ދުނިޔެ

ދުނިޔޭގެ އެންމެ އުސް ބުރިޖު ޗައިނާގައި: ދެ ގަޑި އިރުގެ ދަތުރެއް ދެ މިނެޓަށް!

ދުނިޔޭގެ އެންމެ އުސް ބުރިޖު ޗައިނާގައި: ދެ ގަޑި އިރުގެ ދަތުރެއް ދެ މިނެޓަށް!

ޗައިނާގައ ހުޅުވި ދުނިޔޭގެ އެންމެ އުސް ބުރިޖު.

farudhun logo

ފަރުދުން

30 ސެޕްޓެމްބަރު 2025، 04:48

30 ސެޕްޓެމްބަރު 2025، 04:48

އިއްޔެ ނޫން އިހަށް ދުވަހު ޗައިނާގެ ހުޅަނގުދެކުނުގައި އޮންނަ ގުއިޒޫ ޕްރޮވިންސްގައި ހުޅުވި ހުއަޖިއަންގ ގްރޭންޑް ކެންޔަން ބްރިޖް، ދުނިޔޭގެ އެންމެ އުސް ބުރިޖުގެ ރެކޯޑު އަތުލައިފިއެވެ. ފަރުބަދަ ގިނަ ސަރަޙައްދެއްގައި އަޅާފައިވާ މި ބުރިޖުގެ އުސްމިނުގައި 625 މީޓަރު (2050 ފޫޓު) ހުންނަ އިރު، ބުރިޖު ބިނާކޮށްފައިވަނީ ބެއިޕަން ކޯރުގެ މަތީގައެވެ. މި ބުރިޖު އެޅުމުގެ ކުރިން ދުނިޔޭގެ އެންމެ އުސް ބުރިޖުގެ ލަޤަބު ލިބިފައިވީ ބުރިޖަކީ ހަމަ އެ ކޯރުގެ މަތީގައި އޮންނަ ޑޫޖް ބްރިޖްއެވެ. ޑޫޖް ބްރިޖްގެ އުސްމިނުގައި ހުންނަނީ 565 މީޓަރެވެ.

ޗައިނާގައި އަލަށް ހުޅުވި ހުއަޖިއަންގ ގްރޭންޑް ކެންޔަން ބްރިޖްއަކީ ލިއުޒީ-އަންލޮންގ އެކްސްޕްރެސްވޭގެ ބައެއްގެ ގޮތުގައި ފަރުމާކޮށްފައިވާ ބުރިޖެކެވެ. މި ބުރިޖު އެޅުމުގެ މަޤުޞަދަކީ، ދަތުރުކުރަން އުނދަގޫ އެ ސަރަޙައްދުގައި، ދުއްވާ އުޅަނދުފަހަރަށް ފަސޭހަކަމާ އެކު އިންތިޤާލުވެވޭ ގޮތް ފަހިކުރުމެވެ. ހުއަޖިއަންގ ގްރޭންޑް ކެންޔަން ބްރިޖްގެ ދިގުމިނުގައި ޖުމުލަ 2890 މީޓަރު ހުރުމާ އެކު، އެ ބުރިޖަކީ ދުނިޔޭގެ އެންމެ ދިގު ބުރިޖުތަކުގެ ތެރޭގައި ވެސް ހިމެނިގެންވާ ބުރިޖެކެވެ. ތިން އަހަރުގެ މުއްދަތެއްގައި އިންޖިނޭރުން އެ ބުރިޖު ފަރުމާކުރި އިރު، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

ހުއަޖިއަންގ ގްރޭންޑް ކެންޔަން ބްރިޖް އެޅުމުގެ ޚަރަދު ގާތްގަނޑަކަށް 280 މިލިޔަން ޑޮލަރަށް އަރައެވެ. ބުރިޖު ބިނާކުރި ސަރަޙައްދުގެ ޤުދުރަތީ ޙާލަތާއި، ބުރިޖު ބިނާކުރި އުސްމިނުގެ ސަބަބުން ކުރިމަތިވި ގަދަ ވައިރޯޅިތަކަކީ، މި މަސައްކަތުގައި ކުރިމަތިވި ބައެއް ގޮންޖެހުންތަކެވެ. ބުރިޖުގެ ޢަމަލީ މަސައްކަތް ފުރިހަމަވުމާ އެކު، ޢާންމުންނަށް ބުރިޖު ހުޅުވާލުމުގެ ކުރިން، ސަލާމަތްތެރިކަން ކަށަވަރުކުރުމަށް "ލޯޑް ޓެސްޓެއް" ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޓެސްޓުގެ ތެރެއިން، ޖުމުލަ 3300 ޓަނުގެ ބަރުދަން ހުންނަ 96 ޓްރަކް ވަނީ ބުރިޖު މަތީގައި ބާއްވާފައެވެ. އެ ކަމުގެ ސަބަބުން ބުރިޖަށް ގެއްލުމެއް ނުވުމުން، ބުރިޖުގެ ސަލާމަތީ އިމްތިޙާނު ކާމިޔާބުވީއެވެ.

މި ބުރިޖު ހުޅުވުމުގެ ކުރިން، ހުއަޖިއަންގ ގްރޭންޑް ކެންޔަން ސަރަޙައްދުގެ އެއް ކޮޅުން އަނެއް ކޮޅަށް ހުރަސްކުރުމަކީ ދެ ގަޑިއެއް ހައި އިރު ނަގާ ދިގު ދަތުރެކެވެ. ފަރުބަދަމަތީގެ މަގުތަކުން ދަތުރުކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް މިހާރު ހުއަޖިއަންގ ގްރޭންޑް ކެންޔަން ބްރިޖް ތަޢާރަފުވުމުން، އެންމެ ދެ މިނެޓު ތެރޭގައި އެ ރާސްތާ ކަޑައްތުކޮށްލެވެއެވެ. މިއާ އެކު، ޗައިނާގެ ފަތުރުވެރިކަމާއި އިޤުތިޞާދުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް މާހިރުން ލަފާކުރައްވައެވެ.

ފަހުގެ ތާރީޚެއްގައި، ޗައިނާގެ ގުއިޒޫ ޕްރޮވިންސަކީ ބުރިޖުތައް ފަރުމާކުރުން އިތުރުވަމުން އަންނަ ސަރަޙައްދެއް ކަން ފާހަގަކޮށްލެވެއެވެ. އެ ޕްރޮވިންސުގެ ފަރުބަދަތަކާއި ބިމުގެ އުސްއަޑިކަމުގެ ސަބަބުން ދަތުރުފަތުރުގައި ކުރިމަތިވާ ދަތިތަކަށް ނިމުމެއް ގެނައުމަށް، އެ ސަރަޙައްދުގައި ގިނަ ބުރިޖުތަކެއް ޤާއިމުކުރެވިފައިވެއެވެ. ނަމަވެސް، އަލަށް ހުޅުވި ހުއަޖިއަންގ ގްރޭންޑް ކެންޔަން ބްރިޖްއަކީ އެ ސަރަޙައްދުގެ އިތުރުން، މުޅި ޗައިނާގެ ޢުމްރާނީ ތަރައްޤީގައި ވެސް ފާހަގަކޮށްލެވޭ އެންމެ ފަހުގެ މަޝްރޫޢެވެ. މި ކަމުން ދައްކުވައިދެނީ، ތަރައްޤީއާއި ތަމައްދުނު ގެނުވަން އެންމެ އުނދަގޫ ސަރަޙައްދުތަކުގައި ވެސް، ޗައިނާއިން ޒަމާނީ ކުލަތައް ޖައްސަމުންދަނީ ހުޝިޔާރުކަމާ އެކުގައި ކަމެވެ.

ހުއަޖިއަންގ ގްރޭންޑް ކެންޔަން މިހާރު ޢާންމުންނަށް ހުޅުވާލާފައިވާ އިރު، އެ ބުރިޖަކީ ދަތުރުފަތުރުގެ މުހިންމު ވަސީލަތެއްގެ އިތުރުން، ޗައިނާގެ ހަލުވި ތަރައްޤީއާއި ކުޅަދާނަ އުފެއްދުންތެރިކަމުގެ ކުލަގަދަ ރަމްޒެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން