ދީން
މާތް ﷲއާ ކުއްތަންވުމަށް ޝުކުރަށް ވުރެ މޮޅު ވަސީލަތެއް ނެތެވެ.

އިބްރާހީމް ސޫރަތުގެ 14 ވަނަ އާޔަތް.
بسم الله الرحمن الرحيم
الحمد لله والصلاة والسلام على سيدنا رسول الله وعلى آله وصحبه
وبعد
ޝުކުރުވެރިވުމަކީ އިސްލާމީ ރިވެތި ޞިފަތަކުގެ ތެރޭގައި ހިމެނޭ މާތް ޞިފައެކެވެ. ޝުކުރުވެރިކަމަކީ އެންމެހައި ނިޢުމަތްތަކުގެ ވެރި ﷲއަށް، އެ ނިޢުމަތްތަކަށްޓަކައި ޝުކުރު އަދާކުރުމެވެ. ޝުކުރުގެ އެންމެ މުހިންމު ބާވަތަކީ މިއީއެވެ. އަދި އެއަށް ފަހު، ތިމާއަށް ހެޔޮކޮށް ހިތާ މަޚުލޫޤުންނަށް ޝުކުރު އަދާކުރުން ވެސް، ޝުކުރުގެ ތެރޭގައި ހިމެނިގެން ވެއެވެ.
ޝުކުރުގެ ޙަޤީޤަތް
ޝުކުރުގެ ޙަޤީޤަތާ މެދު ދަންނަ ބޭކަލުން ވަރަށް ގިނަ ޞަފްޙާތައް ލިޔުއްވާފައިވެއެވެ. އެ ބޭކަލުން ދެއްވާފައިވާ ހުރިހައި ތަޢުރީފުތައް ބަޔާންކުރުމަކީ އަޅުގަނޑަށް ކުޅަދާނަވެގެންވާ ކަމެއް ނޫނެވެ. ނަމަވެސް، ޝުކުރުގެ ޙަޤީޤަތް އޮޅުންފިލާ ވަރަށް، ޢިމްލުވެރީންގެ ބައެއް ބަސްފުޅުތައް ހިމަނާލެވޭތޯ މަސައްކަތްކުރާނަމެވެ.
އިމާމުލްޤުޝައިރީ އެ ކަލޭގެފާނުގެ މަޝްހޫރު ރިސާލާގައި ވިދާޅުވެފައިވާ ގޮތުގައި، މުޙައްޤިޤު ޢިލްމުވެރީންގެ އަރިހުގައި ޝުކުރުގެ ޙަޤީޤަަތަކީ: އަޅާ ނިކަމެތިކަމާ އެކު، ނިޢުމަތް މިންވަރުކިރައްވާ ފަރާތަށް (މި ބަހީ: ﷲއަށް) އެ ނިޢުމަތާ މެދު އިޢުތިރާފުވުމެވެ. ފިޤުހު ޢިލްމުވެރީން ލިޔުއްވާ ގޮތުގައި، ޝުކުރަކީ: އެ މަޤުޞަދަކަށްޓަކައި ﷲ އަޅާ ޚަލްޤުކުރެއްވި މަޤުޞަދަށް، އަޅާއަށް ލިބިފައިވާ އެންމެހައި ނިޢުމަތްތައް ބޭނުންކުރުމެވެ. މި ތަނުގައި އެ ބުނާ މަޤުޞަދަކީ މާތް ﷲއަށް އަޅުކަންކޮށް، އެ ކަލާނގެއަށް ކިޔަމަންގަތުމެވެ.
ޒުހުދުވެރިކަމުގައި މަޝްހޫރު އިމާމުލްޖުނައިދް ވިދާޅުވިއެވެ: ތިމަން ކުޑަ އިރު، ޢުމުރުން 7 އަހަރުގައި އައްސަރީ އައްސަޤަޠީގެ ކުރިމަތިފުޅުގައި ކުޅޭން އުޅުނީމެވެ. އޭރު އައްސަރީ އަރިހުގައި ބަޔަކު މީހުން ޝުކުރާ ބެހޭ ގޮތުން ވާހަކަ ދައްކާން ތިއްބެވެ. ދެން އައްސަރީ ތިމަން ގާތު އެއްސެވިއެވެ: "އޭ ތިޔަހިރަ ސޮރާއެވެ. ޝުކުރަކީ ކޮން އެއްޗެއް ހެއްޔެވެ؟" ތިމަން ބުނީމެވެ: "ޝުކުރަކީ ﷲގެ ނިޢުމަތް ބޭނުންކޮށްގެން ތިބާ ﷲއަށް ނުކިޔަމަންތެރި ނުވުމެވެ." އެ ހިނދު އައްސަރީ ވިދާޅުވިއެވެ: "ތިބާއަށް މާތް ﷲ މިންވަރުކުރެއްވި ނަޞީބަކީ ތިބާގެ ދޫ ކަމުގައި ވެދާނެއެވެ." މާނައަކީ: އަލްޖުނައިދު ޅަޢުމުރުފުޅުގައި ވެސް އެ ކަލޭގެފާނަށް ބުއްދިއާއި މޮށުންތެރިކަމުގެ ހުނަރު ދެއްވާފައިވާ ކަމެވެ. މި ވާހަކަ ރިވާކުރެއްވުމަށް ފަހު އިމާމުލްޖުނައިދް ވިދާޅުވިއެވެ: "އައްސަރީ ވިދާޅުވި އެ ބަސްފުޅުގެ ސަބަބުން ތިމަން އަދި އަދަށް ވެސް ކަރުނަ އަޅަމެވެ."
އެހެން ވަޤުތެއްގައި އަލްޖުނައިދް ވިދާޅުވެފައިވެއެވެ: "ޝުކުރުވެރިކަމަކީ، ތިމާއަކީ ނިޢުމަތް ލިބުމަށް ޙައްޤު ފަރާތެއް ކަމުގައި ނުދެކުމެވެ." މާނައަކީ: މާތް ﷲ ތިމާއަށް މިންވަރުކުރައްވާ ނިޢުމަތަކީ އެ ކަލާނގެއަށް އެއްވެސް ގޮތަކުން ލާޒިމުވުމެއް ނެތި، އެ ކަލާނގެ ދީލަތިވަންތަކަމުން މިންވަރުކުރައްވާ ނިޢުމަތެއް ކަން ދަނެ، ޤަބޫލުކުރުމެވެ. ސަބަބަކީ، އަޅާއަށް މަގުދައްކަވާ، އަޅާ ކުރާ އެންމެހައި ހެޔޮ ޢަމަލުތަކަށް ތައުފީޤު ދެއްވަނީ މާތް ﷲއެވެ. އަދި މާތް ﷲގެ އެންމެ ނިޢުމަތެއްގެ އަގު ވަޒަންކުރުމަށް ވެސް އެންމެހައި އަޅުން ވަނީ ނުކުޅެދިފައެވެ. ވީމާ، އެއްވެސް އަޅަކަށް، ތިމަންގެ ޢަމަލުން މިވެނި ނިޢުމަތެއް ޙައްޤުވެރި ވެއްޖެއޭ ނުބުނެވޭނެއެވެ. މި ކަމުގެ މަޝްހޫރު މިޘާލެއް އަހާށެވެ. ސަލާމާއި ޞަލަވާތް ލެއްވި ސައްޔިދުނާ ރަސޫލުﷲ ޙަދީޘްކުރައްވާފައިވެއެވެ: "އެއްވެސް މީހެއްގެ ޢަމަލުތައް އޭނާ ސުވަރުގެ ނުވައްދާ ހުއްޓެވެ." އެ ހިނދު މާތް ﷲ އެ ބޭކަލުންނަށް ރުއްސުން ލެއްވި މާތް އަޞްޙާބުން ދެންނެވިއެވެ: "އިބަ ކަލޭގެފާނުން ވެސް ނޫންތޯއެވެ؟" އިތުރު އެކަލޭގެފާނުން ޙަދީޘްފުޅު ކުރެއްވިއެވެ: "ތިމަންކަލޭގެފާނުން ވެސް ނުމެނޫންމެއެވެ. (މި ބަހީ: ޚުދު ތިމަންކަލޭގެފާނަށް ވެސް ހަމައެކަނި ޢަމަލުތަކުގެ ސަބަބުން ސުވަރުގެ ނުވަދެވޭ ހުއްޓެވެ). މާތް ﷲ ތިމަންކަލޭގެފާނަށް ފަޟުލަކާއި ރަޙުމަތެއް ލައްވައިގެން މެނުވީއެވެ." (ރިވާކުރެއްވީ: އަލްބުޚާރީ އަދި މުސްލިމް). މި މަފްހޫމް މި ލިޔުމުގެ ކުރިއަށް އޮތް ތަނުގައި އިތުރަށް އޮޅުން ފިލައިގެން ދާނެއެވެ.
ޝުކުރުވެރިކަން މާނަކުރައްވަމުން އައްޝިބްލީ ވިދާޅުވެފައިވެއެވެ: "ޝުކުރުވެރިކަމަކީ، ނިޢުމަތަށް ބެލުމުގެ ބަދަލުގައި، ނިޢުމަތް ދެއްވާ ފަރާތަށް ބެލުމެވެ." މާނައަކީ، ނިޢުމަތް ދެއްވާ ފަރާތަކީ ޚާލިޤުވަންތަ މާތް ﷲކަން ހަނދުމައިގައި ބަހައްޓައިފި މީހަކު، އޭނާއަށް ލިބިފައިވާ ނިޢުމަތެއް މަދުކަމަށް ނުދެކޭނެއެވެ. އިންސާނުން އެކަކު އަނެކަކަށް ހަދިޔާ ބަދިޔާ ދިނުމުގައި ވެސް، ޚާއްޞަ މީހަކު ދޭ ހަދިޔާއެއް ޚާއްޞަވާނެއެވެ. ޚާއްޞަ ނޫން މީހަކު ހަމަ އެ ހަދިޔާ ތިމާއަށް ދިނުމުން، ޚާއްޞަ މީހާ ދިނީމާ އެ ވާ އުފަލެއް ނުވާނެއެވެ. ހަމަ އެ ފަދައިން، އަޅާ މާތް ﷲއާ މެދުގައި ހެޔޮކޮށް ވިސްނުމަށް ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލުﷲގެފާނުން ވަނީ އަމުރުކުރައްވައި އަންގަވާފައެވެ. އަޅެއްގެ ހިތުގައި މާތް ﷲ ޚާއްޞަ ވެއްޖެ ނަމަ، އެ ކަލާނގެ ނިޢުމަތްތައް ވެސް އޭނާގެ ހިތުގައި ޚާއްޞަވެގެން ދާނެއެވެ.
ޝުކުރު މާނަކުރައްވަމުން އަބޫ ޢުޘްމާން ވިދާޅުވެފައިވެއެވެ: "ޝުކުރުވެރިކަމަކީ، ޝުކުރުވެރިކަމަށް ނުކުޅެދޭކަން ދަނެގަތުމެވެ." މި ތަޢުރީފުގެ ފުން ޝަރަޙައެއް މި ލިޔުމުގެ ކުރިއަށް އޮތް ތަނުގައި ހިމަނާލާނަމެވެ.
ޝުކުރުގެ ދަރަޖަތައް
އަހާށެވެ. ފަހެ މި އުންމަތުން އެ ފަދަ ދެވަނައެއް އުފެދިފައިނުވާ ޢިލްމުވެރިޔާ، ޙުއްޖަތުލްއިސްލާމް އަލްޣަޒާލީ ވިދާޅުވެފައިވެއެވެ:
އަޅާ ލާ ކޮންމެ ނޭވާއަކާ އެކު، މާތް ﷲގެ ނިޢުމަތް އޭނާގެ މައްޗަށް އައުވެގެން ދެއެވެ. ފަހެ މި ކަމަށް ޝުކުރު އަދާ ކުޅައުމީ އަޅާގެ މައްޗަށް އޮތް ވާޖިބެކެވެ. ޝުކުރުގެ އެންމެ ކުޑަ މިންވަރަކީ، ނިޢުމަތަކީ މާތް ﷲގެ ޙަޟްރަތުން ދެއްވި ހަދިޔާއެއްގެ ގޮތުގައި ބަލައިގަނެ، އެ ކަލާނގެ ދެއްވި އެއްޗަކާ މެދު ރުހުމެވެ. ޝުކުރުގެ އެންމެ މަތީ މިންވަރަކީ، މާތް ﷲގެ އެންމެ ކުޑަ ނިޢުމަތަށް ޝުކުރުކުރުމަށް ވެސް، އެންމެހައި ޚަލްޤުތަކުން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް، ނުކުޅެދިފައިވާ ކަމަށް ސިއްރިއްޔާތުގައި (މި ބަހީ: ހިތު ތެރޭގައި) އިޤުރާރުވުމެވެ. އެހެނީ، ޝުކުރުކުރުމުގެ ކުޅަދާނަކަން ލިބުމަކީ ވެސް އޭގެ ޛާތުގައި ނިޢުމަތެކެވެ. މި ނިޢުމަތަށް ވެސް ޝުކުރު ޙައްޤުވެއެވެ. ވީމާ، ޝުކުރުގެ ކޮންމެ ޢަމަލަކާ އެކު، އިތުރަށް ޝުކުރުވެރިވާން ލާޒިމުވެއެވެ. އަދި މި ކަން މި ގޮތަށް ނިމުމެއް ނުވާ ގޮތުގައި ސިލްސިލާ ވެގެން ދާނެއެވެ.
މާތް ﷲގެ އެންމެ ނިޢުމަތަކަށް ވެސް ފުރިހަމަ ގޮތުގައި ޝުކުރުކުރުމަކީ ކުޅަދާނަވެގެންވާ ކަމެއް ނޫން
އިހު ނަޤުލުކުރި ބަސްފުޅުގައި ޙުއްޖަތުލްއިސްލާމް އަލްޣަޒާލީ ފާހަގަކުރައްވާފައިވާ ގޮތުގައި، މާތް ﷲގެ އެންމެ ނިޢުމަތެއްގެ ޙައްޤު ޝުކުރު އަދާކުރުމަކީ ވެސް، އެންމެހައި ޚަލްޤުތަކުންނަށް ނުކުޅެދިފައިވާ ކަމެކެވެ. މިއީ އަލްޣަޒާލީ އަމިއްލަފުޅަށް ހެއްދެވި ވާހަކައެއް ނޫނެވެ. އެހެނަސް، މިއީ ކީރިތި ޤުރުއާނުގައި މާތް ﷲ ބަޔާންކުރައްވާފައިވާ ވާހަކައެކެވެ. އަދި އިމާމުނާ އައްޝާފިޢީ ވެސް ލިޔުއްވާފައިވާ ވާހަކައެކެވެ.
މަތިވެރިވަންތަ މާތް ﷲ ވަޙީކުރައްވާފައިވެއެވެ:
وَإِِن تَعُدُّوا نِعْمَةَ اللهِ لا تُحْصُوهَا
މާނައީ: "އަދި ތިޔަބައިމީހުން ﷲގެ ނިޢުމަތް ގުނާ ޢަދަދުކޮށްފި ނަމަ (މި ބަހީ: ޢަދަދުކުރުމަށް މަސައްކަތްކޮށްފި ނަމަ) ތިޔަބައިމީހުންނަކަށް އެ ނިޢުމަތެއް ނުހިމެނޭނެއެވެ."
މި އާޔަތުގައި ބަޔާންކުރައްވާފައިވާ ފަދައިން، އިންސާނަކަށް މާތް ﷲގެ ނިޢުމަތެއް ފުރިހަމައަށް ނަގައި ވެސް ނުގަނެވޭނެއެވެ. ފަހެ ދެން އެ ނިޢުމަތަށް ފުރިހަމައަށް ޝުކުރު އަދާކުރާނީ ކިހިނަކުން ހެއްޔެވެ؟
މާތް ﷲގެ ނިޢުމަތަކަށް ފުރިހަމައަށް ޝުކުރުކުރުމަށް އަޅުގަނޑުމެން ނުކުޅެދިފައިވާ ސަބަބު ކަމުގައި ދަންނަ ބޭކަލުން ބަޔާންކޮށްދެއްވާފައިވާ ކަމަކީ:
އިންސާނުން ހިމެނޭހެން، އެންމެހައި މަޚުލޫޤުންގެ ޢަމަލުތައް ޚަލްޤުކުރައްވަނީ މާތް ﷲ ކަމެވެ. މި ކަން އަންގަވައި، މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ:
وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ
މާނައީ: "އަދި ތިޔަބައިމީހުނާއި، ތިޔަބައިމީހުން ކުޅަ ޢަމަލުތައް ހެއްވެދީ ﷲއެވެ."
ވީމާ، އިންސާނުންނަށް އިޚްތިޔާރެއް ދެއްވާފައިވީ ނަމަވެސް، އެ އިޚްތިޔާރަކީ މާތް ﷲގެ މިންވަރުފުޅުން މުސްތަޤިއްލުވެގެން ވާ އިޚްތިޔާރެއް ނޫނެވެ. އަޅުގަނޑުމެންގެ ހުރިހައި ޢަމަލުތައް ހައްދަވައި، ވުޖޫދަށް ނެރުއްވަނީ އެ ކަލާނގެއެވެ. މި ކަމުގެ ޢަޤުލީ ދަލީލުތައް ވެސް ޢިލްމުވެރީން ވަނީ ބަޔާންކުރައްވާފައެވެ. ނަމަވެސް، އެ ކަންތައްތައް މި ލިޔުމުގައި ހިމެނުން މުނާސިބު ކަމުގައި ނުދެކެމެވެ.
ކޮންމެއަކަސް، އިހު ބަޔާންވެގެންވާ އަޞްލުތަކުގެ މައްޗަށް ވިސްނުން ބިނާކުރާ އިރު، މާތް ﷲގެ އެންމެ ނިޢުމަތެއް ވެސް ވަޒަން ނުކުރެވޭ ސަބަބު ބުއްދިވެރީންނަށް ހާމަވެގެންދާނެއެވެ. ސަބަބަކީ، މާތް ﷲގެ ނިޢުމަތެއް ވަޒަންކޮށް، އެއަށް ޝުކުރުކުރާ އިރު، ޚުދު ޝުކުރުކުރުމުގެ އެ ޢަމަލަކީ މާތް ﷲ ޚަލްޤުކުރެއްވި ޢަމަލެކެވެ. އަދި އެ ކަލާނގެ އިޛުނަފުޅާ އެކު ވުޖޫދަށް އައި ޢަމަލެކެވެ. ވީމާ، އެ ކަމަށް އަނެއްކާ ޝުކުރު އަދާކުރާން ވާނެއެވެ. ނަމަވެސް، އެ ކަމަށް ޝުކުރު އަދާކުރުމުން، އަނެއްކާ ވެސް އެ ޝުކުރު އަދާކުރުމަކީ އިތުރު ނިޢުމަތެއް ކަމުގައިވެ، އެ ނިޢުމަތަށް އަލުން ޝުކުރު ކުރާން ޖެހޭނެއެވެ. މިހެން ވިސްނާ އިރު، މާތް ﷲގެ އެންމެ ކުޑަ ނިޢުމަތުގައި ވެސް، ނިމުމެއްނުވާ (އިންފިނިޓް) ނިޢުމަތްތަކެއް އެކުލެވިގެންވެއެވެ. މި މާނައަށް އިޝާރަތްކުރައްވާ، އިމާމުއްޝާފިޢީ އެ ކަލޭގެފާނުގެ ރިސާލާގެ މުޤައްދިމާގައި ލިޔުއްވާފައިވެއެވެ:
މާތް ﷲއަށް ޙަމްދު ހުއްޓެވެ. އެ ކަލާނގެއީ، އެ ކަލާނގެ ނިޢުމަތްތަކުގެ ތެރެއިން އެއްވެސް ނިޢުމަތެއްގެ ޝުކުރު އަދާކުރުން މުސްތަޙީލުވެގެންވާ ކަލާނގެއެވެ. އެ ކަލާނގެ ޙަޟްރަތުން އަންނަ އައު ނިޢުމަތަކާ އެކުގައި މެނުވީއެވެ. ފަހެ މި އައު ނިޢުމަތް އައުމުން، އެ ކަލާނގެ ކުރީގެ ނިޢުމަތަށް ޝުކުރުކުރި މީހާގެ މައްޗަށް، އެ ޝުކުރުކުރުމުގެ ސަބަބުން، އޭނާ ޝުކުރުކުރުން ލާޒިމުވާ އައު ނިޢުމަތެއް އެ ކަލާނގެ ޙަޟްރަތުން ލިބިދެއެވެ.
މަތީގައިވާ ޢިބާރާތް އެ އޮތީ އަޅުގަނޑަށް ވީ ވަރަކުން ފަސޭހަކޮށްފައެވެ. އިމާމުއްޝާފިޢީގެ ޙަޤީޤީ ޢަރަބި ޢިބާރާތުގައި މި ޖުމުލަތައް ލިޔުއްވާފައިވަނީ ދިގު އެއް ޖުމުލައިގެ ޞިފައިގައެވެ. އެހެނަސް، ދިވެހި ބަހުން އެ ފަދަ ދިގު ޖުމުލަތައް ލިޔުމަކީ ޢިބާރާތުގެ މާނަ ރަނގަޅަށް ފަހުމުނުވުމަށް މަގުފަހިވެދާނޭ ކަމެއް ކަމަށް އަޅުގަނޑު ދެކޭތީ، އެ ޖުމުލަތައް ތަރުޖަމާކުރުމުގައި އެ ހުރީ ވަކިވަކިކޮށްފައެވެ.
ޝުކުރުވެރިވުމުގެ މުހިންމުކަން
ލިޔުމުގެ މި ޙިސާބުން، ތިޔަ ކިޔުންތެރީންގެ ހިތްތަކުގައި ސުވާލެއް އުފެދޭނެއެވެ. އެ ސުވާލަކީ: މާތް ﷲގެ ނިޢުމަތަށް ފުރިހަމައަށް ޝުކުރުވެރިވުމަކީ އިންސާނަކަށް ކުޅަދާނަވެގެންވާ ކަމަށް ނުވަންޏާ، ޝުކުރުކުރާން އުޅުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ނުކުރެވޭ ކަންކަން ކުރާން އުޅުމުގެ ބޭނުމެއް ވޭ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަކީ: އަޅުގަނޑުމެންނަށް ނުކުޅެދިގެންވަނީ އެ ކަލާނގެ ނިޢުމަތްތައް ފުރިހަމައަށް ވަޒަންކޮށް، ޝުކުރުކުރުމަށެވެ. ނަމަވެސް، އަޅުގަނޑުމެންނަށް ކުޅެދޭ މިންވަރެއް އެބަ އޮތެވެ. ވީމާ، އެ މިންވަރަށް ޝުކުރުކުރާން އުޅުމަކީ، ނުކުޅެދޭ ކަމެއް ކުރާން އުޅުމެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. ތިމާއަށް މާތް ﷲގެ ނިޢުމަތަށް ފުރިހަމައަށް ޝުކުރުނުކުރެވޭނެ ކަން ދަނެގެން އަޅާއަށް ކުޅަދާނަވާ މިންވަރަކަށް ޝުކުރު އަދާކުރުމަކީ، އިންސާނުންނަށް އަދާކުރުން އެކަށީގެންވާ އެންމެ މަތީ ދަރަޖައިގެ ޝުކުރު ކަން އިމާމުލްޣަޒާލީގެ އަރިހުން ކުރީން ނަޤުލުކުރި ބަސްފުޅުގައި އިސްވެ ހިނގައްޖެއެވެ.
ސުންނީ ޢަޤީދާގައި، ޝުކުރުވެރިވުން ވާޖިބުވަނީ އިލާހީ އަމުރުފުޅުގެ ސަބަބުންނެވެ. ބުއްދީގެ ޙުކުމަކުން ނޫނެވެ. ނަމަވެސް، މުޢުތަޒިލީން ދަޢުވާކުރާ ގޮތުގައި، އެއީ ބުއްދީގެ ޛަރީޢާއިން ވާޖިބުވާ ކަމެކެވެ. ނަމަވެސް މިއީ ބަލިކަށި ޤަބޫލުކުރުމެކެވެ. މި ވާހަކައަކީ މި ލިޔުމުގެ ދާއިރާއިން ބޭރަށް ހިނގައިދާނެ ވާހަކައަކަށް ވާތީ، އިތުރު ތަފްޞީލަކަށް ނުދާނަމެވެ.
ކޮންމެއަކަސް، މާތް ﷲ ވަނީ އެ ކަލާނގެއަށް ޝުކުރުވެރިވުމަށް އަމުރުކުރައްވާފައެވެ:
فَاشْكُرُوا لِلَّهِ إِن كُنتُمْ إيّاهُ تَعْبُدُون
މާނައީ: "ފަހެ ތިޔަބައިމީހުން ﷲގެ ޙަޟްރަތަށް ޝުކުރުކުރާށެވެ. އެއީ، ތިޔަބައިމީހުން ހަމައެކަނި އެ ކަލާނގެއަށް އަޅުކަންކުރާ ކަމުގައި ވަނީ ނަމައެވެ."
މާތް ﷲއާ ކުއްތަންވުމަށް ޝުކުރުވެރިވުމަށް ވުރެ މޮޅު ވަސީލަތެއް ނެތް
އިމާމުއްޝާޛިލީ ވިދާޅުވެފައިވެއެވެ: "ޝުކުރުވެރިކަމަށް ވުރެ މާތް މަގެއް ﷲއަށް (އެ ބަހީ: އެ ކަލާނގެ ރުއްސެވުމަށް) ވާޞިލުކޮށްދޭ ކަން ޝައިޠާނާއަށް އެނގުނު ނަމަ، ފަހެ އޭނާ އެ މަގެއްގައި ހުއްޓި ހުރެ (ހުރަސްއެޅީހެވެ). ފަހެ އޭނާ (މި ބަހީ: ޝައިޠާނާ) ބުނީތީ ތިބާ (ޤުރުއާނުގައި) އަޑުނާހަމު ހެއްޔެވެ: ثُمَّ لآتِيَنَّهُمْ مِنْ بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَانِهِمْ وَعَنْ شَمَائِلِهِمْ وَلا تَجِدُ أَكْثَرَهُمْ شَاكِرِينَ. (މާނައީ: ދެން އެއުރެންގެ ކުރިމަތީންނާއި، ފަހަތުންނާއި، އެއުރެންގެ ކަނާތްފަރާތުންނާއި ވާތްފަރާތުން (ވަސްވާސްދިނުމަށް) އެއުރެންގެ ގާތަށް ތިމަން (ޝައިޠާނާ) އަންނަ ހުށީމެވެ. އަދި އޭގެ ގިނަމީހުންނީ، ޝުކުރު ކުރާ މީހުން ކަމުގައި އިބަރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވާނޫއެވެ.)
މަތީގައި އިމާމުއްޝާޛިލީ ފާހަގަކުރައްވާފައި އެވާ ނުކުތާ އަކީ ވަރަށް ފުރިހަމަ ނުކުތާއެކެވެ. ޝައިޠާނާ ސުވަރުގޭން ނެރެލެވުމުން، އެ ސޮރު އިންސާނުން މަގުފުރައްދަން ވަޢުދުވިއެވެ. އެ ވަޢުދުގެ ތެރޭގައި އޭނާ އިންސާނުންނާ މެދު ބުނި ބަހަކީ: "އަދި އޭގެ ގިނަމީހުންނީ، ޝުކުރު ކުރާ މީހުން ކަމުގައި އިބަރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވާނޫއެވެ" މި ފަދައިންނެވެ. މީގެން ދޭހަވަނީ، ޝައިޠާނާ އެންމެ ބޮޑަށް މަސައްކަތްކުރާ ކަމަކީ މީސްތަކުން ޝުކުރުވެރިވުމާ ދުރުހެލިކުރުމަށް ކަމެވެ. ފަހެ، މާތް ﷲގެ ރުއްސެވުން ހޯދުމަށް ޝުކުރުވެރިވުމަށް ވުރެ މޮޅު ގޮތެއް އޮތް ނަމަ، ޝައިޠާނާ މަސައްކަތްކުރީހީ އެ ގޮތަކަށް ހުރަސްއެޅުމަށެވެ. ނަމަވެސް އެ ސޮރު ޝުކުރުވެރިކަމަށް ހުރަސްއަޅާން ނިންމާ، ޝުކުރުވެރިކަމުގެ ވާހަކަ ވަކީން ނަންގަތުމުން، ޝުކުރުވެރިވުމަކީ މާތް ﷲގެ ރުއްސެވުމަށް ވާޞިލުވުމަށް އޮތް އެންމެ މޮޅު ގޮތް ކަން ދޭހަވެއެވެ. މި ހުންނަނީ މޮޅެތި ދަންނަ ބޭކަލުން ޤުރުއާނުގެ އާޔަތްތަކުނެ ދޭހަ ނަންގަވާ މޮޅެތި ގޮތްގޮތެވެ.
ޝުކުރުވެރިވާ މީހާއަށް ނިޢުމަތްތައް އިތުރުކޮށްދެއްވުމަކީ އިލާހީ ވަޢުދުފުޅެއް
އިމާމް ތާޖުއްދީން އައްސުބްކީ ލިޔުއްވާފައިވާ ގޮތުގައި، ބައެއް ދަންނަ ބޭކަލުން ވިދާޅުވިއެވެ: ކީރިތި ޤުރްއާނުގައި ޝުކުރުވެރީންނަށް އިތުރުކޮށްދެއްވުމުގައި އެއްވެސް އިސްތިޘްނާއެއް ނުވެއެވެ. ނަމަވެސް، އެހެން ފަސް ކަމެއްގައި މާތް ﷲ ވަނީ އިސްތިޘްނާ ކުރައްވާފައެވެ.
1- ފުދުންތެރިކަން ދެއްވުން
މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ: فَسَوْفَ يُغْنِيكُمُ اللَّهُ مِنْ فَضْلِهِ إِنْ شَاءَ
މާނައީ: "ފަހެ، އެ ކަލާނގެ އިރާދަކުރެއްވައިފި ނަމަ، އެ ކަލާނގެ ފަޟްލުވަންތަކަމުން ތިޔަބައިމީހުން ފުދުންތެރިކުރައްވާނެތެވެ."
2- މުޞީބާތްތައް ފިއްލެވުން
މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ: فَيَكْشِفُ مَا تَدْعُونَ إِلَيْهِ إِنْ شَاءَ
މާނައީ: "ފަހެ، އެ ކަލާނގެ އިރާދަކުރައްވައިފި ނަމަ، ތިޔަބައިމީހުން އެ ކަލާނގެއަށް ދުޢާ ކުރާ ކަންތައް، އެ ކަލާނގެ ފިއްލަވަތެވެ."
3- ރިޒްޤު ދެއްވުން
މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ: يَرْزُقُ مَنْ يَشَاءُ
މާނައީ: "އެ ކަލާނގެ އިރާދަކުރެއްވި މީހަކަށް ރިޒްޤު ދެއްވަތެވެ."
4- މާޣްފިރަތާއި ފާފަ ފުއްސެވުން
މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ: وَيَغْفِرُ لِمَنْ يَشَاءُ
މާނައީ: "އަދި އެ ކަލާނގެ އިރާދަކުރެއްވި މީހަކަށް ފާފަ ފުއްސަވަތެވެ."
5- ތައުބާ ޤަބޫލުކުރެއްވުން
މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ: ثُمَّ يَتُوبُ اللَّهُ مِنْ بَعْدِ ذَلِكَ عَلَى مَنْ يَشَاءُ
މާނައީ: "އެއަށް ފަހު، އެ ކަލާނގެ އިރާދަކުރެއްވި މީހެއްގެ މައްޗަށް ﷲ ތައުބާ ލައްވަތެވެ."
މި އެންމެހައި ކަންކަން އެ ކަލާނގެ އިރާދަފުޅާ ގުޅުއްވަވައި ވަޙީ ކުރައްވާފައިވުމުން ދޭހަވަނީ، މި ކަންކަމުގައި އިސްތިޘްނާވާ ފަރާތްތަކެއް ވާ ކަމެވެ.
ނަމަވެސް ޝުކުރުކުރާ މީހުންނާ މެދު އެ ކަލާނގެ ވަޙީ ކުރެއްވި ބަސްފުޅު މުޅީން ތަފާތެވެ. އެ ބަސްފުޅު ނިކަން އަހާށެވެ:
لَئِنْ شَكَرْتُمْ لَأَزِيدَنَّكُمْ
މާނައީ: "ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރުކުޅައީ ނަމަ، ހަމަކަށަވަރުން ތިމަންސުވާމީންގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާ ހުށީމެވެ."
މި ބަސްފުޅުގައި އެއްވެސް އިސްތިޘްނާއެއް ލައްވަވާފައި ނުވެއެވެ. އެހެނަސް، މި އާޔަތުގައި ވަނީ ވަރުގަދަ އިލާހީ ވަޢުދުފުޅެކެވެ. އަދި ކިއެއް ހެއްޔެވެ. މި ބަސްފުޅުގައި ތައުކީދުގެ ދެ އަކުރު ހިމެނިފައިވެއެވެ. އެއީ ފުރަތަމަ ކަލިމައާއި، ފަހު ކަލިމައިގައި އެ އޮތް ދެ ލާމެވެ. އެ ދެ ލާމުން ދޭހަވަނީ "ހަމަކަށަވަރުން" މި މާނައެވެ. މި އަކުރު ދެ ފަހަރު މާތް ﷲ ވަނީ ތަކުރާރުކުރައްވާފައެވެ. ކިހާ ވަރުގަދަ ވަޢުދުފުޅެއް ތޯ އެވެ. ވީމާ، ޝުކުރުކުރާ ކޮންމެ މީހަކަށްމެ ނިޢުމަތް އިތުރުކޮށްދެއްވުމަކީ ޔަޤީންވެގެންވާ ކަމެކެވެ.
"ހުރިހައި އެންމެން ޢުމަރުގެފާނަށް ވުރެ މުޅެވެ"
ލިޔުން ނިންމާލުމުގެ ކުރީން، މި މައުޟޫޢާ ގުޅޭ އިތުރު އެއް ވާހަކަ ނަންގަންނާނަމޭ ހިތުގައި ވެއެވެ.
މަތީގައި ކޮމާކޯޅީގައި އެވަނީ، ސައްޔިދުނާ ޢުމަރުގެފާނުން، އެ ކަލޭގެފާނުންގެ އަމިއްލަ ނަފްސުފުޅަށް ވިދާޅުވި ބަސްފުޅެކެވެ. މި ރިވާޔަތުގައިވާ ގޮތުން، އެއް ދުވަހަކު މީހަކު ދުޢާއެއް ކުރާތީ ޢުމަރުގެފާނުން އަޑުއެއްސެވިއެވެ. އެ ދުޢާއަކީ: "އޭ ﷲ އެވެ. އެންމެ މަދު މީހުން ތެރޭގައި ތިމަން ލައްވާފާނދޭވެ." އެ ހިނދު ޢުމަރުގޭފާނުން ދެންނެވިއެވެ: "އެންމެ މަދު މީހުންނަކީ ކޮން ބައެއް ހެއްޔެވެ؟" އެ މީހާ ޖަވާބުގައި ބުންޏެވެ: "މާތް ﷲ ވަޙީކުރެއްވިޔަތީ ތިމަން އަޑުއެހީމެވެ: 'އަދި މަދު ބަޔަކު ފިޔަވައި އެކަލޭގެފާނާ އެކު އީމާން ނުވިއެވެ.' އަދި ވެސް ވަޙީ ކުރެއްވިއެވެ: 'އަދި ތިމަންރަސްކަލާނގެ އަޅުން ކުރެ، ޝުކުރުވެރި މީހުން ނުހަނު މަދެވެ.'" އަދި ވެސް މި ފަދަ މި ފަދަ އާޔަތްތައް ނަންގަތެވެ. އެ ހިނދު ސައްޔިދުނާ ޢުމަރުގެފާނުން ވިދާޅުވިއެވެ: "ހުރިހައި އެންމެން ވެސް ޢުމަރުގެފާނަށް ވުރެ މޮޅެވެ." މިއީ، ޢުމަރުގެފާނަށް ވިސްނިވަޑައިނުގަތް ވާހަކައެއް އެހެން މީހަކަށް ވިސްނުނުތީ، ޢުމަރުގެފާނުން ވިދާޅުވި ބަސްފުޅެކެވެ. މި ވާހަކައިގެ ޢިބުރަތަކީ، ޝުކުރުވެރިވުމުގެ މުހިންމުކަމެވެ.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މި މަދު ޝުކުރުވެރީންގެ ތެރޭގައި ލެއްވުމެވެ.
ފަހު ބަސް
ލިޔުން ކުރުކޮށްލުމުގެ ގޮތުން އަޅުގަނޑު ދަންނަވާނީ: އަޅުގަނޑަށް މި ލިޔުން އެކުލަވާލުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވިޔަތީ މާތް ﷲއަށް ޝުކުރުކުރަމެވެ.
އަދި މި ލިޔުން ދިގުވި ކަމަށްޓަކައި ތިޔަ ކިޔުންތެރީންގެ ކިބައިން މަޢާފަށް އެދެމެވެ. އަޅުގަނޑު މި މައުޟޫޢާ ބެހޭ ގޮތުން ލިޔާން ހުރި ވާހަކަތައް ހުހެއް ނުވެއެވެ. ނަމަވެސް، މި ލިޔުމުގައި ހިމަނާލީ، މި މައުޟޫޢުގައި ނަންގަތުން އެންމެ މުހިންމު ކަމަށް ފެނުނު ނުކުތާތަކެވެ. އުންމީދަކީ، މި ލިޔުމަކީ ތިޔަ ކިޔުންތެރީންނަށް ފައިދާ ހުރި މަޢުލޫމާތުތަކެއް ލިބިގެން ދިޔަ ލިޔުމެއް ކަމުގައި ވުމެވެ. އަދި އަޅުގަނޑުމެން އެންމެންނީ ޝުކުރުވެރިވާ އަޅުން ކަމުގައި ލެއްވުމެވެ.
މަޞްދަރުތައް
كتاب الله تعالى
الصحيحان
الرسالة القشيرية
منهاج العارفين للغزالي
الزهد لأحمد
معيد النعم لابن السبكي
تقريب الأصول لدحلان