ދުނިޔެ
ޓަމިލްނާޑޫގައި އޮތް ސިޔާސީ އެއްވުމެއްގައި 39 މީހުން މަރުވެއްޖެ

ޓަމިލްނާޑޫގައި އިއްޔެ އޮތް އެއްވުމުގެ ނަތީޖާ: މަގުތަކަށް ކުނިބުނި އަޅާފައި، އެމްބިޔުލެންސްގައި ޒަޚަމްވި މީހުން ގެންދަނީ.

ފަރުދުން
28 ސެޕްޓެމްބަރު 2025، 02:48
28 ސެޕްޓެމްބަރު 2025، 02:48
އަވަށްޓެރި އިންޑިޔާގެ ދެކުނުގައި އޮންނަ ޓަމިލްނާޑޫގައި އިއްޔެ ކުރިއަށް ދިޔަ ސިޔާސީ އެއްވުމެއްގައި، ކުޑަކުދީން ހިމެނޭހެން 39 މީހުން މަރުވެފައިވާ ކަމަށް އިންޑިޔާގެ ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ. އެތައް ހާސް ބަޔަކު ބައިވެރިވި އެ އެއްވުން ކުރިއަށް ދިޔައީ، މަޝްހޫރު ތަމަޅަ ފިލްމީ ތަރި އަދި ސިޔާސީ ލީޑަރު، ވިޖޭ ޗަންދްރަޝޭކަރަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ. އިންޑީޔާގެ މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ޙަރަކާތް ތާވަލުކުރެވިފައިވީ ވަޤުތަށް ވުރެ އެތަށް ގަޑިއިރެއް ލަސްވިއެވެ. މި ކަމުގެ ސަބަބުން ގިނަ ބަޔަކު ފޫހިވެ، ބައެއް ކަހަލަ ހަމަނުޖެހުންތައް ހިނގިއެވެ.
ޓަމިލްނާޑޫގެ ޗީފް މިނިސްޓަރ އެމް.ކޭ. ސްޓާލިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މަރުވި ފަރާތްތަކުގެ ތެރޭގައި 17 އަންހެނުންނާއި، 13 ފިރިހެނުންނާއި، 9 ކުޑަކުދީން ހިމެނެއެވެ. މީގެ އިތުރުން، އެއްވުމުގެ ސަބަބުން ޒަޚަމުވި 51 މީހަކަށް މިހާރު ޞިއްޙީ ފަރުވާ ދެމުން އަންނަ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. ޓަމިލް ނާޑޫގެ ސްޓޭޓް ގަވަރންމެންޓުން ބުނީ، މި ކަމުގައި ގެއްލުން ލިބުނު ކޮންމެ ޢާއިލާއަކަށް 1 މިލިޔަން ރުޕީސް (11،300 ޑޮލަރު)ގެ ބަދަލު ދޭނެ ކަމަށެވެ.
ޓަމިލްނާޑޫގައި އިއްޔެ ހިނގި މި ޙަރަކާތަށް ފަހު ނަގާފައިވާ ތަޞްވީރުތަކާއި މަންޡަރުތަކުން ފެންނަނީ، ފައިވާންތަކާއި، ފެންފުޅިތަކާއި، އެކިއެކި ތަކެތި މަގުމައްޗަށް އުކާލާފައި ހުރި ތަނެވެ. ޙަރަކާތް ދުށް މީހުން ޞިފަކުރާ ގޮތުގައި، އިއްޔެގެ އެއްވުމަކީ ހަމަނުޖެހުމާއި، ހާސްކަމުން ފުރިފައިވީ އެއްވުމެކެވެ. ގިނަ މީހުންތަކެއް ޙާޟިރުވުމުގެ ސަބަބުން، ވަރަށް ބޮޑަށް ތޮށްޖެހިފައިވީ ކަމަށް ވެސް އެ މީހުން ކިޔައިދެއެވެ.
މި ޙާދިޘާއަށް ފަހު، މި ކަމުގެ ސަބަބުން ޢާންމުންނަށް ލިބުނު ގެއްލުމާ މެދު ވިޖޭ ވަނީ ހިތާމަ ފާޅުކޮށްފައެވެ. އަދި މި ކަމުގައި މަރުވި މީހުންނާއި ކުޑަކުދީންގެ ޢާއިލާތަކަށް އޭނާ ވަނީ ތަޢުޒިޔާ ފޮނުވާފައެވެ. މި ޙާދިޘާ އަކީ "ފުން ހިތާމައެއް ގެނުވާ ޙާދިޘާއެއް" ކަމަށް އިންޑީޔާގެ ބޮޑުވަޒީރު، ނަރެންދްރާ މޯދީ ވެސް ވަނީ ވިދާޅުވެފައެވެ.
ބޮޑެތި އެއްވުންތަކުގައި ތޮށްޖެހުމުގެ ސަބަބުން އެކި ވަރުވަރުގެ ގެއްލުން ލިބުމަކީ އިންޑިޔާގައި ނާދިރު ކަމެއް ނޫނެވެ. ޚާއްޞަ ގޮތެއްގައި ޢާންމު ޙަފްލާތަކާއި، ސިޔާސީ އެއްވުންތަކުގައި މި ކަހަލަ ޙާދިޘާތައް އިންޑިޔާގައި އަންނަނީ ހިނގަމުންނެވެ. މިއާ އެކު، އިއްޔެ ހިނގި ޙާދިޘާގެ ޙަޤީޤަތް ތަޙުޤީޤުކުރައްވަމުން ގެންދަވާ ކަމަށް އިންޑިޔާގެ ކަމާ ބެހޭ ފަރާތްތަކުން ހާމަކުރައްވައެވެ.