ޚަބަރު
އުދައްޔު މަރާލި މައްސަލައިގައި ކުށް ޘާބިތުވި ޝާމިނާއި މާޒިނަށް މަރުގެ ޙުކުމް އިއްވައިފި

މީގެ ހަތަރު އަހަރު ކުރިން ހިންގި މާރާމާރީގައި މަރާލައިފައިވާ އަޙްމަދު އުދައްޔު

ފަރުދުން
29 ސެޕްޓެމްބަރު 2025، 03:09
29 ސެޕްޓެމްބަރު 2025، 03:09
މީގެ ހަތަރު އަހަރު ކުރިން ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫގައި ހިންގި މާރާމާރީއެއްގައި އެ ރަށު އަޙްމަދު އުދައްޔަށް ތޫނު އެއްޗަކުން ޙަމަލާދީ މަރާލި މައްސަލައިގައި ކުށް ޘާބިތުވި ދެ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްޔެ މަރުގެ ޙުކުމް އިއްވައިފިއެވެ.
އުދައްޔު މަރާލި މައްސަލައިގައި ކުށް ޘާބިތުވެފައިވާ ދެ މީހުންނަކީ: އަޙްމަދު ޝަމީމް (ރިހިފަރުދާގެ/ގއ. މާމެންދޫ) އަދި މުޙައްމަދު މާޒިން (ގުލްފާމްގެ/ގއ. މާމެންދޫ) އެވެ. މި ދެ މީހުންގެ މައްޗަށް ކުށް ޘާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ، މި ދިޔަ އޮގަސްޓު މަހުގެ 25ވަނަ ދުވަހުއެވެ. އެއަށް ފަހު، މައްސަލައިގެ ޙުކުމް އިއްވުން އޮތީ އިއްޔެގައެވެ.
މި މައްސަލައިގައި ވާރިޘުންގެ ބަސް ހޯއްދެވުމަށް ޤާޟީ ސުވާލުކުރެއްވިއެވެ. އުދައްޔުގެ ބައްޕަ ބުނީ، އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ އެންމެ މަތީ އަދަބު ނުވަތަ މަރަށް މަރު ހިފުމުގެ އަދަބު ދޭން ބޭނުންވާ ކަމަށެވެ. އަދި އުދައްޔުގެ މަންމަ ބުނީ، މާރާމާރީ ހިނގި ގޮތް ތެދު ބަހުން ކިޔައިދީފި ނަމަ މަޢާފު ދެވިދާނެ ކަމަށެވެ. ނަމަވެސް، ކަމުގައި ވަކި ގޮތެއް އިޚުތިޔާރުކުރުމަށް ޤާޟީ އެންގެވުމުން، މަންމަ ވެސް ވަނީ ޤިޞާޞް ހިފުމަށް އެދިފައެވެ. ވީމާ، އުދައްޔު ޤަތުލުކުރި ކަމުގެ ކުށް ޘާބިތުވި ދެ މީހުންނަށް ވެސް މަރުގެ އަދަބު ދިނުމަށް، މައްސަލަ ބެއްލެވި ޤާޟީ ޢަލީ ނަދީމް ވަނީ ނިންމަވާފައެވެ.
މި މައްސަލައިގައި އުއްދަޔު މަރުވުމަށް މެދުވެރިވި ޙަމަލާ ދިން ކަމަށް ބުނަނީ 18 އަހަރު ނުފުރޭ ކުއްޖެކެވެ. އެ ކުއްޖާގެ މައްޗަށް ކުށް ޘާބިތުވާ ކަމަށް މީގެ ތިން އަހަރު ކުރިން ވަނީ ކަނޑައަޅާފައެވެ. އަދި އޭނާގެ މައްޗަށް އޭރު ވަނީ 25 އަހަރު ބަންދުގައި ބެހެއްޓުމަށާއި، މަރުގެ ދިޔައިގެ ގޮތުގައި 1 މިލިއަން ރުފިޔާ ދެއްކުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައެވެ. މި މައްސަލައިގައި އިތުރަށް ދަޢުވާކުރި ޝަރަފު ރަޝީދުގެ މައްޗަށް ޘާބިތުވެފައިވަނީ މާރާމާރީ ހިންގުމުގެ ކުށް އެކަންޏެވެ.