ޚަބަރު
ކައްދޫގައި ސައިކަލަކުން ޖެހި މީހަކު މަރުވި މައްސަލައިގައި ދަޢުވާކުރުމަށް ފޮނުވައިފި

ކައްދޫގައި ސައިކަލަކުން ޖެހި މީހަކު މަރުވި މައްސަލައިގައި ދަޢުވާކުރުމަށް ފޮނުވި މީހާ. / ތަޞްވީރު: ފުލުހުން

ފަރުދުން
29 ސެޕްޓެމްބަރު 2025، 02:51
29 ސެޕްޓެމްބަރު 2025، 02:51
ކައްދޫގައި ސައިކަލަކުން ޖެހި، އެކްސިޑެންޓުވެ، މީހަކު މަރުވި މައްސަލައިގައި ދަޢުވާކުރުމަށް ފޮނުވައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ޢާންމުކޮށްފައިވާ ގޮތުގައި، މި އަަހަރުގެ އޮގަސްޓު މަހުގެ 15ވަނަ ދުވަހުގެ ވަޤުތެއްގައި ލ. ކައްދޫގައި ކަފިހިހުރަސް މަތިން މަގުހުރަސް ކުރަނިކޮށް، ބާރު ދުވެލީގައި ދުއްވާފައި ދިޔަ ސައިކަލަކުން ދެ މީހެއްގެ ގައިގައި ޖެހި، އެކްސިޑެންޓުވެ، މީހަކު މަރުވި މައްސަލައިގެ ތަޙުޤީޤު ވަނީ ނިންމާފައެވެ. އަދި މި ކަމުގައި ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މިހާރު ވަނީ ފޮނުވާފައެވެ. މި މައްސަލައިގެ ތަޙުޤީޤު ނިންމައި، ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ 25ވަނަ ދުވަހުއެވެ. މި މައްސަލަ އެ އޮފީހުން ބަލައިގެންފައިވަނީ މި މަހުގެ 28ވަނަ ދުވަހުއެވެ.
މި މައްސަލައިގައި ދަޢުވާކުރުމަށް ފޮނުވާފައިވަނީ ލ. ފޮނަދޫ / ހޯރަވިލާ، މުޙައްމަދު ނައުސާން (37އ)ގެ މައްޗަށެވެ. މި މައްސަލައާ ގުޅިގެން އޮގަސްޓު 16ވަނަ ދުވަހު އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރުކުރުމުން، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. މީނާއަކީ ޓްރެފިކް ޤަވާޢިދާ ޚިލާފުވުމުގެ ސަބަބުން އެކި ފަހަރު މަތިން ޖޫރިމަނާކޮށްފައިވާ މީހެއްމެއެވެ. އަދި މީނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށް ވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ.
މި އެކްސިޑެންޓުގައި އަނިޔާވުމުގެ ސަބަބުން ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، ނިޔައުވެފައިވަނީ 64 އަހަރުގެ ދިވެހި އަންހެނެކެވެ.
ކައްދޫގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގައި ދައުވާކުރުމަށް ފޮނުވައިފިhttps://t.co/kTJMoLw4P5 pic.twitter.com/o1cDCpKxxE
— Maldives Police (@PoliceMv) September 29, 2025