ޚަބަރު
އަންނަ އަހަރުގެ ނޮވެންބަރު 11 އާ ހަމައަށް ތިލަމާލެ ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ: މުއްޠަލިބް
ވަޒީރު މުއްޠަލިބް.
މަސައްކަތް މިހާރު ކުރިއަށްދާ ސްޕީޑަށް ބަލާއިރު އަންނަ އަހަރުގެ ނޮވެންބަރު 11 އާ ހަމައަށް ތިލަމާލެ ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ތިލަމާލެ ބްރިޖްގެ މަސައްކަތްތަކުގެ ތެރެއިން މާލެއިން ވިލިމާލެއަށް އަދި ވިލިމާލެއިން ގުޅިފަޅަށް މިހާރު ގުޅުވައިލެވިފައިވާ ކަމަށެވެ. އަދި އެއާއެކު މުޅި މަޝްރޫޢުގެ 80 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާއިރު އަންނަ ނޮވެންބަރު 11 އަށް އެ މަސައްކަތް ނިންމާލެވޭނެ،“
ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ތެރެއިން މާލެއިން ވިލިމާލެއަށް ގުޅައިލުމަށް އަޅާ 2.2 ކިލޯމީޓަރުގެ ބުރިޖުގެ މަސައްކަތް މިދިޔަ އޮގަސްޓު މަހުގެ ނިޔަލަށް ވަނީ އެއްކޮށް ނިންމައިފައެވެ. އަދި ވިލިމާލެއިން ގުޅިފަޅަށް ހިމެނޭ ބަޔަކީ ގާތްގަނޑަކަށް 750 މީޓަރުގެ ބައެކެވެ. މީގެ އިތުރުން ގުޅިފަޅުން ތިލަފުއްޓަށް ގުޅާލުމަށް ގާތްގަނޑަކަށް 600 މީޓަރުގެ ބުރިޖެއް އަޅާއިރު، އެ ބުރިޖު ތިލަފުއްޓާ ގުޅޭނީ 2.5 ކިލޯމީޓަރުގެ ހައިވޭއަކުންނެވެ.
ޖުމްލަ 6.7 ކިލޯމީޓަރުގެ މި ބިޔަ މަޝްރޫޢުގައި ކަނޑު ހުރަސްކޮށް އަޅާ 3 ބުރިޖާއި، ގުޅާލެވޭ ރަށްތައް ހުރަސްކޮށް ހަދާ ހައިވޭ މަގުތައް ހިމެނެއެވެ.