ޚަބަރު
ގާދިއްފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

ގާދިއްފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުން
ތ. ގާދިއްފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ފެށިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މަޝްރޫޢުގެ ރަސްމީ މަސައްކަތް ފައްޓަވައިދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދައުލަތުގެ އިސް ވަޒީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ޙަވާލުކުރެވިފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާއެވެ. އެމްޓީސީސީ އަކީ ވޭތުވެދިޔަ 44 އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި، ކާމިޔާބުކަމާއެކު ނިންމާފައިވާ ކުންފުންޏެކެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީ އަކީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ކުންފުންޏެވެ. އެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ.
ގާދިއްފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢަކީ އެ ރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް މުހިންމު ކުރިއެރުމެއް ކަމުގައި ބެލެވެއެވެ. މި މަޝްރޫޢުގެ ސަބަބުން ރަށުގެ ވިޔަފާރިއާއި އިޤްތިޞާދީ ޙަރަކާތްތަކަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.