ސައިންސް
ލޭގެ ރެޑް ބްލަޑް ސެލްތަކުގައި ވައި ތަޣައްޔަރުކުރާ މާއްދާތައް ހަރުލާކަން ސައިންސްވެރިން ހޯދައިފި!

ރެޑް ބްލަޑް ސެލްސް
ވައިގެ ތަޣައްޔަރުވުމުން އުފެދޭ ކުދިކުދި މާއްދާތައް، އިންސާނުންގެ ހަށިގަނޑުގައި ލޭ ދައުރުކުރާ ރަތް ސެލްތަކުގައި ހަރުލާކަން ފުރަތަމަ ފަހަރަށް ސީދާ ހެކިތަކާއެކު ހޯދައިފިއެވެ. މިކަމުގެ ސަބަބުން މި މާއްދާތައް ހަށިގަނޑުގެ އެކި ހިސާބުތަކަށް މިނިވަންކަމާއެކު ދަތުރުކުރެވޭކަން ވަނީ ހާމަވެފައެވެ. މި ހޯދުންތަކަކީ ވައިގެ ތަޣައްޔަރުވުމާއި ހަށިގަނޑުގެ ޞިއްޙަތާ ދެމެދުގައިވާ ގުޅުން އިތުރަށް ހާމަކޮށްދޭ މުހިންމު ކަމެކެވެ.
"އީއާރްޖޭ އޯޕަން ރިސާރޗް" (ERJ Open Research) ގައި ޝާއިޢުކޮށްފައިވާ އާ ދިރާސާއެއްގައި، ލަންޑަންގެ ކުއީން މޭރީ ޔުނިވަރސިޓީގެ ޕްރޮފެސަރ ޖޮނާތަން ގްރިގް، ޑރ. ނޮރިސް ލިއު އަދި އެބޭފުޅުންގެ ޓީމުން ވަނީ މި ހޯދުންތައް ހާމަކުރައްވާފައެވެ. މި ދިރާސާއިން ދައްކާ ގޮތުގައި، އުޅަނދުފަހަރުގެ ދުމުންނާއި އެހެނިހެންގޮތަތަކުން އުފެދޭ މި ކުދިކުދި މާއްދާތައް ފަސޭހައިން ފުއްޕާމެޔަށް ވަދެ، އެތަނުން ލޭގެ ރަތް ސެލްތަކުގެ ޒަރީއާއިން ހަށިގަނޑުގެ އެކި ބައިތަކަށް ދަތުރުކުރެއެވެ.
މިހާތަނަށް، ވައި ތަޣައްޔަރުވުމުގެ މާއްދާތައް ސިކުނޑިއާއި ހިތް ފަދަ ނާޒުކު ބައިތަކަށް ފޯރާ ގޮތުގެ ޔަޤީން ހެއްކެއް ނެތެވެ. ނަމަވެސް، މި މާއްދާތައް ސިކުނޑިއާއި ހިތުގައި ހުރުމުން އެ ބަލިތައް ޖެހުމުގެ ފުރުސަތު އިތުރުވާކަމަށް ކުރިން ދައްކާފައިވެއެވެ. މި އައު ދިރާސާއިން ދައްކަނީ ލޭގެ ރަތް ސެލްތައް މި މާއްދާތައް ހަށިގަނޑުގެ އެކި ހިސާބުތަކަށް ގެންގުޅުމަށް އެހީތެރިވެދޭ މައިގަނޑު ވަސީލަތް ކަމެވެ.
މި ދިރާސާގައި ދުޅަހެޔޮ ޞިއްޙަތެއްގައި ތިބި 12 ބޮޑެތި މީހުން ބައިވެރިވިއެވެ. ކޮންމެ މީހަކު 4 ގަޑިއިރު އޮފީސް އިމާރާތެއްގައި ހޭދަކުރުމަށް ފަހު، ލަންޑަންގެ ބާރުބޮޑު މަގެއް ކައިރީގައި 10 މީޓަރުގެ ސަރަހައްދެއްގައި އެއް ގަޑިއިރު ހޭދަކުރިއެވެ. މި މީހުންގައިގަ ހަރުކޮށްފައިހުރި "އޭތަލޯމީޓަރ" ނަމަކަށް ކިޔާ ކުޑަ ވަސީލަތަކުން ވަށައިގެންވާ ވައިގައި ހުރި ތަޣައްޔަރުވުމުގެ މާއްދާތަކުގެ މިންވަރު ވަޒަންކުރެވުނެވެ. މަގު ގައި ވަގުތު ހޭދަކުރުމަށް ފަހު، އެބައިމީހުން އަނެއްކާވެސް އެއް ގަޑިއިރު އޮފީސް އިމާރާތަށް އެނބުރި ދިޔައެވެ. ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 8 މީހުން އެހެން ދުވަހަކު މި ތަޖުރިބާ ތަކުރާރުކުރިއިރު، ނަމަވެސް ދެވަނަ ފަހަރު މިކަން ތަކުރާރުކުރީ އެފްއެފްޕީ2 (FFP2) މާސްކު އަޅައިގެން ތިބެއެވެ.
ދިރާސާކުރާ ފަރާތްތަކުން ވަނީ އޮފީހުގައި 4 ގަޑިއިރު ހޭދަކުރުމަށް ފަހު، އަދި މަގު މަތީގައި އެއް ގަޑިއިރު ހޭދަކުރުމަށް ފަހު އަދި އޮފީހަށް އެނބުރި އައިސް އަނެއް ގަޑިއިރު ހޭދަކުރުމަށް ފަހު މި މީހުންގެ ލޭގެ ސާމްޕަލް ނަގާފައެވެ. މި ސާމްޕަލްތަކުގެ ތަފްޞީލީ ފޮޓޯތައް މައިކްރޮސްކޯޕް ބޭނުންކޮށްގެން ނެގުމަށް ފަހު، ލޭގެ ރަތް ސެލްތަކުގައި ހަރުލާފައި ހުރި ތަޣައްޔަރުވުމުގެ މާއްދާތައް ވަނީ ދެނެގަނެ، އެ މިންވަރު ކަނޑައަޅާފައެވެ.
"އޭތަލޯމީޓަރ" އިން ދެއްކި ގޮތުގައި، މަގުގައި ވައި ތަޣައްޔަރުވުމުގެ މާއްދާތަކުގެ މިންވަރު، އޮފީސް އިމާރާތާ އަޅައިބަލާއިރު ގާތްގަނޑަކަށް ފަސްގުނަ އިތުރެވެ. ލޭގެ ސާމްޕަލްތައް ބެލިއިރު، މަގުމަތީގައި ވަގުތު ހޭދަކުރުމަށް ފަހު މީހުންގެ ލޭގެ ރަތް ސެލްތަކުގައި ތަޣައްޔަރުވުމުގެ މާއްދާތައް ދެގުނަ ނުވަތަ ތިންގުނަ އިތުރުވެފައިވާކަން ފާހަގަވިއެވެ.
ބައެއް މީހުންގެ ހަށިގަނޑުން މި މާއްދާތައް މަދުވިނަމަވެސް، އަނެއް ބައި މީހުންގެ ހަށިގަނޑުގައި އެއަށްވުރެ ގިނައިރު ހުރުމުގެ ސަބަބުން، ވައި ތަޣައްޔަރުވުމާ ހަށިގަނޑު މުޢާމަލާތްކުރާ ގޮތް ތަފާތުވެދާނެކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
މަގު ގައި އެއް ގަޑިއިރު ހޭދަކުރުމަށް ފަހު ލޭގެ ރަތް ސެލްތަކުގެ ކުޑަ ބައެއްގައި (ހާހަކުން ދެތިން ސެލް) މާއްދާތައް ހަރުލާފައި ހުއްޓަސް، ދިރާސާކުރާ ފަރާތްތަކުން ވަނީ، އިންސާނާގެ ހަށިގަނޑުގައި ދައުރުކުރާ ފަސް ލީޓަރުގެ ލޭގައި ގާތްގަނޑަކަށް 80 މިލިއަން ލޭގެ ރަތް ސެލްގައި މި މާއްދާތައް ދައުރުކުރާނެކަމަށް އަންދާޒާކޮށްފައެވެ.
މާސްކު އަޅައިގެން ތަޖުރިބާ ތަކުރާރުކުރި ފަހަރު، އެފްއެފްޕީ2 މާސްކު އެޅުމުން ވައި ތަޣައްޔަރުވުމުގެ މާއްދާތައް ލޭގެ ރަތް ސެލްތަކުގައި ހަރުލުން މަދުކުރެވޭކަން އެނގުނެވެ. މިއީ އެފްއެފްޕީ2 މާސްކުން ވައި ތަޣައްޔަރުވުމުގެ މާއްދާތައް ނޭވާއާއެކު ހަށިގަނޑަށް ވަންނަ މިންވަރު މަދުކުރާކަން ދައްކުވައިދޭ ފުރަތަމަ ދިރާސާއެވެ.
ޕްރޮފެސަރ ގްރިގް ވިދާޅުވީ"އަޅުގަނޑުމެންގެ ހަށިގަނޑުގައި ލޭގެ ރަތް ސެލްތަކުގެ މަސައްކަތަކީ ފުއްޕާމެއިން އޮކްސިޖަން ނަގައިގެން މުޅި ހަށިގަނޑަށް ފޯރުކޮށްދިނުން. މި ދިރާސާއިން އަޅުގަނޑުމެން ދައްކާފައި މިވަނީ ވައި ތަޣައްޔަރުވުމުގެ ކުދިކުދި މާއްދާތައް އަޅުގަނޑުމެންގެ ލޭގެ ރަތް ސެލްތައް 'ހައިޖެކް' ކުރާކަން، އެހެންކަމުން އެ މާއްދާތަކަށް ހަށިގަނޑުގެ ކޮންމެ ހިސާބަކަށްވެސް ދަތުރުކުރެވޭނެކަން."
މި ހޯދުންތަކުން ވައިގ ތަޣައްޔަރުވުމަކީ ހަށިގަނޑުގެ ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރުތައް އިތުރަށް ބޮޑުކުރާ ކަމެއްކަން ހާމަވެ، މިކަމަށް ސަމާލުކަން ދިނުމުގެ މުހިންމުކަން ވަރަށް ބޮޑަށް އިތުރުވެއެވެ.