބިލް ކޮމިޓީއިން ފާސްކޮށްފިއެވެ.
މިބިލަކީ ފަތުރުވެރިންގެ އަތުން ނަގާ ގްރީން ޓެކްސް 12 ޑޮލަރާއި ހަމައަށް ބޮޑުކުރުމަށް ފަތުރުވެރިކަމާ ބެހޭ ޤާނޫނަށް އިސްލާޙު ގެނައިމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުނު ބިލެކެވެ. މިބިލް މިއަދު މުޅި މަޖިލިސް ހިމެނޭ ކޮމިޓީއަށް ހުށައެޅުނުއިރު މި ބިލު ފާސްވެފައިވަނީ 67 މެމްބަރެއްގެ ވޯޓުންނެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައެޅި މި ބިލް މަޖިލީހަށް ހުށަހަޅުއްވައި ދެއްވީ މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީގެ މެމްބަރު މުޙައްމަދު މުސްޠަފާއެވެ. އެ ބިލް މަޖިލީހުގެ މާލިއްޔަތު އަދި އިޤްތިޞާދީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއިން ދިރާސާކުރުމަށްފަހު ރިޕޯޓް ވަނީ މުޅި މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހަޅާފައެވެ.
މިއަދު ކުރިއަށް ދިޔަ މުޅި މަޖިލީހުގެ ކޮމިޓީގައި އެ ބިލް ފާސްކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 67 މެންބަރުންނެވެ. އަދި ނުފެންނަ ކަމަށް 11 މެމްބަރަކު ވޯޓު ދެއްވައިފައިވެއެވެ.
ފަތުރުވެރިކަމުގެ ޤާނޫނު މިހާރު އޮތް ގޮތުން ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކާއި ސަފާރީތަކުގެ ތެރެއިން 50 ކޮޓަރިއަށް ވުރެ ގިނަ ތަންތަނުގައި ތިބޭ ފަތުރުވެރިންގެ އަތުން އެއިން ކޮންމެ މީހަކު އެ ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ގްރީން ޓެކްސްގެ ގޮތުގައި ހަ ޑޮލަރު ނަގައެވެ. އަދި އެއަށް ވުރެ މަދު ކޮޓަރި ހުންނަ ތަންތަނުން ނަގަމުން އަންނަނީ ބޮލަކަށް ތިން ޑޮލަރެވެ.
މިއަދު މަޖިލީހުން ފާސްވި ބިލްގައި ވަނީ ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކާއި ސަފާރީތަކުގެ ތެރެއިން 50 ކޮޓަރިއަށް ވުރެ ގިނަ ތަންތަނުގައި ތިބޭ ފަތުރުވެރިންގެ އަތުން އެއިން ކޮންމެ މީހަކު އެ ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ގްރީން ޓެކްސްގެ ގޮތުގައި 12 ޑޮލަރު ދައްކަން ޖެހޭނެ ކަމަށެވެ.
އެއަށް ވުރެ މަދު ކޮޓަރި ހުންނަ ތަންތަނުން ހަ ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ވެސް އިޞްލާޙުގައިވެއެވެ. ނަމަވެސް އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުމުރުން ދެ އަހަރު ނުވާ ކުޑަކުދިން ގްރީން ޓެކްސް ދައްކަން ނުޖެހޭނެ ކަމަށްވެސް އިޞްލާޙުގައިވެއެވެ.
މި ބިލަށް ގެންނަ އިޞްލާޙުތަކާއި އެކު މީގެކުރިން ހަދާފައި ހުރި ޤަވާއިދުތަކަށް ގެންނަން ޖެހޭ އިޞްލާޙުތައް ބިލަށް ޢަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެކުލަވާލައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަން ވާނެ ކަމަށް ބިލުގައިވެއެވެ. މި ބަދަލު ގެންނާނީ އަންނަ ޖެނުއަރީ 1 އިން ފެށިގެންނެވެ.