ޚަބަރު
އަމިއްލައަށް މަރުވުން ނައްތާލުމާ ބެހޭ ޤައުމީ އިސްތިރާޖެއް އެކުލަވާލައިފި

އަމިއްލައަށް މަރުވުން ނައްތާލުމާ ބެހޭ ޤައުމީ އިސްތިރާޖު އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. / ފޮޓޯ: ޞިއްޙީ ވުޒާރާ

ފަރުދުން
02 އޮކްޓޯބަރު 2025، 03:47
02 އޮކްޓޯބަރު 2025، 03:47
ނަފްސާނީ އުނދަގޫތަކުގެ ސަބަބުން އަމިއްލައަށް މަރުވާ މީހުންގެ ޢަދަދު މަދުކުރުމަށްޓަކައި އިސްކަން ދޭން ޖެހޭ ކަންކަމާއި، އެ ކަމަށް ހުރި ލަނޑުދަނޑިތައް ހިމެނޭ ޤައުމީ އިސްތިރާޖެއް އެކުލަވާލައިފިއެވެ.
"ނޭޝަނަލް ސުއިސައިޑް ޕްރިވެންޝަން ސްޓްރެޓެޖީ" ނުވަތަ އަމިއްލައަށް މަރުވުން ނައްތާލުމާ ބެހޭ ޤައުމީ އިސްތިރާޖަކީ، ކުރިއަށް އޮތް 5 އަހަރު ދުވަހަށް އަމާޒުކޮށްގެން އެކުލަވާލާފައިވާ އިސްތިރާޖެކެވެ. މި އިސްތިރާޖު އިފްތިތާޙުކުރުމަށް ޞިއްޙީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކަން ފުރިހަމަކޮށްދެއްވީ، ޑިރެކްޓަރ ޖެނަރަލް އޮފް ހެލްތު ސަރވިސެޒް ޑރ. އަޙްމަދު އަޝްރަފެވެ. މި ޖަލްސާގައި ޞިއްޙީ ވުޒާރާ އަދި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އިސްވެރީން ބައިވެރިވެވަޑައިގެންފައިވެއެވެ.
އަމިއްލައަށް މަރުވުން މަދުކުރުމަށް އެކުލަވާލި މި އިސްތިރާޖުގެ މައިގަނޑު މަޤުޞަދަކީ، ޢާންމު ދުޅަހެޔޮކަން ކުރިއަރުވައި، ނަފްސާނީ ބަލީގެ ސަބަބުން އަމިއްލަ ފުރާނަ ނުރައްކައުތެރިކަމަށް ހުށަހެޅޭ މިންވަރު ކުޑަކޮށްދީ، މުޖުތަމަޢުގެ ވިލުންތެރިކަން އިތުރުކުރުމެވެ. ހަމަ އެހެންމެ، އިޖުތިމާޢީ، އިޤުތިޞާދީ، އަދި ޘަޤާފީ ކަންކަމުގައި މުޖުތަމަޢު ބައިވެރިކޮށް، ނާޒުކު ފަރާތްތަކަށް އަވަސް ނަފްސާނީ އެހީ ދިނުމާ އެކު ރާއްޖޭގެ ނަފްސާނީ ޞިއްޙަތުގެ ނިޡާމު ހަރުދަނާކުރުމަކީ ވެސް މި އިސްތިރާޖު އެކުލަވާލުމުގެ މުހިންމު ސަބަބެކެވެ.
ޞިއްޙީ ވުޒާރާއިން އެކުލަވާލަފައިވާ މި އިސްތިރާޖުގައި، ނަފްސާނީ ބައްޔެއްގެ ސަބަބުން އަމިއްލައަށް މަރުވުމުގެ ޢަމަލުތައް ހުއްޓުވުމަށް އަމާޒުކޮށްގެން އެކި ދާއިރާތަކަށް އިސްކަންދިނުމަށް ވަނީ ކަނޑައެޅިފައެވެ. މި ގޮތުން، ނަފްސާނީ ބައްޔެއްގެ ސަބަބުން އަމިއްލައަށް މަރުވުން ހުއްޓުވުމާ ގުޅޭ ސިޔާސަތުތައް ބައްޓަންކުރުމާއި، އިޖުތިމާޢީ ހުނަރުތައް ދަސްކޮށްދިނުމާއި، ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތަކަށް ފަސޭހައިން ވާޞިލުވެވޭނެ މަގު ތަނަވަސްކުރުން މި ކަންކަމުގެ ތެރޭގައި ހިމެނެއެވެ.
ނާޒުކު ޙާލަތްތަކުގައި ތިބި ފަރާތްތައް ދެނެގަތުމާއި، ވަޤުތުން އެ ފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޡާމުތައް ހަރުދަނާކުރުމާއި، ސުމޭކު ވަސީލަތްތައް މެދުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުމާއި، އަދި ބެލެނިވެރީންގެ ބައިވެރިވުން އިތުރުކުރުން ފަދަ މުހިންމު ފިޔަވަޅުތަކެއް ވެސް، މި ޕްލޭންގެ ތެރޭގައި ހިމެނިގެންވެއެވެ. އަދި މި އިސްތިރާޖުގެ ސަބަބުން، މި ފަދަ މައްސަލަތަކަށް ހުށައެޅޭ ފަރާތްތައް އަވަހަށް ދެނެގަނެވި، އިތުރު މަދަދުވެރިކަން ބޭނުންވާ ފަރާތްތަކަށް ރިފަރަލްގެ ޚިދުމަތް ފޯރުކޮށްދެވި، ފަރުވާގެ ޕްރޮގްރާމްތަކުގައި ދެމިތިބުމަށް ބާރުއެޅި، ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެއެވެ.
ނަފްސާނީ ބައްޔެއްގެ ސަބަބުން އަމިއްލައަށް މަރުވުމަކީ ދުނިޔޭގެ ޢާންމު ޞިއްޙަތަށް ހުރި ބޮޑު ނުރައްކަލެކެވެ. ކޮންމެ އަހަރަކު 720،000 (ހަތް ލައްކަ ވިހި ހާސް)އަށް ވުރެ ގިނަ މީހުން މި ކަމަށް ހުށައެޅޭ އިރު، މިއީ އެޗް.އައި.ވީ./އެއިޑްސް، ހިމަބިހި، އުރަމަތީގެ ކެންސަރު ފަދަ ބަލިތަކުން މަރުވާ މީހުންގެ ނިސްބަތަށް ބަލާ އިރު މާ އިތުރު ޢަދަދެއް ކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގައި އެއްކުރެވިފައިވާ ތަފާސް ޙިސާބުތަކުން ދައްކާ ގޮތުގައި، ގެވެށި އަނިޔާ ތަޖުރިބާކުރި އަންހެނުންގެ ތެރެއިން %18.7 އަންހެނުން އަމިއްލައަށް މަރުވުމުގެ ޚިޔާލު ގެންގުޅެފައިވެއެވެ. އަދި ގެވެށި އަނިޔާ ތަޖުރިބާކުރި އަންހެނުންގެ ތެރެއިން %14 އަންހެނުން ވަނީ އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައި ކަމަށް ވެސް މި ތަފާސް ޙިސާބުތަކުން ދައްކައެވެ.
ރާއްޖޭގެ ޢާންމު އާބާދީން ވެސް، ކޮންމެ 20 މީހަކުން އެކަކު، އަމިއްލަ ނަފުސަށް ގެއްލުންދިނުމުގެ ނުވަތަ އަމިއްލައަށް މަރުވުމުގެ ފިކުރުތައް ގެންގުޅެފައިވާ ކަން ފާހަގަވެފައިވެއެވެ.
މުޖުތަމަޢުގެ ޙާލަތު އަދު ބަދަލުވަމުންދާ ފަދައިން، ތަފާތު އެކި ސަބަބުތަކާ ހުރެ ގިނަ ބަޔަކު ވަނީ ނަފްސާނީ ޞިއްޙީ އުނދަގޫތަކާ ކުރިމަތިލާން މަޖުބޫރުވެފައެވެ. މީގެ ތެރޭގައި އެކަށީގެންވާ ތަޢުލީމީ ފެންވަރެއް ނެތުމާއި، ފައިސާގެ ދަތިކަމާއި، ޖިންސީ ގޯނާ ކުރެވުމާއި، ގެވެށި އަނިޔާގެ ޝިކާރައަކަށް ވުމާއި، މަސްތުވާ ތަކެތި ގިނަ ދުވަހު ބޭނުންކުރުމުގެ ސަބަބުން ނަފްސާނީ ބަލިތަށް ކުރިމަތިވާ މީހުންގެ ޢަދަދު ވަކީން ގިނަ ކަން ފާހަގަކުރެވެއެވެ.
ކޮވިޑް-19ގެ ޢާލަމީ ވަބާއާ ގުޅިގެން، ނަފްސާނީ ޞިއްޙަތުގެ ބަލިމަޑުކަން 2020ވަނަ އަހަރު ދެ ގުނައަށް އިތުރުވެ، ޑިޕްރެޝަނާއި ހާސްކަމާއި، އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި، އަމިއްލައަށް މަރުވުމުގެ މައްސަލަތައް އިތުރުވަމުން ގޮސްފައިވާ ކަން ހާމަވެގެން ދިޔައެވެ.
ރާއްޖޭގައި ނަފްސާނީ ބައްޔެއްގެ ސަބަބުން އަމިއްލައަށް މަރުވާ ޙާދިޘާތައް އިތުރުވަމުން ދިއުމާ ގުޅިގެން، މި ކަމަކީ ޤައުމީ ފެންވަރުގައި ނައްތާލަން ޖެހޭ ނާޒުކު މައްސަލައަކަށް ވަނީ ވެފައެވެ. މި ކަންބޮޑުވުން އިތުރުވަމުންދާ މިންވަރަށް ބަލާ އިރު، މިއީ މުޖުތަމަޢުގެ އުފެއްދުންތެރިކަމަށް ނޭދެވޭ އަޘަރު ފޯރުވާ ގޮންޖެހުމެއް ކަން ފާހަގަކުރެވެއެވެ. މިއީ އެހީތެރިކަން ހޯދުމަށް ހުރަސްއެޅޭ ފަދަ ސްޓިގްމާ އާއި ނުރަނގަޅު ޚިޔާލުތަކާ ގުޅިފައިވާ މައްސަލައެއް ކަމަށްވެފައި، އަދި މި ފަދަ ކަންތައްތަކުން ސަލާމަތްވާން މަސައްކަތްކުރާ މީހުންނާ މެދު ގިނަ ފަހަރަށް ޢާއިލާތަކާއި މުޖުތަމަޢުގެ ނުރުހުމާއި ދެކޮޅުވެރިކަން ކުރިމަތިވުމަކީ، މި މައްސަލަ ޙައްލުކުރަން އިތުރަށް އުނދަގޫވާ ސަބަބެކެވެ.
Highlights from the launch of the National Suicide Prevention Strategy, a major step in strengthening systems, services, and communities to save lives.@MoHmv pic.twitter.com/eZl17QqlKy
— National Mental Health Department (@nmhdmv) October 2, 2025