ސައިންސް
އެންމެ އޮލަ ދިޔާ މާއްދާ: ތިއްކެއް ޖެހީ 8 އަހަރު ފަހުން!

ޕިޗް ޑްރޮޕް އެކްސްޕެރިމެންޓް.
އޮސްޓްރޭލިޔާގެ ޔުނިވަރސިޓީއެއްގެ ކޮޓަރިއެއް ތެރޭގައި، ވަރަށް ދުވަސްވީ ޢިލްމީ ތަޖުރީބެއް (ސަޔެންސް އެކްސްޕެރިމެންޓެއް) އަދި ވެސް ކުރިއަށް އެބަ ދެއެވެ. މި ތަޖުރީބަށް 100 އަހަރު ވާން ގާތްވެފައިވާ އިރު، ތަޖުރީބުގެ ނަމަކީ "ޕިޗް ޑްރޮޕް އެކްސްޕެރިމެންޓް"އެވެ. 1927ވަނަ އަހަރު މި ތަޖުރީބު ފައްޓާފައިވަނީ، ޔުނިވަރސިޓީ އޮފް ކުއީންސްލެންޑުގެ ޕްރޮފެސަރެއް ކަމުގައިވާ ތޯމަސް ޕަރނެލްއެވެ. މި ތަޖުރީބުގެ މަޤުޞަދަކީ، "ޕިޗް" ނަމަކަށް ކިޔާ ކަޅު އަނދިރި މާއްދާއަކީ ދިޔާ އެއްޗެއް ކަން ކަށަވަރުކޮށްދިނުމެވެ.
ޕިޗް އަކީ ޕެޓްރޯލިޔަމުން އުފެދިފައިވާ ވަރަށް އޮލަ، ހަރު މާއްދާއެކެވެ. ޢާންމު ފިނިހޫނުމިނުގައި، ޕިޗް ހީވަނީ ހަރު އެއްޗެއް ހެންނެވެ. މަރުތޭލުން ޖަހައިލުމުން، ބިއްލޫރިކޮޅެއް ހެން ފުނޑުފުނޑުވެގެން ދެއެވެ. އެކަމަކު، ވަރަށް ގިނަ ދުވަސް ވަންދެން ބޭންދުމުން، އެއީ ޙަޤީޤަތުގައި ހަރު އެއްޗެއް ނޫން ކަން ކަށަވަރުވާނެ ކަމަށް ޕްރޮފްސަރ ތޯމަސް ޤަބޫލުކުރިއެވެ. މި ތަޖުރީބު ޚާއްޞަވާ ކަމަކީ މިއީއެވެ.
ތަޖުރީބު ފެއްޓުމަށްޓަކައި، ޕްރޮފެސަރ ތޯމަސް ކުރި ކަމަކީ، ޕިޗް ކޮޅެއް ދިޔާކުރަން ހޫނުކޮށްލާފައި، ކޮޅު ބައްދާފައިވާ ބިއްލޫރި ފަނަލްއަކަށް އަޅާލީއެވެ. އަޅާފައި، އެ ޕިޗް ހަރުވާން ތިން އަހަރު ވަންދެން ބޭންދީއެވެ. ތިން އަހަރު ވުމުން، ޕިޗް ހުރީ ރަނގަޅަށް ހަރުވެފައެވެ. އެ ޙިސާބުން ޕްރޮފެސަރ ކުރި ކަމަކީ، ފަނަލްގެ ކޮޅު ކަނޑާލައި، ތިކި ތަޅަން ބޭންދީއެވެ. އޭރުއްސުރެ އަދާ ހަމައަށް މިވީ 90އަށް ވުރެ ގިނަ އަހަރު ތެރޭގައި، އެ ޕިޗުން ތިކިތެޅީ އެންމެ 9 ތިއްކެވެ. އެންމެ ފުރަތަމަ ތިކި ވެއްޓެން 8 އަހަރު ނެގިއެވެ. އެންމެ ފަހުން ވެއްޓުނު ތިކި (9ވަނަ ތިކި) ވެއްޓުނީ 2014ވަނަ އަހަރުގެ އޭޕްރިލްގައެވެ:
The 9th drop touched down on April 12, 2014. pic.twitter.com/6sMnKoWujg
— Nurse bby (@Nrs_Riri) January 29, 2024
ޔުނިވަރސިޓީ އޮފް ކުއީންސްލެންޑުގައި ކުރިއަށްދާ މި ތަޖުރީބުގައި، ތިއްކެއް ވެއްޓޭ ތަނެއް އެއްވެސް މީހެއްގެ ލޮލަށް ކުރިން ފެނިފައި ނުވެއެވެ. ފެންނަނީ ތިކި ވެއްޓިފައި އޮއްވައެވެ. އެންމެ ފަހުން، ސަޔެންޓިސްޓުން ވަނީ ކެމެރާތައް ހަރުކޮށް، ވީޑިޔޯ ކުރެވޭ ގޮތް ހަދާފައެވެ. މި ގޮތުގެ މަތިން، 9ވަނަ ތިކި ވެއްޓޭ ވީޑިޔޯ އަވަސްކޮށްލާފައިވަނިކޮށް މަތީގައި އެވަނީއެވެ. އަދި އަޔަރލެންޑުގައި މި ފަދަ އެހެން ތަޖުރީބެއް ކުރިއަށް ގެންގޮސް، 2013ވަނަ އަހަރު ތިއްކެއް ވެއްޓޭ ތަން ތަޞްވީރުކުރިއެވެ. އެ ކަން ވެގެން ދިޔައީ އޭރުގެ އިންޓަރނެޓުގައި ވަރަށް މަޝްހޫރު ކަމަކަށެވެ.
ޕިޗްގެ އޮލަކަމުން، ޕިޗް އޮހޭ ހަލުވިމިނަކީ ފެން އޮހޭ ހަލުވިމިނަށް ވުރެ 200 ބިލިޔަން ގުނަ ލަސް ދުވެއްޔެކެވެ. މި ތަޖުރީބުން ޔަޤީންވަނީ، ހަރު އެއްޗެހި ކަމަށް އަހަރެމެންނަށް ހީވާ ބައެއް އެއްޗެއްސަކީ ޙަޤީޤަތުގައި ވަރަށް އޮލަ ދިޔާ ތަކެތި ކަމެވެ.
ކުއީންސްލެންޑުގައި ހިނގާ ޕިޗް އެކްސްޕެރިމެންޓުގެ އަދުގެ ޙާލަތަށް ބަލާ އިރު، މިހާރު ފައިބަމުންދާ ތިކި ވެއްޓޭނީ ސީދާ ކިހައި އިރަކު ކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ. ނަމަވެސް، އެ ތިކި ވެއްޓުމަށް ދެން މާ ގިނަ އަހަރުތަކެއް ނުނަގާނެ ކަމަށް ސަޔެންސްވެރީން ލަފާކުރެއެވެ. ޕިޗް ޑްރޮޕް އެކްސްޕެރިމްނެޓުގެ މަޝްހޫރުކަމުން، އެ ތަޖުރީބުގެ އަދާ ހަމަ ހޯދާ ބަލާ ވަރަށް ގިނަ މީހުން އުޅެއެވެ. ވީމާ، ކުއީންސްލެންޑް ޔުނިވަރސިޓީން މި ތަޖުރީބު މިހާރު ވެސް މެދުނުކެނޑި ލައިވް ސްޓްރީމް ކުރަމުން ގެންދެއެވެ.