ދުނިޔެ

ސްނެޕްޗެޓުގައި ކުރީގެ ތަޞްވީރުތައް ބެހެއްޓުމަށް ފައިސާ ދައްކަން ޖެހޭ ގޮތް ހަދަނީ!

ސްނެޕްޗެޓުގައި ކުރީގެ ތަޞްވީރުތައް ބެހެއްޓުމަށް ފައިސާ ދައްކަން ޖެހޭ ގޮތް ހަދަނީ!

ސްނެޕްޗެޓް ލޯގޯ.

farudhun logo

ފަރުދުން

01 އޮކްޓޯބަރު 2025، 05:03

01 އޮކްޓޯބަރު 2025، 05:03

ސްނެޕްޗެޓުގައި ކުރީގެ ފޮޓޯތަކާއި ވީޑިޔޯތައް 5 ޖީ.ބީ.އަށް ވުރެ ގިނަވާ މިންވަރަށް ސޭވްކޮށްފައިވާ ނަމަ، އެ ތަޞްވީރުތައް ބެހެއްޓުމަށް ފައިސާ ދައްކަން ޖެހޭ ގޮތަށް ނިންމާފައިވާ ކަމަށް ސްނެޕްޗެޓުން ހާމަކޮށްފިއެވެ. 2016ވަނަ އަހަރު ސްނެޕްޗެޓް ތަޢާރަފުކުރީއްސުރެ، އެ އެޕްލިކޭޝަންގެ "މެމޮރީޒް" ފީޗަރގެ ދަށުން، ކުރީގެ ތަޞްވީރުތައް ހިލޭ ރައްކައުކޮށްފައި ބެހެއްޓެއެވެ. ނަމަވެސް، މި ކަން ބަދަލުކުރުމަށް ސްނެޕްޗެޓުން މިހާރު ވަނީ ނިންމާފައެވެ.

އަޞްލެއްގެ ގޮތުން 24 ގަޑި އިރު ތެރޭގައި ފުހެވިގެންދާ ތަޞްވީރުތައް، ދާއިމީ ގޮތެއްގައި ރައްކައުކުރުމަށް މެމޮރީޒް ފީޗަރ އަންނަނީ ބޭނުންކުރަމުންނެވެ. ސްނެޕްޗެޓް ބޭނުންކުރާ ފަރާތްތަކުން، އެ މީހުންގެ މެމޮރީޒްގައި އެތައް އަހަރެއްގެ ފޯޓޮއާއި ވީޑިޔޯ ސޭވްކޮށްފައި ހުންނާނެއެވެ. އެކަމު މިހާރު ކަނޑައަޅާފައިވާ ގޮތުން، އެ ތަކެތީގެ ޑޭޓާ 5 ޖީ.ބީ.އަށް ވުރެ އިތުރު ނަމަ، އެ ތަޞްވީރުތައް މެމޮރީޒްގައި ބެހެއްޓުމަށް ފައިސާ ދައްކަން ޖެހޭނެއެވެ. 

ސްނެޕްޗެޓުން ބުނީ، މި ބަދަލު ދުނިޔޭގެ އެކި ޤައުމުތަކުގައި މަޑުމަޑުން ތަންފީޛުކުރަމުން ދާނެ ކަމަށެވެ. ސްނެޕްޗެޓްގެ ކުންފުނީ ތަރުޖަމާނެއް ކަށަވަރުކޮށްދެއްވާފައިވާ ގޮތުގައި، އެންމެ ކުޑަ ޕްލޭން (ބޭސިކް ޕްލޭން)ގެ އަގަކީ ގާތްގަނޑަކަށް މަހަކު 1.99 ޑޮލަރެވެ. މި ޕްލޭންގެ ދަށުން 100 ޖީ.ބީ. ލިބޭނެއެވެ. އިތުރު ސްޓޯރޭޖް ބޭނުންވާ ނަމަ، 250 ޖީ.ބީ.ގެ ސްޓޯރޭޖް 3.99 ޑޮލަރަށް ލިބޭނެކަމަށް ވެސް ތަރުޖަމާނު މަޢުލޫމާތު ދެއްވިއެވެ.

ސްނެޕްޗެޓްގެ މައި ކުންފުނި ކަމުގައިވާ "ސްނެޕް"އިން މި ޕްލޭންތަކުގެ އަގުތައް ބައިނަލްއަޤްވާމީ ފެންވަރުގައި އަދި ޢާންމުކޮށްފައިނުވާ އިރު، މި ބަދަލު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތަޢާރަފުވަމުން ދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ޕްލޭންތަކަށް ފައިސާ ދައްކަން ބޭނުންނުވާ ފަރާތްތަކަށް، ސްނެޕްޗެޓުން 12 މަސް ދުވަހުގެ ވަޤުތީ ސްޓޯރޭޖެއް ދޭނެއެވެ. މި މުހުލަތުގެ ތެރޭގައި، ސްނެޕްޗެޓް ބޭނުންކުރާ ފަރާތްތަކަށް، މެމޮރީޒްގައި ސޭވްކޮށްފައި ހުރި ފޮޓޯތަކާއި ވީޑިޔޯތައް ޑައުންލޯޑްކޮށް، އަމިއްލަ ޑިވައިސްއަށް ސޭވްކޮށްލެވޭނެއެވެ. ސްނެޕްޗެޓްގެ ހިލޭ ލިމިޓު (5 ޖީ.ބީ.)އަށް ވުރެ އިތުރުވާ ނަމަ، ޔޫޒަރުންނަށް އެ ކަން އެޕް މެދުވެރިކޮށް އެންގޭނެއެވެ.

ސްނެޕް ކުންފުނިން ކުރި ބްލޮގް ޕޯސްޓެއްގައި ބުނީ، ކުރިން ހިލޭ ދެމުން އައި ޚިދުމަތަކަށް ފައިސާ ދައްކަން އެދުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. ނަމަވެސް، ކުންފުނީގެ ކުރިއެރުމަށްޓަކައި މިއީ މުހިންމު ފިޔަވަޅެއް ކަމަށް ސްނެޕުން ބުނެއެވެ. ސްނެޕުން ހާމަކޮށްފައިވާ ގޮތުގައި، ސްނެޕްޗެޓްގައި މެމޮރީޒް ފީޗަރ ތަޢާރަފުކުރީއްސުރެ، އަދާ ހަމައަށް 1 ޓްރިލިއަން ތަޞްވީރު އެ އެޕުގެ ޔޫޒަރުން ސޭވްކޮށްފައިވެއެވެ.

ސްނެޕުން ބުނީ، ސްނެޕްޗެޓް ބޭނުންކުރާ ގިނަ ޔޫޒަރުންނަށް މި ނިންމުމުން ގެއްލުން ނުވާނެ ކަމަށެވެ. ސަބަބަކީ، ގިނަ ޔޫޒަރުންގެ މެމޮރީޒް 5 ޖީ.ބީ.އަށް ވުރެ އިތުރެއް ނޫނެވެ. ނަމަވެސް، ސްނެޕުން ނިންމި މި ނުންމުމަށް އިޖުތިމާޢީ ވިޔުގަތަކުގައި ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މިއީ ވަރަށް "މުށްބާރު" ނިންމުމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާ އިރު، ސްނެޕްޗެޓް ބޭނުންކުރަމުން އައި މައިގަނޑު މަޤުޞަދަކީ ވެސް އެ އެޕްލިކޭޝަން ހިލޭ ބޭނުންކުރެވުން ކަމަށް ގިނަ ބަޔަކު ވަނީ ކޮމެންޓުކޮށްފައެވެ.

މި ފާޑުކިޔުންތަކާ އެކު ވެސް، އިޖުތިމާޢީ ގިނަ ވިޔުގަތަކަށް ފައިސާ ނެގުން ޢާންމު ކަމަކަށް ވާނެ ކަމަށް މާހިރުން ލަފާކުރައްވައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން