ޚަބަރު
ގެދޮރު ބިނާކުރުމަށް ރަހުނަކާއި ނުލައި 3 މިލިޔަން ރުފިޔާއާ ހަމައަށް ބޭންކު ލޯނު ދޫކުރާނަން: ރައީސް މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުއިއްޒު
ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ގެދޮރު ބިނާކުރުމަށް އިތުރު ރަހުނަކާއި ނުލައި 3 މިލިޔަން ރުފިޔާއާ ހަމައަށް ބޭންކުން ލޯނު ދޫކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކޮޅުމަޑުލު ގުރައިދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވަމުންގެންދަވާ މަސައްކަތަކީ ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުން ކަމަށެވެ.
މި މަސައްކަތުގެ ދަށުން ސަރުކާރުން ވަނީ 5 ޕަސެންޓުގެ އިންޓްރެސްޓް ރޭޓެއްގައި ލޯނު ސްކީމެއް މިއަހަރު ތަޢާރަފްކޮށްފައެވެ. "މިއީ ކޮންމެ އަހަރަކު ކުރިއަށްދާނެ މަޝްރޫއެއް. ކޮންމެ ރަށެއްގެ ރައްޔިތަކަށްވެސް އެޔަށް އެޕްލައިކޮށް އެ ފުރުސަތު އޮތް މިންވަރަކަށް ލޯނަށް ހުށަހެޅޭނެ ލޯނު ސްކީމެއް އެއީ،" ރައީސް ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ގެދޮރު ބިނާކުރުމަށް އިތުރު ރަހުނަކާއި ނުލައި 1 މިލިޔަން ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ލިބޭނެ ސްކީމެއް ތަޢާރަފްކޮށްފައެވެ. އަދި މިއަހަރުގެ ފެބްރުއަރީމަހު އެ އަދަދު 2 މިލިޔަން ރުފިޔާއަށް އިތުރުކޮށްދީފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ދެން މިހާރު މިކަން ވާނީ އިތުރަށް ލުއިކޮށްދީފަ. މިހާރު ބޭންކުން ނިންމާފައިވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެއްވެސް އިތުރު ރަހުނެއް ނުބަހައްޓާ ގެދޮރު ބިނާކުރުމަށް 3 މިލިޔަން ރުފިޔާއާއި ހަމައަށް ބޭންކުން ލޯނު ދޫކުރަން. މީގެ ދެދުވަހެއްހާކުރިން ބޭންކްގެ ބޯޑުންވާނީ މިކަން ނިންމާފައި. އަދި މިލޯނުތަކަށް އެޕްލައިންކުރަން ވަރަށް އަވަހަށް ހުޅުވާލާނެ،
ރައީސް ޑރ މުޙައްމަދު މުޢިއްޒު
ބޭންކުތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ މިފަދަ ފަހި ފުރުސަތުތަކުގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.