ޚަބަރު
މިހާރު މިފްކޯ ހިންގަމުންދަނީ ސަރުކާރުން ދޭ ސަބްސިޑީއަށް ބަރޯސާނުވެ: ވަޒީރު ޝިޔާމް
މަސްވެރިކަމާ ދަނޑުވެރިކަމާ ބެހޭ ވަޒީރު ޝިޔާމް. ފޮޓޯ: ރައީށް އޮފީސް
ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު މިފްކޯއިން ފައިސާ ބޭކާރުވުން ހުއްޓުވި، ދައުލަތުގެ ސަބްސިޑީއަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެގެން ހިންގާ ކުންފުންޏަކަށް މިފްކޯ ބަދަލުކުރެވިފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު މިފްކޯ އޮތީ ބޮޑެތި މާލީ ގޮންޖެހުންތަކެއްގެ ތެރޭގައި ކަމަށެވެ. އެގޮތުން މަސް ކިލޯއެއް ގަތުމަށް 25 ރުފިޔާ ހޭދަކޮށް، އެ މަސް ޕްރޮސެސްކުރުމަށް 12 ރުފިޔާ ޚަރަދުވަމުން ދިޔުމުގެ ސަބަބުން ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އެހެންވީމާ އަޅުގަނޑުމެން ބެލީ މިފްކޯގެ ހަރަދުތައް ކުޑަކޮށްގެން، މިފްކޯގެ އެފިޝިއަންސީ ރަނގަޅުކޮށްގެން އަޅުގަނޑުމެން މިފްކޯ މެދުވެރިކޮށް މަސްވެރިން އަތުން މަސް ގަންނައިރު ދައުލަތުން ލާން ޖެހޭ ސަބްސިޑީ މިފްކޯ ކުންފުންޏަށް ނުލައި އެ ލާރި އަޅުގަނޑުމެން މަސްވެރި ސިނާއަތުގައި ހުރި ކަންކަމަށް އިންވެސްޓުކުރެވޭނަމަ މާ ރަނގަޅުތާ. މިހާރު މަސް ގަންނާށޭ ކިޔާފައި މިފްކޯއަށް ސަބްސިޑީއެއް ދޭކަށްނުޖެހޭނެ،"
ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މިފްކޯއިން މަސް ގަންނަ އަގު ކުރިން ބޮޑުކުރުމަށްފަހު މަސްވެރިންނަށް ފައިސާ ނުދެއްކި ދިގުލައިގެން ދިއުމަކީ މުޅި ސިނާއަތަށް އޭގެ ނޭދެވޭ އަސަރު ފޯރި ކަމެކެވެ. ސަބަބަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކުންވެސް މިފްކޯއިން ކަންކަން ކުރާ ގޮތް ނަމޫނާއަކަށް ބަލާތީ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ކުރީގައި މިފްކޯއިން ބަރާބަރަށް ލާރިނުދެވޭތީއާއެކީގައި އެހެން ޕްރައިވެޓް ކުންފުނިތަކަށްވެސް، މަސްވެރިންގެ އަތުން މަސް ގަންނަމުންދިޔަ ޕްރައިވެޓް ކުންފުނިތަކަށްވެސް ވަރަށް ފަސޭހަވެގެންދިޔަ ލާރި ނުދީ މަޑުކުރަން. މިފްކޯ ވަރަށް ބޮޑަށް ފޮލޯކުރޭ ޕްރައިވެޓް ކުންފުނިތައްވެސް،"
ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، މިފްކޯއަށް ވިއްކާ ތެލަށް ދެމުންދިޔަ ސަބްސިޑީ ކަނޑާލުމަކީ ސިނާއަތުގައި ޢަދުލުވެރިކަން ޤާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވަމުން، މިހާރު ތެލުގެ ސަބްސިޑީ ދެނީ ސީދާ އޮޑިފަހަރަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެފްއެސްއެމް މެދުވެރިކޮށް އެއްވެސް މެދުވެރިއަކާ ނުލައި މަސްވެރިންނަށް ސީދާ ތެޔޮ ލިބޭނެ މަގު ފަހިކޮށްދިނުމަކީ މަސްވެރިންނަށް ލިބުނު ވަރަށް ބޮޑު ލުޔެއް ކަމުގައިވެސް ވިދާޅުވިއެވެ.
ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވީ، ސަރުކާރާއި ކުންފުނީގެ މެނޭޖުމެންޓް ގުޅިގެން ގެނައި މި އިޞްލާޙީ ބަދަލުތަކުގެ ސަބަބުން މިފްކޯގެ ޚަރަދުތައް ކުޑަކުރެވިފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ސަބްސިޑީއަށް ހޭދަކުރަންޖެހޭ ފައިސާ ސަލާމަތްވެ، މުޅި ސިނާއަތުގެ ކުރިއެރުމަށާއި އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ދައުލަތުގެ ބަޖެޓުން އިންވެސްޓްކުރުމަށް ފުރުޞަތު ފަހިވެގެން ގޮސްފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.