ޚަބަރު
ކްރެޑިޓް ކާޑުން މަހަކު ޚަރަދުކުރެވޭ ޑޮލަރު ލިމިޓު އިތުރުކުރުމަށް ރައީސް ނިންމަވައިފި

ބީ.އެމް.އެލް. ކްރެޑިޓް ކާޑުތަކެއް.

ފަރުދުން
29 ސެޕްޓެމްބަރު 2025، 02:46
29 ސެޕްޓެމްބަރު 2025، 02:46
ކްރެޑިޓް ކާޑުން މަހެއްގެ މައްޗަށް އެންމެ ގިނައިން ޚަރަދުކުރެވޭ ޑޮލަރުގެ މިންވަރު އިތުރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައި، އަންގަވައިފިއެވެ. ރައީސްގެ މި ނިންމެވުން ޢާންމުކުރައްވާފައިވަނީ، އެ މަނިކުފާނު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ.
މިއަދު އެކްސްގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ކްރެޑިޓް ކާޑުތަކުގެ ޑޮލަރު ލިމިޓު ބޮޑުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، 1 ފެބްރުއަރީ 2026އިން ފެށިގެން، ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑްތަކުގެ ޑޮލަރު ލިމިޓު އިތުރުކުރެވިގެންދާނެ ކަމަށެވެ. މި ކަމުގެ ތަފްޞީލު ބަޔާންކުރައްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްގެ ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1400 ޑޮލަރަށް އިތުރުކުރެވިގެންދާނެ ކަމަށެވެ. އަދި އެ ބޭންކުގެ ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް، އަދި ޕްލެޓިނަމް ކާޑުގެ ލިމިޓް 1500 ޑޮލަރުން 2000 ޑޮލަރަށް ބޮޑު ކުރެވިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
2026ވަނަ އަހަރުގެ ފެށޭކޮޅުގައި، ބޭންކް ކާޑުތަކުގެ ޑޮލަރު ލިމިޓް 1400އަށް އިތުރުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ކަމެކެވެ. މި ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން މި ދިޔަ އަހަރުގެ ނޮވެންބަރު މަހު ބޭއްވި ޚާއްޞަ ޖަލްސާގައި ރައީސް ވަނީ މި ކަމުގެ މައްޗަށް އަލި އަޅުއްވާލައްވާފައެވެ. ރައީސް އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ޑޮލަރުގެ މައްސަލަ ޙައްލުކުރުމަކީ އެ މަނިކުފާނުގެ ސަރުކާރުން ޚާއްޞަ އަހަންމިއްޔަތެއް ދެއްވާ ކަމެއް ކަމަށެވެ. މި ސިޔާސަތުގެ ދަށުން، ކްރެޑިޓް ކާޑުތަކުގެ ޑޮލަރު ރޭޓު އިތުރުކުރައްވާނެ ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
އަޅުގަނޑުމެން ޖެނުއަރީން ފެށިގެން ގޮސް 2026ވަނަ އަހަރުގެ ފުރަތަމ ކުއަރޓަރ ނިމޭ ޙިސާބަށް ދާ އިރަށް، ސަސްޓެއިން ކުރެވޭ ގޮތަށް ޑޮލަރު މާރުކުރާ ކަމަށްވަންޏާ، 1400 ޑޮލަރާ ހަމަޔަށް ކްރެޑިޓް ކާޑުގެ ލިމިޓް ބޮޑުކޮށްދޭނަަންް.
މި ދިޔަ ނޮވެންބަރު މަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވިއެވެ.
ރައީސްގެ މި ވަޢުދުފުޅު ތަންފީޛުވުމާ ގާތްވެފައިވާ އިރު، މި ނިންމެވުމަކީ ދިވެހި އިޤުތިޞާދަށް ލިބޭ އިތުރު ކުރިއެރުމަކަށް ވެގެން ދާނެއެވެ. އަދި ޢާންމު ފަރުދުންނަށް މާލީ މުޢާމަލާތްތައް ކުރުމުގައި ލިބޭ މުހިންމު ފަހިކަމަށް ވެގެން ދާނެއެވެ.
ކްރެޑިޓް ކާޑް އިން މަހަކު ބޭނުންކުރެވޭ ޑޮލަރު ލިމިޓު ބޮޑު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، 1 ފެބްރުއަރީ 2026 އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް ގެ ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1400 ޑޮލަރަށް، ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް، އަދި…
— Dr Mohamed Muizzu (@MMuizzu) September 29, 2025