ޚަބަރު
ގުރައިދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

ގުރައިދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުން
ތ. ގުރައިދޫގައި ސަރުކާރުން އިމާރާތް ކުރަން ނިންމާފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ.
މި މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވިފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ރަސްމިއްޔާތުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި އެމްޑީ، އިބްރާހިމް ޝަރީފް މުހައްމަދު އާއި، ދާއިރާގެ މެމްބަރު ހަންނާން މުހައްމަދު ރަޝީދުގެ އިތުރުން ގުރައިދޫ ކައުންސިލްގެ ރައީސް ތައުފީޤް އަލީ ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރައީސް ޑރ. މުއިއްޒު، އަތޮޅު ތެރެއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ރަށްރަށުގައި ކުރިއަށް ގެންދިއުމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ތަރައްގީގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމާއި، ނިމިފައިވާ މަޝްރޫއުތައް އިފްތިތާހުކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވައެވެ.
މި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ ގުރައިދޫގެ ރައްޔިތުންނަށް ކުޅިވަރާއި ހަށިހެޔޮކަމުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއު ނިމުމުން ރަށުގެ ޒުވާނުންނަށާއި އެހެނިހެން އުމުރުފުރާގެ ރައްޔިތުންނަށް ޒަމާނީ ވަސީލަތްތަކާއެކު ކުޅިވަރުގެ ހިދުމަތްތައް ލިބިގެންދާނެއެވެ.