ދުނިޔެ

ޑޮކުޓަރުންގެ އަތުލިޔުން ރަނގަޅުކުރުމަށް އިންޑިޔާ ހައިކޯޓުން އަމުރުކޮށްފި!

ޑޮކުޓަރުންގެ އަތުލިޔުން ރަނގަޅުކުރުމަށް އިންޑިޔާ ހައިކޯޓުން އަމުރުކޮށްފި!

މި ދިޔަ އަހަރު އިންޓަރނެޓުގައި ދައުރުވި އިންޑިޔާގެ ޑޮކުޓަރެއްގެ ބޭސް ސިޓީއެއް.

farudhun logo

ފަރުދުން

01 އޮކްޓޯބަރު 2025، 03:27

01 އޮކްޓޯބަރު 2025، 03:27

ބަވަނަވެފައިވާ މި ޒަމާނުގައި، އަތުން ލިޔުމުގެ ބަދަލުގައި ގިނަ މީހުން އިޚުތިޔާރުކުރަނީ ޓައިޕުކުރުމެވެ. ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައި ޑޮކުޓަރުން ވެސް މިހާރު ޢަމަލުކުރަނީ މި ގޮތުގެ މަތިންނެވެ. ނަމަވެސް، ތަރައްޤީގެ އެންމެ ފުރިހަމަ މަރުޙަލާތަކަށް ވާޞިލުވެފައިނުވާ ބައެއް ޤައުމުތަކުގައި، ޑޮކުޓަރުން އަތުން ލިޔުމަކީ އަދިވެސް ވަރަށް ޢާންމު ކަމެކެވެ. މި ގޮތުން، ޑޮކުޓަރުންގެ އަތުލިޔުމަކީ އޮޅުންބޮޅުންކޮށް، ލިޔެފައިވާ އެއްޗެއް ކިޔަން އުނދަގޫވާ ފަދަ ލިޔުމެއް ކަމަށް ގިނަ ބަޔަކު ޖޯކުޖަހައެވެ. ނަމަވެސް، އިންޑިޔާގެ ޕަންޖާބް އެންޑް ހަރްޔާނާ ހައިކޯޓުން މި ފަހަކުން ނެރުނު އަމުރަކުން، ޑޮކުޓަރުންގެ އަތުލިޔުން ރީތިކުރުމުގެ މުހިންމުކަން ހާމަވެގެން ހިނގައްޖެއެވެ. އެ ކޯޓުން ބުނެފައިވާ ގޮތުގައި، ޑޮކުޓަރުންގެ ކިޔަން އުނދަގޫ އަތުލިޔުމަކީ ބޮޑެތި ގެއްލުންތަކަށް މަގުފަހިވެދާނެ ކަމެކެވެ. މި ކަމުގެ ސަބަބުން ބައެއް ބަލި މީހުން މަރާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވެސް އެ ކޯޓުން ދަޢުވާކޮށްފައިވެއެވެ.

މި ކަން އެ ކޯޓުގެ ސަމާލުކަމަށް އައީ، ރޭޕާއި، އޮޅުވާލުން ހިމެނޭ މައްސަލައެއް ތަޙުޤީޤުކުރުމުގެ ތެރެއިންނެވެ. މި މައްސަލަ ހުށަހެޅި އަންހެން މީހާ ބުނީ، ސަރުކާރު ވަޡީފާއެއް ދޭނެ ކަމަށް ވަޢުދުވެ، ފިރިހެނަކު އޭނާ އަތުން ފައިސާ ނަގާފައިވާ ކަމަށެވެ. އެއަށް ފަހު، އޭނާއާ އެކު އެ ފިރިހެން މީހާ ފޭކު އިންޓަރވިޔުތަކެއް ކުރިއަށް ގެންގޮސް، އެންމެ ފަހުން އޭނާއަށް ޖިންސީ ގޮތުން އަނިޔާކޮށްފައިވާ ކަމަށް އެ އަންހެނާ ވަނީ ދަޢުވާކޮށްފައެވެ. ނަމަވެސް، މި ދަޢުވާތަކަށް ފިރިހެން މީހާ އިންކާރުކުރިއެވެ. މި މައްސަލަ ބެލުމުގެ ތެރޭގައި، އިންޑިޔާގެ ސަރުކާރު ހޮސްޕިޓަލެއްގެ ޑޮކުޓަރަކު އެ އަންހެނާގެ ޞިއްޙީ ޙާލަތާ މެދު ލިޔެފައިވާ ރިޕޯޓެއް ގެނައި އިރު، އެ ރިޕޯޓުން އެއްވެސް އެއްޗެއް ޤާޟީއަކަށް އޮޅުން ފިލާ ގޮތެއް ނުވިއެވެ. މައްސަލައިގައި ޙުއްޖަތެއްގެ ގޮތުގައި ބޭނުންކުރަންވެފައި އޮތް އެ ރިޕޯޓުގައިވާ އަތުލިޔުމުގެ ހުތުރުކަމުން، "މުޅި ކޯޓަށް ޙައިރާންކަން ގެނުވި" ކަމަށް މައްސަލަ ބެއްލެވި ޤާޟީ، ޖަސްގުރްޕްރީތް ސިންގް ޕޫރީ ވަނީ ހާމަކުރައްވާފައެވެ. ޤާޟީ ޖަސްގުރްޕްރީތް ވިދާޅުވީ، ޓެކުނޮލޮޖީ ކުރިއަރާފައިވާ މި ފަދަ ޒަމާނެއްގައި، ކިޔަން ނޭނގޭ އަތުލިޔުމުން މި ތަކެތި ލިޔާ ކަމީ ޢަޖާއިބެއް ކަމަށެވެ. 

މި ކަމުގެ ސަބަބުން މައްސަލަ ބެލުމުގައި ކުރިމަތިވި ދަތިތަކާ ހުރެ، ޞިއްޙީ ދާއިރާގެ ތަޢުލީމީ ކޯސްތަކުގައި އަތުލިޔުމުގެ ކުލާސްތައް ހިމެނުމަށް ހައިކޯޓުން ވަނީ ގޮވާލާފައެވެ. އަދި މިއާ އެކު، ކުރިއަށް އޮތް ދެ އަހަރު ދުވަސް ތެރޭގައި، ޑޮކުޓަރުން ސުމޭކު (ޑިޖިޓަލް) ނިޡާމެއްގެ ތެރެއަށް ވެއްދުމަށް ކޯޓުން ވަނީ އިންޑިޔާ ސަރުކާރަށް އިލްތިމާސްކޮށްފައެވެ. މި ކަން ޙާޞިލުވަންދެން، ޑޮކުޓަރުން ލިޔަން ޖެހޭނީ ކިޔަން ފަސޭހަ ފަދަ ލިޔުމަކުން ކަމަށް ވެސް ކޯޓުން ބުނެއެވެ.

ޑޮކުޓަރުންގެ ނުޞާފު އަތުލިޔުމަކީ އިންޑިޔާއާއި، އަދި މުޅި ދުނިޔޭގައި ވެސް މަޝްހޫރު ކަމެކެވެ. ބައެއް މީހުން މަޖަލަކަށް ހަދާފައި، ޑޮކުޓަރުންގެ ލިޔެކިޔުންތައް ކިޔަން އެނގޭނީ ހަމައެކަނި ފާމަސިސްޓުންނަށް ކަމަށް ބުނެއެވެ. ނަމަވެސް ޙަޤީޤަތުގައި މިއީ ވަރަށް ނުރައްކައުތެރި ކަމެކެވެ. ޑޮކުޓަރުންގެ ލިޔުންތައް އޮޅުންބޮޅުންވުމުގެ ސަބަބުން، ނުބައި ބޭސަތައް ދެވިފައި ހުރި ޙާލަތްތައް ވެސް މަދެއް ނޫނެވެ. މި ކަމުގެ ސަބަބުން ބައެއް ބަލި މީހުންނަށް ޞިއްޙީ ގެއްލުންތައް ވެސް ލިބިފައި އެބަ ހުއްޓެވެ.

ޑޮކުޓަރުންގެ އަތުލިޔުމުގެ މައްސަލައަށް ޙައްލެއް ގެނައުމަށް ކުރިން ވެސް ވަނީ މަސައްކަތްތަކެއް ކުރެވިފައެވެ. މި ގޮތުން، ބޮޑުއަކުރުން ރީތިކޮށް ބޭސްތަކުގެ ނަންތައް ލިޔުމަށް 2016ވަނަ އަހަރު އިންޑީޔާގެ މެޑިކަލް ކައުންސިލުން އެންގިއެވެ. އަދި 2020ވަނަ އަހަރު، މި ޤަވާޢިދާ ޚިލާފުވާ ޑޮކުޓަރުންނާ މެދު ޞިއްޙީ ނިޡާމުގެ ބާރުވެރި ފަރާތްތަކުން ފިޔަވަޅު އެޅިދާނެ ކަމަށް އިންޑިޔާ ސަރުކާރުން ހާމަކުރިއެވެ. އެހެނެއް ކަމަކު، ކިޔަން ނޭނގޭ ބޭސް ސިޓީތައް އަދި ވެސް ޢާންމު ކަމަށް އިންޑީޔާގެ ފާމަސިސްޓުން ޝަކުވާކުރެއެވެ.

އަތުލިޔުން ކިޔަން ނޭނގުމުގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމަށް ޑޮކުޓަރުން އިޢުތިރާފުވާ އިރު، މި ކަމަކީ މުޅިން ރަނގަޅުކުރަން އުނދަގޫ ކަމެއް ކަން ވެސް ފާހަގަކުރަން ޖެހެއެވެ. އިންޑިޔާގެ ސަރުކާރު ހޮސްޕިޓަލުތަކުގައި ތިބޭ ޑޮކުޓަރުންނަށް ރެއަކާއި ދުވާލެއްގެ ތެރޭގައި ވަރަށް ގިނަ ބަލި މީހުން ބަލަން ޖެހެއެވެ. ވަޤުތު ސަލާމަތްކުރަން އުޅުމުގެ ސަބަބުން، ކޮންމެ ފަހަރަކު ރީތިކޮށް ލިޔުމަކީ ތުރާލެއް ކަމަށް ބައެއް ޑޮކުޓަރުން ބުނެއެވެ. ނަމަވެސް، އިންޑީޔާގެ ތަރައްޤީވަމުން އަންނަ ސިޓީތަކުގައި މިހާރު ވަނީ ސުމޭކު ވަސީލަތްތައް އިސްތިޢުމާލުކުރަން ފަށާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން