ދީން
ދިރިއުޅުމުގެ ދަތިއުނދަގޫ ވަގުތުތަކުގައި، ހާޖަރު ޢަލައިހައްސަލާމްގެ ވާހަަކައިން ހިތްވަރާއި އީމާންތެރިކަން ލިއްބައިދޭ

ދިރިއުޅުމުގެ ދަތިއުނދަގޫ ވަގުތުތަކުގައި، ހާޖަރު ޢަލައިހިއްސަލާމްގެ ވާހަަކައިން ހިތްވަރާއި އީމާންތެރިކަން ލިއްބައިދޭ
ދިރިއުޅުމުގައި އަޅުގަނޑުމެން ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހެއެވެ. ބައެއްފަހަރު އެކަންކަން ހިނގަނީ ކީއްވެގެންކަން ނޭނގި، އެހީތެރިކަމެއް ނެތްކަމުގެ އިޙްސާސް ކުރެވެއެވެ. މިސާލަކަށް، ވަޒީފާ ގެއްލުން ނުވަތަ ލޮބުވެތި ޢާއިލާ މެންބަރަކަށް ދަތި ހާލަތެއް ދިމާވުން ފަދަ ކަންކަމާ ކުރިމަތިލާންޖެހެއެވެ. މިފަދަ ދަތިތަކާއި ގޮންޖެހުންތައް އަންނަނީ އެކި ގޮތްގޮތުންނެވެ. އަދި ގިނަފަހަރު އަޅުގަނޑުމެން އަމިއްލަ ނަފްސާ ސުވާލުކުރަމެވެ: "ކީއްވެގެންބާއޭ މިކަން މިހެން ވަނީ؟"
އަޅުގަނޑުމެންނަށް އަބަދުވެސް އަންގަވާފައިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ މި ދުނިޔޭގައި އަޅުގަނޑުމެން އިމްތިޙާނު ކުރައްވާ ކަމަށެވެ. އެހެންނަމަވެސް، ﷲ އަށް ވަކީލުކޮށް، އެ އިލާހަށް އެއްވެސް ޝައްކެއްނެތި އީމާންވާ މީހުންނަކީ ދިރިއުޅުމުގައި ކާމިޔާބު ހޯދާނެ ބައެކެވެ. ހާޖަރު ޢަލައިހައްސަލާމްގެ ވާހަކައަކީ، ﷲ އަށް އޮންނަ ޚާލިޞް އީމާންކަމުގެ ސަބަބުން ދިރިއުޅުމުގެ އިމްތިޙާނުތައް ފަހަނައަޅައި ދިއުން ފަސޭހަވާނެކަމުގެ ޙަޤީޤީ ހެއްކެކެވެ.
ހާޖަރު ޢަލައިހައްސަލާމަކީ އިބްރާހީމް ޢަލައިހިއްސަލާމްގެ އަނބިކަނބަލުންނާއި އިސްމާޢީލް ޢަލައިހިއްސަލާމްގެ މަންމާފުޅެވެ. އިސްލާމްދީނުގައި ހާޖަރު ޢަލައިހައްސަލާމަކީ ވަރަށް މުހިންމު އަންހެން ބޭކަނބަލެއް އަދި ހުރިހާ މުސްލިމުންނަށްވެސް ނަމޫނާއެކެވެ.
އެންމެ ފުރަތަމަ ހާޖަރު ޢަލައިހައްސަލާމް ސާރާއަށް (އިބްރާހީމް ޢަލައިހިއްސަލާމްގެ ފުރަތަމަ އަނބިކަނބަލުން) އަޅަކަށް ދެވުނެވެ. ނަމަވެސް ސާރާ އެކަމަނާއާމެދު ކޮއްކޮއެއް ފަދައިން މުޢާމަލާތްކުރައްވައި، ﷲ ތަޢާލާއަށް އެކަނި އަޅުކަން ކުރުމުގެ ޙަޤީޤަތް ދެނެގަތުމަށް އެހީތެރިވެވަޑައިގަތެވެ. ސާރާއަށް ދަރިކަލަކު ލިބުމުގައި ދަތިތަކެއް ކުރިމަތިވުމުން، އެކަމަނާ އިބްރާހީމް ޢަލައިހިއްސަލާމް ހާޖަރު ޢަލައިހައްސަލާމާ ކައިވެނި ބައްލަވައިގަތުމަށް އެދިވަޑައިގަތެވެ. އެއީ ހާޖަރު ޢަލައިހައްސަލާމް ސާރާއަށްވުރެ ޅަފުރާގައި ހުންނެވުމުން، ދަރިކަލަކު ލިބިވަޑައިގަތުމުގެ ފުރުޞަތު ބޮޑުވާނެތީއެވެ. މިގޮތުން، ހާޖަރު ޢަލައިހައްސަލާމްގެ ފުށުން އިސްމާޢީލް ޢަލައިހިއްސަލާމް ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވިއެވެ.
އޭގެފަހުން ހާޖަރު ޢަލައިހައްސަލާމަށް ކެތްތެރިކަމާއި އިތުބާރުގެ އެންމެ ބޮޑު އިމްތިޙާނު ކުރިމަތިކުރެއްވިއެވެ. އިސްމާޢީލް ޢަލައިހިއްސަލާމް ވިހެއުމުގެ ކުޑަ ދުވަސްކޮޅެއް ފަހުން، ﷲ ތަޢާލާ އިބްރާހީމް ޢަލައިހިއްސަލާމަށް އަމުރުކުރެއްވީ ހާޖަރު ޢަލައިހައްސަލާމާއި ތުއްޕުޅު ދަރިކަލުން އިސްމާޢީލް ޢަލައިހިއްސަލާމް ހަނަފަސް ބިމަކަށް (މިހާރުގެ މައްކާއަށް) ގެންދެވުމަށެވެ.
މި ދަތުރުގައި، ހާޖަރު ޢަލައިހައްސަލާމް ދެއްކެވީ ﷲ އަށް ފުރިހަމައަށް ބަރޯސާވެ، އެ އިލާހުގެ ރަޙްމަތަށް އުއްމީދުކުރައްވާ ބޭކަނބަލެއްގެ ނަމޫނާއެވެ. އެކަމަނާ އިބްރާހީމް ޢަލައިހިއްސަލާމާ ސުވާލުކުރެއްވިއެވެ: "ﷲ ތަޢާލާ ކަލޭގެފާނަށް މިކަން އަމުރުކުރެއްވީތޯ؟" އިބްރާހީމް ޢަލައިހިއްސަލާމް ޖަވާބު ދެއްވިއެވެ: "އާނއެކެވެ." ހާޖަރު ޢަލައިހައްސަލާމް ވިދާޅުވިއެވެ: "އެހެންވިއްޔާ އެ އިލާހު އަޅުގަނޑުމެން ދޫކޮށްލައްވާނެކަމާމެދު ޝައްކެއް ނެތެވެ.
ސުބުޙާނަﷲ! މި ޖަވާބުގައި އެކުލެވިގެންވާ އީމާންކަމުގެ ފުންމިނާއި، ﷲ ތަޢާލާއަށް ކުރައްވާ އިތުބާރުގެ ބޮޑުކަން ވިސްނާލުމުން، އަޅުގަނޑުމެންގެ ހިތްތައް ތެދުވެރި އީމާންކަމުން ފުރިގެންދާނެއެވެ. އައު މައިންބަފައިންގެ ގޮތުގައި، ކުޑަ ދަރިކަލަކާއެކު، އެއްވެސް އާބާދީއެއްގެ ނިޝާނެއް ނެތް ތަނެއްގައި ދޫކޮށްލެވުނު ނަމަވެސް، އެކަމަނާގެ ހިތްޕުޅުގައި ވަނީ ހަމައެކަނި ﷲ ތަޢާލާއަށް ކުރައްވާ އުއްމީދެވެ.
ހާޖަރު ޢަލައިހައްސަލާމްގެ ކިބައިން އަޅުގަނޑުމެންނަށް ފެންނަނީ ޝަކުވާކުރުމުގެ ބަދަލުގައި ޢަމަލީގޮތުން މަސައްކަތްކުރުމުގެ މުހިންމުކަމެވެ. އެކަމަނާ އިޚްތިޔާރުކުރެއްވީ ދަތި މަގެކެވެ. ހަނަފަސް ބިމެއްގައި، އުފަންވެފައިވާ ކުޑަ ދަރިފުޅަކާއެކު، ފެނުގެ މަސްދަރެއް ހޯއްދެވުމަށް މަސައްކަތްކުރެއްވިއެވެ. މި މަސައްކަތުގައި އެކަމަނާ ދެއްކެވި ހިތްވަރާއި ކެތްތެރިކަމަކީ އަޅުގަނޑުމެން އެންމެން ވެސް ނަމޫނާއަކަށް ހަދަންޖެހޭ ކަންކަމެވެ.
ހާޖަރު ޢަލައިހައްސަލާމްގެ ވާހަކައިގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ސަފާ މަރްވާ ދެމެދު ހަތް ފަހަރު ދުވެވަޑައިގަތުމެވެ. މިއީ އެކަމަނާގެ ދަރިކަލުންނަށް ފެންފޮދެއް ހޯއްދެވުމަށް ކުރެއްވި މަތިވެރި މަސައްކަތެކެވެ. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ﷲ ތަޢާލާ އެކަމަނާއަށް ޒަމްޒަމް ފެންވަޅުގެ ނިޢުމަތް ދެއްވިއެވެ. މި ފެންވަޅަކީ މިއަދާ ހަމައަށްވެސް މުސްލިމުންނަށް ބަރަކާތްތެރި ފެނެއްގެ ގޮތުގައި ބޭނުންކުރެވޭ ނިޢުމަތެކެވެ.
އެކަމަނާގެ ޙަޔާތްޕުޅުން އަޅުގަނޑުމެންނަށް ލިބޭ މުހިންމު ދަރުސަކީ، ﷲ ތަޢާލާއަށް އޮންނަ އިތުބާރާއި އީމާންތެރިކަމުގެ މުހިންމުކަމެވެ. ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި އުނދަގޫތަކުގައި، ﷲ ތަޢާލާއަށް ވަކީލުކޮށް، އެއިލާހުގެ ރަޙްމަތަށް އުއްމީދުކުރުމުގެ މުހިންމުކަން އެކަމަނާގެ ވާހަކައިން އަޅުގަނޑުމެންނަށް ދަސްވެއެވެ.
ހާޖަރު ޢަލައިހައްސަލާމްގެ ހިތްވަރާއި، ﷲ ތަޢާލާއަށް އޮތް އިތުބާރާއި، އެއިލާހުގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވުމަކީ އަޅުގަނޑުމެން އަބަދުވެސް ހަނދާންކޮށް، އޭގެން ޢިބްރަތް ލިބިގަންނަންވީ ކަންކަމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަށް ތެދުމަގު ދައްކަވައި، އެއިލާހަށް ވަކީލުކުރުމުގެ ހެޔޮ ތައުފީޤު ދެއްވާށިއެވެ. އާމީން.