ދުނިޔެ
ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އައިސް، 69 މީހުން މަރުވެއްޖެ

ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމުގެ ނަތީޖާ.

ފަރުދުން
01 އޮކްޓޯބަރު 2025، 05:20
01 އޮކްޓޯބަރު 2025، 05:20
ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އައިސް، 69 މީހުން މަރުވެއްޖެއެވެ. އެ ޤައުމުގެ މެދުތެރޭ ސަރަޙައްދުތަކަށް އައި ބިންހެލުން ރެކޯޑު ކުރެވިފައިވަނީ ރިކްޓަރ މިންގަނޑުން 6.9ގައެވެ. ބިންހެލުމާ ގުޅިގެން ފިލިޕީންސަށް ނުރައްކައުތެރި ގެއްލުންތަކެއް ލިބިފައިވާ އިރު، ގެދޮރާއި ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުވެފައި ތިބި މީހުން ސަލާމަތްކުރުމަށާއި، ކަރަންޓާއި ފެނުގެ ޚިދުމަތް ކެނޑިފައިވާ ސަރަޙައްދުތަކަށް އެ ޚިދުމަތްތައް އަލުން އިޢާދަކުރުމަށް ކަމާ ގުޅޭ އިދާރާތަކުން ދަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.
ފިލިޕީންސްގެ ކަމާ ގުޅޭ އިދާރާތަކުން މަޢުލޫމާތު ދޭ ގޮތުގައި، ބިންހެލުން އައިސްފައިވަނީ ސެބޫ ޕުރޮވިންސުގެ އުތުރުގައި އޮތް ބޮގޯ ސިޓީގެ އައްސޭރިއަށެވެ. އެ ޤައުމުގެ މަދަނީ ސަލާމަތާ ބެހޭ އިދާރާގެ އިސް ބޭފުޅެއް ކަމުގައިވާ ރާފީ އަލެހާންދްރޯ ވިދާޅުވީ، އެ ސަރަޙައްދުގެ ހަސްފަތާލުތަކުގައި ބިންހެލުމުގެ ސަބަބުން ޒަޚަމުވެފައިވާ މީހުންނަށް ފަރުވާދިނުމަށް މަސައްކަތްކުރަމުން ދާ ކަމުގައެވެ. މި ކަމުގައި ހަސްފަތާލުތައް ފުރިފައިވާ ކަމުގައި ވެސް އަލެހާންދްރޯ ވިދާޅުވިއެވެ.
ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު މިހާރު 69އަށް އުފުލިފައިވާ ކަން އެ ޤައުމުގެ މަދަނީ ސަލާމަތާ ބެހޭ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި ހަމައެހެންމެ، އިތުރު 150އެއްހައި މީހުން ޒަޚަމުވެފައިވާ ކަމުގައި އެ އިދާރާގެ އޮފިޝަލަކު ހާމަކުރެއްވިއެވެ. ފިލިޕީންސްގެ ރައީސް ފެރްނާންޑޯ މަރްކޯސް ވިދާޅުވީ، ބިންހެލުމުގެ ސަބަބުން ޙާލުގައި ޖެހިފައިވާ މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައެވެ. މީގެ އިތުރުން، އެހީގެ ކަންކަން ވިލަރެސް ކުރެއްވުމަށް ބިންހެލުން އައި ސަރަޙައްދުގައި ކެބިނެޓުގެ ބައެއް ވަޒީރުން މިހާރު ވެސް ޙަރަކާތްތެރިވެ ވަޑައިގަންނަވަމުން ގެންދަވައެވެ.
ފަތުރުވެރިކަމުގައި މަޤުބޫލު ސަރަޙައްދެއް ކަމުގައިވާ ސެބޫއަކީ 3.4 މިލިޔަން މީހުންގެ އާބާދީއެއް ދިރިއުޅޭ ޙިސާބެކެވެ. ބިންހެލުމުގައި އެ ސަރަޙައްދުގެ ގިނަ ރަށްތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، އެ ސަރަޙައްދުގައި އޮތް މަކްތާން-ސެބޫ ބައިނަލްއަޤްވާމީ ވައިގެބަނދަރުގެ ޚިދުމަތްތައް މެދުކަނޑައިލާފައިނުވާ ކަން ފާހަގަކޮށްލެވެއެވެ.
ބިންހެލުމުގައި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ސެބޫގެ ސަން ރެމީހިއްޔޯ ހިމެނެއެވެ. އެ ރަށުގެ މޭޔަރުގެ ނާއިބު، އަލްފީ ރައިންސް ވަނީ، އެ ރަށުން ކާބޯތަކެއްޗާއި ބުއިމަށް ރައްކައުތެރި ބޯފެން ހުސްވެފައިވާ ކަމުގައި ވިދާޅުވެފައެވެ. ހަމައެހެންމެ، ބިންހެލުމުގައި ގެދޮރު ގެއްލިފައިވާ މީހުންނަށް ކާބޯތަކެއްޗާއި ބޯފެން ފޯރުކޮށްދިނުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ. މީގެ އިތުރުން، ބިމާ ހަމަވެފައިވާ ޢިމާރާތްތަކުގެ ދަށުވެފައިވާ ކަމަށް ބެލެވޭ މީހުން ސަލާމަތްކުރުމުގައި އިތުރު އެހީތެރިކަން ބޭނުންވާ ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އެ ސަރަޙައްދަށް ދަނީ ބޯކޮށް ވާރޭވެހެމުން، ކަރަންޓެއް ވެސް ނެތް، އެހެންވެ ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވޭ، ޚާއްޞަކޮށް ބިންހެލުމުގައި ފެނުގެ ނިޡާމަށް ގެއްލުންވެ، ސާފު ބޯފެން ހުސްވެފައިވާ އުތުރުގެ ސަރަޙައްދުތަކަށް އެހީ ބޭނުންވޭ
އޭނާ ވިދާޅުވިއެވެ.
އެ ރަށުން މަރުވި މީހުންގެ ތެރޭގައި، ބިންހެލުން އައި ވަޤުތު، ބާސްކެޓްބޯޅަ ކޯޓެއްގައި ކުޅެން ތިބި ގިނަ ޢަދަދެއްގެ ބަޔަކު ހިމެނޭ ކަމުގައި ވެސް ރައިންސް ވިދާޅުވިއެވެ. ބިންހެލުމުގައި ބާސްކެޓްބޯޅަ ކޯޓު ހުރި ޢިމާރާތުގެ ބޮޑު ބައެއް ވަނީ ވެއްޓިފައެވެ.
ފިލިޕީންސަކީ އަލިފާން ފަރުބަދަތައް ގިނަ 'ރިންގް އޮފް ފަޔަރ'ގެ ނަން ދެވިފައިވާ ސަރަޙައްދުގައި އޮންނަ ޤައުމެކެވެ. އޭގެ ތެރެއިން ގިނަ އަލިފާން ފަރުބަދައަކީ 'އެކްޓިވް' ނުވަތަ ގޮވުން ޢާންމު ފަރުބަދަތަކެކެވެ. މީގެ އިތުރުން، އެއީ ބިންހެލުންތައް ވެސް ގިނަ ސަރަޙައްދެކެވެ. މި އަހަރުގެ ޖަނަވަރީ މަހު ވެސް އެ ސަރަޙައްދަށް ދެ ބިންހެލުމެއް އައިސްފައިވެއެވެ. ނަމަވެސް، އެ ޙާދިޘާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކައުވެފައެއް ނުވެއެވެ. 2023ވަނަ އަހަރު އައި ރިކްޓަރ މިންގަނޑުން 6.7ގައި ރެކޯޑު ކުރެވިފައިވާ ބިންހެލުމެއްގައި 8 މީހުން މަރުވިއެވެ.