Ads by Farudhun

ޚަބަރު

ބައި-އިލެކްޝަން: 13:00 އާ ހަމައަށް ވޯޓުލީ 24 އިންސައްތަ މީހުން

ބައި-އިލެކްޝަން: 13:00 އާ ހަމައަށް ވޯޓުލީ 24 އިންސައްތަ މީހުން

ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދަނީ. ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

28 ނޮވެމްބަރު 2026، 01:36

28 ނޮވެމްބަރު 2026، 01:36

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ފަށާފައިވާއިރު، 13:00 އާ ހަމައަށް ވޯޓުލީ، ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ 24 އިންސައްތަކަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހާމަކޮށްފިއެވެ.

13:00 އާ ހަމައަށް ވޯޓުލީ މީހުންގެ ތަފާސްހިސާބުތައް އީސީން ހާމަކޮށްފައިވާއިރު، ޖުމްލަ ވޯޓުލީ މީހުންގެ އަދަދަކީ 913އެވެ. އޭގެ ތެރޭގައި ހިމެނެނީ 413 އަންހެނުންނާއި، 500 ފިރިހެނުންނެވެ. 

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 3776 މީހަކަށް ލިބިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 1809 އަންހެނުންނާއި، 1967 ފިރިހެނުންނެވެ. މިހާތަނަށް ވޯޓުނުލާ މީހުންގެ އަދަދަކީ 2863 އެވެ. 

މި އިންތިޚާބުގެ ތެރޭގައި ހިމެނެނީ ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަނުގެ އިތުރުން ހއ. ވަށަފަރު، ވ. ތިނަދޫ އަދި އައްޑޫ ސިޓީ ހުޅުދޫ ކައުންސިލްގެ ޑަބްލިއުޑީސީގެ ގޮނޑިތަކަށް މެންބަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަންތަކެވެ. 

ތިނަދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓެކެވެ.

ޑަބްލިއުޑީސީ ބައި-އިލެކްޝަންތަކަށް ބަލާއިރު، ވަށަފަރު ޑަބްލިއުޑީސީގެ ރައީސްކަމަށް އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓަކާއި ޕީއެންސީގެ ކެންޑިޑޭޓަކު ވާދަކުރެއެވެ. އަދި ހުޅުދޫ ޑަބްލިއުޑީސީ މެންބަރުކަމަށް ޕީއެންސީ އާއި އެމްޑީޕީގެ ކެންޑިޑޭޓަކު ވާދަކުރާއިރު، ތިނަދޫ ޑަބްލިއުޑީސީ މެންބަރުކަމަށް ކުރިމަތިލާފައި ވަނީ އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓަކާއި އެމްޑީޕީގެ ކެންޑިޑޭޓެކެވެ.

މި މަގާމުތަކަށް މެންބަރުން ހޮވުމަށް ވޯޓުލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ، މިއަދު ހެނދުނު 8:00އިން ހަވީރު 16:00 އަށެވެ.

އިންތިހާބުގެ ވޯޓު ގުނަން ފަށާނީ, ވޯޓުލުން ނިމޭތާ 30 މިނެޓު ފަހުންނެވެ. އަދި މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 30 ވާ ހޯމަ ދުވަހުއެވެ.

މި ބައި-އިލެކްޝަންތަކުގައި ޖުމްލަ 10 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އަތޮޅުތެރޭގައި ބަހައްޓާ 5 ފޮށްޓާއި ގްރޭޓަރ މާލެ ސަރަޙައްދުގައި ބަހައްޓާ 5 ފޮށްޓެވެ. އަތޮޅުތެރޭގެ ވޯޓުލާ މަރުކަޒުތައް ވަށަފަރާއި ތިނަދޫގެ ސްކޫލުގައި ޤާއިމުކުރާއިރު، ހުޅުދޫގައި ބަހައްޓާ 3 ފޮށި ހުންނާނީ އެ ރަށު ކޮމިއުނިޓީ ސެންޓަރުގައެވެ. މާލެ ސަރަޙައްދުގައި ވޯޓުލުން ކުރިއަށްދާނީ ޖަމާލުއްދީން ސްކޫލުގައި ޤާއިމުކުރާ 4 މަރުކަޒަކާއި ހުޅުމާލެ ފޭސް 1 ގެ ސީއެޗްއެސްއީ ހޯލުގައި ބަހައްޓާ މަރުކަޒެއްގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450